އަންނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ދެފުށް ފެންނަ މިނިވަން އިންސާފްވެރި އިންތިހާބަކަށް ވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މަޖިލީޙުގެ އިދާރާގައި ބޭއްވި ރަސް،މީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އަދި އެ އިންތިހާބު ވާން ޖެހޭނީ ދެފުށް ފެންނަ މިނިވަން އިންސާފްވެރި އެންމެންނަށް ބައިވެރިވެ އެ މީހަކު ބޭނުންވާ މީހަކަށް ވޯޓު ލެވޭނެ އިންތިހާބަކަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ވާން ޖެހޭނީ ދިވެހިރާއްޖޭގެ ގާނޫނު ތަންދޭ އެންމެންނަށް ބައިވެރިވެވޭ އިންތިހާބަކަށް ކަމަށެވެ. އަދި އެކަން އެގޮތަށް ވުމަކީ ކޮންމެހެން ވެސް ބޭނުންނެތެރި ކަމެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލްތަކުގެ ބޭއްވޭ އިންތިހާބަކަށް ވެގެން ދާނެ ކަމަށް އެމަނިކުފާން ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދި ރާއްޖޭގެ ޑިމޮކްރެސީ އެއްދުވަހުން އެނެއް ދުވަހަށް ފައްކާވެ ކުރިއަރަމުންދާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަމްމަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފްވެރި ދެފުށް ފެންނަ އިންތިހާބަކަށް ވާން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

