ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހޭތީ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެދި މަޖިލީހަށް ހުށައަޅާ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު މި ގަރާރު ހުށަހަޅާފައިވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހިފައިވާކަމަށް ފާހަގަކޮށެވެ.
އެގޮތުން މަހަކު 8.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަމުންގެންދާތީ ދައުލަތުގެ އޮފީސްތަކާއި އިދާރާތަކާއި ގުދަންތައް، ދައުލަތުގެ އިމާރާތްތަކަށް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި އެކަން އަވަސްކުރުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.
ގަރާރުގައި ބުނެފައިވާގޮތުން ގުދަންތައް ކުއްޔަށް ހިފުމަށް އަހަރަކަށް ބަލާނަމަ 102 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޭދަވާކަމަށެވެ.
މުއިއްޒުގެ ގަރާރުގައި ވަނީ ދައުލަތުގެ އިމާރާތްތަކަށް އެ އޮފީސްތަކާއި އިދާރާތްތަކާއި ގުދަންތައް ބަދަލުކުރުމުގައި ވިސްނުމާއި ޕްލޭންއެއް އޮތްކަމަށް ނުދެކޭކަމަށެވެ. އެހެންކަމުން މި ނުރަނގަޅު އާދަ ދެމިގެން ދާގޮތަށް އޮތުމަކީ، ދައުލަތުގެ ފައިސާއިން މެނޭޖުކުރުމުގައި އިސްރާފު ބޮޑުކަމަކަށްވާކަމަށާއި، އަދި މިކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެދާނެކަމަށް މުއިއްޒު ހުށައެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ގަރާރު ހުށައަޅުއްވާފައިވަނީ ދައުލަތުގެ އޮފީސްތަކާއި އިދާރާތްތައް ހިންގުމަށް އެކަށީގެންނުވާ ތަންތަނުގައި، އެތަންތަން ހިންގުން ހުއްޓުވުމަކަށް ގެނައުމުގެ ބޭނުންތެރިކަން އޮތްކަމަށް ފެންނާތީ އާއި ހިދުމަތް ހޯދުމަށް ދާ ފަރަތްތަކަށްވެސް ހިދުމަތް ހޯދުމަށް ފަސޭހަވާނެގޮތަށް ދާއިމީ ހައްލެއް ހޯދުމުގެ ބޭނުންތެރިކަން އޮތްކަމަށް ފެންނަކަމަށް ފާހަގަކޮށެވެ.
މީގެ އިތުރުން ގަރާރުގައި ވަނީ އެ ފައިސާ ހަރަދުކުރުމަށް ހައްލެއް ގެނެވިއްޖެނަމަ ދައުލަތުގެ އެހެން ތަރައްގީގެ މަޝްރޫއުތަކުގެ އިތުރަށް އާންމު ރައްޔިތުންނާއި ސީދާ ގުޅުން ހުރި ކަންކަމަށް ހޭދަކުރެވޭ ފައިސާ އިތުރުވާނެކަމަކައްވާނެކަމަށެވެ.
ގަރާރުގައި އެދިފައިވަނީ ދައުލަތުގެ ކަމާއިބެހޭ އިދާރާތްތައް މަޖިލީހަށް ހާޒިރުކޮށް އެކަމަށް އަވަސް ހައްލެއް ގެނެގަތުމަށެވެ.

