ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާ ރައީސް ނަޝީދަށް: ގޭ ބަދިގޭގައި އުޅުއްވާހެން މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަންނާނެ ކަމެއް ނޫން !

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގޭ ބަދިގޭގައި އުޅުއްވާހެން މަޖިލީހުގައި އުޅުއްވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ހެއްކާއި ބެހޭ ބިލަށް ހުށައެޅިފައިވާ އިސްލާހަށް  ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ  މަޖިލިސް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ހިނގާނަމަ، ހުރިހާ މަޖިލިސް މެމްބަރުން ވެސް ވަރަށް އުފާވާނެ ކަމަށެވެ.

އެކަމު އެހެނެއް ނޫނެއްނޫންތޯ ކަންތައްތައް ވަމުންދަނީކީ އެއް ؟ މި މަޖިލީހުގެ ގަވާއިދަކީ މިހާރު ހަމައެކަނި މިތާ ކަރުދާހެއްގައި ލިޔެވިފައި އޮތް އެއްޗެއް. މަޖިލީހުގެ ރިޔާސަތުގެ މޭޒުމަތީ އޮތް ގަވާއިދާ މަޖިލީހުގެ މެމްބަރުންގެ މޭޒުމަތީގައި އޮތް ގަވާއިދާ އެއީ ދޭއްޗެއް ހެންވެސް އަޅުގަނޑުމެންނަށް އެބަ ބައެއްފަހަރަށް އެބަ ހީވޭ. އިއްޒަތްތެރި ރައީސް. ފުރުސަތު ދިނުމުގައި އެކިމީހުންނަށް އެކި ގޮތަށް އެކި އިއްޒަތްތެރި މެމްބަރުންނަށް އެކި ގޮތަށް ވަގުތު ދެއްވަމުން ގެންދާތަން އަޅުގަޑުމެންނަށް ފެނިގެން އެބަދޭ.

ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސް ގަވާއިދާއި ހިލާފްވާ ވާހަކަ ދައްކަން ބޭނުންވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވަނިކޮށް ކަމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެވަގުތު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވީ ގިނަވަގުތު މިހާރު ރިޔާސަތުގައި އިންނަވަނީ އަފީފް ކަމަށެވެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އިއްޒަތްތެރި ރައީސް. މިއަދުވެސް ކޮމިޓީގެ މަރުހަލާ ހިނގަމުންދިޔައިރު، ކޮމިޓީއަށް ކޮމިޓީގެ މަރުހަލާގެ ވަގުތު ދިގުކުރުމަށް މެމްބަރުން ހުށައަޅައި އެއަށް ތާއީދު ލިބުނީމަ ވޯޓަށް އަހަންޖެހޭ. އަޅުގަނޑު މި މަޖިލީހުގައި މިއިންނަނީކީއެއް މިއަދަކު އެކަންޏެއް ނޫން. އަޅުގަނޑު މި މަޖިލީހުގައި އިންނަތާ މިހާރު ގާތްގަނޑަކަށް ފަނަރަ އަހަރު ވާން މިކައިރިވަނީ. މިއޮތް ހުރިހާ ދުވަހުވެސް މަޖިލީހުގެ ކޮންމެ ކޮމިޓީއެއްގައިވެސް އެކޮމިޓީގެ ވަގުތު އިތުރުކުރަން މެމްބަރުން ހުށައަޅައިފިކަމަށް ވަންޏާމު އެ ވަގުތު އިތުރުކުރަން ތާއީދު ލިބުނީމަ އެވޯޓަށް އަހާ. މި މަޖިލީހުގެ ޖަލްސާ ކުރިއަށްދާއިރު ވަގުތު އިތުރުކުރަން މެމްބަރުން އެދިފިކަމަށް ވަންޏާމުން އެއަށް ވޯޓަށް އަހާ. އެކަމު ވަރަށް ހުދުމުހުތާރު ކަމާއެކީގައި މިއަދުވެސް ނިންމެވީ ވަގުތުއިތުރުކުރާކަށް ތިމަންނައެއް ބޭނުމެއް ނޫނޭ. އެހެންވީމަކާ އެވޯޓަކަށް ވެސް ނާހާނަމޭ. ތިމަންނަ މިއޮތީ މިހާރު އެވާހަކަ އެއް ނުވެސް ދެއްކޭނެއޭ. އަޅުގަނޑުމެންނަށް މިހާރު މިވަގުތު ފެނިގެން މިދަނީ މި މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރު ކޮށް މަޖިލިސް ހިންގަވާ ރައީސް.

