މިއަހަރު ހައްޖަަށް ދިޔުމަށް އާންމުންނަށް ހުށަހެޅުމަށް ހުޅުވާލި 100 ހައްޖު ކޯޓާގެ ދަށުން ގުރުއަތުން ނެގުނު މީހުންގެ މައުލޫމާތު ސާފުވާނެހެން އާއްމުކޮށްފައިނުވުމުން އެކަމުގެ ޝަކުވާ ކޮށްފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދުދާއިރާގެ މެމްބަރު، އިބްރާހިމް ރަޝީދު ވަނީ މިކަމާއި ގުޅިގެން ލިޔުމުން ޖަވާބު ހޯދުމަށް އެދި އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރާ ސުވާލު ކުރައްވާފައެވެ.
“1443ވަނަ އަހަރު ހައްޖު ދަތުރާއި ގުޅިގެން އާއްމުންނަށް ހުޅުވާލި ފުރުޞަތުގައި ހައްޖަށް ދިޔުމަށް އެދި ކުރިމަތިލީ ގިނަ ފަރާތްތަކެއްގެ މެދުގައި ގުރުއަތުން ނެގުނީ ކޮން ފަރާތްތަކެއްކަން ތަފްސީލުކޮށް، އާންމުންނަށް އެނގޭނެ އުޞޫލުން، އެމީހުންގެ މައުލޫމާތު ހިމަނައިގެން ލިސްޓު އާންމު ކުރުމުގެ ބަދަލުގައި ހަމައެކަނި އައިޑީކާޑު ނަންބަރު ހިމެނޭ ލިސްޓެއް އާންމު ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟ އަދި އެފަރާތްތަކިުގެ ނަމާއި އެޑްރެސްފަދަ މައުލޫމާތުތައް އާންމު ނުކުރެއްވީ ކީއްވެތޯ؟ “ އިބްރާހިމް ރަޝީދު ސުވާލުކުރެއްވިއެވެ.
މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަލީ ޒާހިރު ވިދާޅުވީ، ހައްޖު ދަތުރަށް ގުރުއަތުން ނެގުނު ފަރާތްތަކުގެ އައިޑީކާޑު ނަންބަރު އާންމުކޮށްފައިވަނީ، އެ ނަންބަރަކީ ޔުނިކް އައިޑެންޓިފިކޭޝަން ނަންބަރަކަށް ވުމުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު އާންމުނުކުރުމަށް ކަމަށްވެސް މިނިސްޓަރުގެ ޖަވާބުގައިވެއެވެ.
“ލިސްޓު އާންމުކުރުމުގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އާންމުކޮށްފައިވަނީ، ޔުނިކް އައިޑެންޓިފިކޭޝަން ނަންބަރެއްކަމުން، އެނަންބަރާއިއެކު ލިސްޓު އާންމުކުރުމުން، އެފަރާތްތަކުގެ ޒާތީ ގިނަ މައުލޫމާތުތަކެއް އާންމުނުކޮށް އެފަރާތްތަކަށް ޖާގަލިބުނުކަން އަންގައިދިނުމަށެވެ.“ މިނިސްޓަރު ގެ ޖަވާބުގައި ވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއިމެދުވެސް މެންބަރު ރަޝީދުވަނީ ސުވާލުކޮށްފެއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އާންމުކޮށް ސައުދީ އިން ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ އަދަދަކީ 1000 ކޯޓާކަމަށާއި އިތުރު 1500 ކޯޓާއަށް އެދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ސައުދީ ރަސްގެފާނަށް ސިޓީފުޅެއް ފޮނުވާފައިކަމަށާއި ފެބްރުއަރީ 8 ވަނަ ދުވަހު ސައުދީ ސަރުކާރުގެ ޖަވާބެއް ލިބިފައިވޭތޯ ބެލުމުން ޖަވާބެއް ލިބިފައި ނުވާކަމަށެވެ.
ރާއްޖޭއަށް ކޮންމެ އަހަރަކު ލިބޭ ކޯޓާގެ އަދަދަކީ 1000 ކޯޓާއެވެ. އަދި މިއަހަރު ހައްޖަށް ދިޔުުމަށް ހައްޖު ކޯޕަރޭޝަނުން އާންމުންނަށް ހުޅުވާލީ 100 ކޯޓާއެވެ.

