މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރަން އުޅުމުގެ ބަދަލުގައި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުން މުހިންމުކަމަށް ދެކޭކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.
ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން މަޖިލީހަށް އަރުވާފައިވާ ލަފާގައިވާގޮތުން، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 2023 ވަނަ އަހަރު ޓެކްސް ބޮޑު ކުރަން ނިންމި ނިންމުމަކީ ދުނިޔޭގެ މާލީ ވުޒާރާތަކުންވެސް ކުރުމަށް އިރުޝާދު ދީފައިވާކަމެއް ނަމަވެސް، އެ ކަން ކުރުމުގެ މައިގަނޑު ބޭނުން ކަމަށް ވާ ދައުލަތުގެ ޑެފެސިޓު ކުޑަ ކުރުމުގެ މަގުސަދު، މިހާރު ހުށައަޅާފައިވާ ބަޖެޓާއި އެކު ހާސިލު ނުވެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން މި ދަނޑިވަޅަކީ ދުނިޔޭގެ މާކެޓުގައި ތަކެތީގެ އަގުތައް އުފުލި، އިގްތިސާދަށް ހީނަރުކަމެއް އައިސްފައިވާ ވަގުތެކެވެ. އެހެން ކަމުން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓެކްސް އިތުރު ކުރުމުގެ ބަދަލުގައި ހަރަދު ކުޑަ ކުރުމަށް އިސްކަން ދިނުން މުހިންމުކަމަށް ދެކޭކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްއެމްއޭއިން ވަނީ ހަރަދުތައް ހަމަޖެއްސުމަށް ގެންގުޅެމުންދާ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ.

