އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އުރީދޫން މި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނެއެވެ.
މި ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމަދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.
އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް ފައިސާގެ ހިދުމަތް ތައާރަފުކޮށް ދެއްވުމަށް ފަހު އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ، އުރީދޫ އިން މަސައްކަތް ކުރަނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް، އާއްމުންނަށް ލުއި ފަސޭހަކަން ފޯރުކޮށް ދިނުމަށް ކަމަށެވެ. ޕެޓްރޯލް ޝެޑުތަކަށް އެމް ފައިސާގެ ހިދުމަތް ތައާރަފު ކުރުމުން ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ހުރިހާ ޝެޑަކުން ވެސް އެމް ފައިސާގެ ހިދުމަތް ލިބޭނެ ކަމަށެވެ.
އެމް ފައިސާގެ ހިދުމަތް އެފްއެސްއެމަށް ތައާރަފުކުރުމާ ގުޅިގެން އުރީދޫން ވަނީ އެމް ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެމް ފައިސާ ގެ ހިދުމަތް ބޭނުންކޮށްގެން އެފްއެސްއެމް އަށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ލަކީޑްރޯއެއް ބާއްވާނެ އެވެ. އެ ލަކީޑްރޯއިން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ކިންސްޓަން ފިހާރަ އިން ދޭ ފިނޯ ސައިކަލެއް ލިބޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