ރޮޒެއިނާ ވިދާޅުވީ އެވާހަކަ ދައްކަން ޖެހޭތީ ހިތާމަކުރާ ކަމަށެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މިތާނގައި މަސީހު މިގޮތަށް ކަންތައް ކުރައްވަމުން ދިޔައިރުގައި އަޅުގަނޑުމެން މިތާނގައި އިހުތިޖާޖު ކޮށް މިކަމާ ދެކޮޅަށް ވާހަކަދެއްކީ. ހަތަރު އަހަރު ވަންދެން އަޅުގަނޑުމެން މިތިބެނީ އަޅުގަނޑުމެން ވަރަށް ކެތްކޮށްގެން މިވާހަކަ ނުދައްކާ ތިބެވޭތޯ. ފުރަތަމައިނުން މަޖިލިސް ފަށައިގެން އައިއިރުގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދަކީ ތިމަންނާއޭ. އެގޮތަށް އަމަލުކުރަމުން ދާތަން މިހާރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. މިވާހަކަ ނުދައްކާ ދެން ތިބެވޭކަށެއް އަޅުގަނޑުމެންނަކަނަށް ނެތް އިއްޒަތްތެރި ރައީސް.

ރޮޒެއިނާ ވިދާޅުވީ މަޖިލިސް ހިނގަންޖެހޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

މަޖިލީހުގައި މަޖިލީހުގެ ރައީސް މަޖިލީހުގެ ބަހުސްއަކު ބައިވެރިއެއް ނުވެވޭނެ. އެކަަމު ތަކުރާރުކޮށް އަޅުގަނޑުމެން މެމްބަރުން ބަހުސްކުރަން އޮންނަ ވަގުތަށް އަޅުގަނޑުމެންނަށް މިފެންނަނީ، މަޖިލީހުގެ ރައީސް އެވަގުތު ނަންގަވައިގެން ހުރިހާ ކަމެއްގެ ތެރެއަށް ވަދެވަޑައިގެން ހުރިހާ ވާހަކަތަކެއް ދައްކަވަމުން ގެންދަވާތަން. ސުވާލުގެ ގަޑީގައި މިނިސްޓަރު ދެއްވަންވާ ޖަވާބުވެސް އެނގެނީ މަޖިލީހުގެ ރައީސް އަށް. މެމްބަރުން ކުރަންވީ ސުވާލުވެސް އިނގެނީ މަޖިލީހުގެ ރައީސް އަށް. އަދި އެ ޖަވާބު ދިނީމަ އޭގެ ތަރުޖަމާ އަނެއްކާ މަޖިލިސް މެމްބަރުންނަށް މިދައްކަނީ ދިވެހި ބަހުންނެއް ނޫނޭ ހިތަށްއަރައިގެން ތަރުޖަމާ ދެއްވަން އެބަ އުޅުއްވާ. މިދަރައަށް ދިޔައިމަ އަޅުގަނޑުމެންނަށް މިތާނގައި މަސައްކަތް ކުރަން ވަރަށް އުނދަގޫ އިއްޒަތްތެރި ރައީސް. އަޅުގަނޑު މެންނަށްވެސް އަންޑަރސްޓޭންޑް ވޭ. މިވަގުތު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ބޭފުޅާ އަކީ ކުރީގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ހުރި ބޭފުޅެއްކަން. އެހެންނަމަވެސް މިއީ ރައީސް އޮފީހެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މިތާނގައި މަޖިލީހުގެ ސްޕީކަރަކަށް ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައި އޮންނަ ބާރުތަކެއް ނޯވޭ. މިތާ މަޖިލިސް ހިނގަން ޖެހޭނީ މަޖިލިސް ގަވާއިދާ އެއްގޮތަށް. މިތާނގައި ބާރު އޮންނާނީ މަޖިލިސް މެމްބަރުންގެ. ތި ގޮނޑީގައި އިންނަވާ ބޭފުޅަކީ މިތާނގައި ކަންތައްތައް ސްމޫތްކޮށް ހިނގާތޯ ބައްލަވަން އިންނަވާ ބޭފުޅެއް. މަޖިލީހުގެ ރައީސް އަށް ހުންނަވައިގެން މަޖިލީހުން ނުނިންމާ ސިޓީތައް ތަންތަނަށް ފޮނުވާ މަޖިލީހުގެ ނަމުގައި. މަޖިލީހުގެ ކޮމިޓީ ތަކަށް މައްސަލަ ތައް ފޮނުވައި މިކަންކަމެއް ނުކުރެއްވޭނެ. އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ހުރިހާ މެމްބަރުންވެސް މިއަދު އެބަޖެހޭ މި މަޖިލިސް ގަވާއިދާ އެއްގޮތަށް ހިނގާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަން.

