ކައުންސިލްތަކުގެ މެންބަރުން ގައުމީ މަޖިލީހުގައި ތިބޭނަމަ ލަމަރުކަޒީ ނިޒާމުން ޕާޓީ ހިގުމަށް އިތުރަށް ފަހިވާނެކަމަށް އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭ ކޮންގްރެސްމަނުންގެ ގޮތުގައި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނަށް ބައިވެރިނުވެވޭނެ ފަދަ އިސްލާހެއް ހިމެނެއެވެ. މިކަމުގެ ހުއްޖަތެއްކަމުގައި ފާހަގަކޮށްފައިވަނީ ގޮފިތައް ހިގަންވާ މިންވަރަށް ނުހިގުމެވެ.
އެ އިސްލާހު އެގޮތަށް އޮތުމުން ރައީސް ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ގޮފިތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތަކާމެދު ކޮންގްރެސްގައި މަޝްވަރާ ކުރުމަށް އެދިވަޑައިގެންފައެވެ. އެކަމުގެ ސަބަބުން ޕާޓީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ފަސޭހަވާނެކަމަށް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.
”ކައުންސިލްތަކުގެ އެއްވެސް ދައުރެއް މީގަ ހިމެނިފަ އޮތްތައް ފެންނާކަން ނެތް. އެހެންވީމާ މިއަދު އިސްލާހު ކުރެވިގެންދާއިރު، ކޮންމެސް ސިފައަކަށް ގައުމީ މަޖިލީހުގައި ކައުންސިލްތައް އަދި މާ ގިނަ ބަޔަކު ގެންނަކަމުގައިވާނަމަ، އެންމެ ކުޑަވެގެން ސިޓީ ކައުންސިލްތައްކުގެ ބައިވެރިވުން، މޭޔަރުން ނަމަވެސް އޭގަ ތިބޭ ގޮތަށް އިސްލާހު ގެނެވިގެން ގޮއްސިނަމަ އަޅުގަނޑުމެން ލާމަރުކަޒީ އުސޫލުން ޕާޓީ ހިންގަން މިކުރާ މަސައްކަތުގައި އިތުރު ބާރަކަށް ވާނެ“
ކޮންމެ ރަށެއްގައިވެސް 50 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގޮފިތަކެއްވާއިރު، ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުން ބައިވެރިވުމުގެ ފުރުސަތު މިހާރުއޮވެއެވެ. މިހާރު ހުށައަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ ކޮންގްރެސްއަށް މަންދޫބުންގެ ގޮތުގައި ގޮފިތަކުގެ ރައީސުންނަށް ނާދެވޭނެކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ އެ ގޮފިުތަކަށް ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރާއިރު، ޕާޓީގެ ކޮންގްރެސްފަދަ ބޮޑެތި ބައްދަލުވުންތަކުގައި އެ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ގޮފިތައް ރަނގަޅަށް ހިންގަން ބޭނުންވާކަމުގައިވަނީ ނަމަ ޕާޓީގެ ހަރަކާތްތަކުގައި ގޮފިތަކުގެ ރައީސުންނަށް މިހާރަށްވުރެ ބޮޑަށް ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސުން މުހިންމުކަމަށެވެ.
އޭގެ އިތުރުން މިހާރަށްވުރެ ބޮޑަށް ގޮފިތައް ހަރަކާތްތެރިވާ އުސޫލުތަކެއްވެސް ޕާޓީގެ ހިންގާ ގަވާއިދުގައި ހިމަނަންޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރެއްވީ އެންމެންގެ ހިޔާލު އެއްގޮތް ކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އެގޮތުން, މިހާރު އިސްލާހު އޮތް ގޮތާއި, ގޮފިތަކުގެ ހިއްސާ އޮންނާނެ ގޮތެއް ހޯދުމަށް ވިސްނާލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސް ނަޝީދު ވަނީ ބައެއް ގޮފިތަކުގެ މަންދޫބުން ކޮންގްރެސްގައި ބައިވެރިވެފައިވަނީ ގަާއިދާއި ހިލާފަށްކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވުމާއިއެކު ރިޔާސަތަށް ވެސް ތަން ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ކޮންގްރެސްގެ ބައިވެރިން ވަނީ ނުރުހުންވުން ފާޅުކޮށްފައެވެ.
އޭގެފަހުން ވާހަކަ ދެއްކެވި ބައެއް މަންދޫބުން ވަނީ ރައީސް ނަޝީދަށް ރައްދުދީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން, ގޮފިތައް އިންތިހާބުވެފައިވަނީ ގަވައިދާ އެއްގޮތަށް ކަމާއި ނަަމަވެސް, ސިމެންތި ގަށާ މެޝިނާއި ގޯނި ފަދަ ތަކެއްޗަށް ނެގި ވޯޓާމެދު ސުވާލު އުފެދޭ ކަމަށް ބުނެފައިވެ އެވެ. އޭނާ އިޝާރާތް ކުރީ 2018 ވަނަ އަހަރު ނަޝީދު ކާމިޔާބު ކުރެއްވި ކަމަށް ބުނާ އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބަށެވެ.