ރޮޒެއިނާ ވިދާޅުވީ މިހާރު މަޖިލީހުގެ ރިޔާސަތުން ކަންތައްތައް ކުރަމުން ގެންދާ ގޮތުން މަޖިލީހުގައި މަސައްކަތް ކުރަން އުނދަގޫ ކަމަށެވެ.

ރޮޒެއިންާ ވިދާޅުވީ ސުވާލުގެ ވަގުތުގައި މަޖިލީހުގެ ގަވާއިދުގައި ސުވާލު ކުރެވޭނެ ގޮތް އެބައޮތް ކަމަށާއި ސުވާލު ކުރަންޖެހޭނީ ކޮން ދާއިރާއެއްގެ ތެރެއިން ކަން އެނގެން އޮތް އިރުގައި ވަޒީރުން މަޖިލީހަށް ހާޒިރުވުމުން ހިތުހުރި ގޮތަކަށް ކަންތައްތައް ކުރަމުން ދާކަމަށް ރޮޒެއިނާ ތުހުމަތު ކުރެއްވިއެވެ.

އަޅުގަނޑުމެން މިހާރު ސުވާލު ކުރަން ނުތެދުވަނީ އެހެންވެގެން. މިއީ ގަވާއިދަކުން ސުވާލު ކުރަން އޮންނަން ޖެހޭ ކަމެއް. މިތަނަށް ރަށެއްގެ ބަނދަރުގެ ވާހަކަ އައިމަ މިތަނަށް އިމްޕޯޓް ޑިއުޓީގެ ވާހަކަ، ޓެކްސްގެ ވާހަކަ، އަނެއް ރަށެއްގެ ހޮސްޕިޓަލްގެ ވާހަކަ. މިއީ އެހެން އޮންނަ ގޮތަކަށް އޮންނަ ކަމެއް ނޫން. ތަކުރާރުކޮށް އަޅުގަނޑުމެންގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މަޖިލީހުގެ ރައީސް އާ މިވާހަކަތައް ދައްކަވައިފި. އެއްވެސް ކަހަލަ ކަމެއް ރަނގަޅު ކުރާތަނެއް ނުފެނޭ.

ރޮޒެއިނާގެ ވާހަކަތަކަށް ތާއީދު ކުރައްވައި ބައެއް އެހެން މެމްބަރުން ވަނީ މަޖިލީހުގައި ގަވާއިދާއި އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: