ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ސަރުކާރަށް ހަތަރެއް: އެސެޓް ރިކަވަރީ ކޮމިޝަނަށް ކާންދީ ބޮޑު ކުރުމަށް ފަހު، އުވާލީ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާއަށް ކޮރަޕްޝަނާއި ވައްކަން އޮތް ތަނެއްގައި، އެ މޫތައް ނައްތާލާނެކަމުގެ ވައުދާއި އެކު އެމްޑީޕީން ރައްޔިތުންނަށް ދެއްކީ ”ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން“ ގެ ސިޔާސަތެކެވެ. މުވައްސަސާތަކާއި، އިދާރާތަކަށް ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތަތީ ވެރިކަމުގެ ހުވާ ކުރި ދުވަހު އެކި ނަންތަކެއް ދިނުމަށް ފަހު ރިޔާސީ ކޮމިޝަންތަކެއް އުފެއްދެވި އެވެ. މި ބުނާ ”ތަހުގީގީ ކޮމިޝަން“ މެމްބަރުންނަކީ އެފަދަ އެއްވެސް ދާއިރާއެއްގެ ތަޖުރިބާއެއް ނުވަތަ އެ ދާއިރާގެ މާބޮޑު އިލްމެއް ނެތް ބޭފުޅުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ އެވެ.

އޭގެ ސަބަބުތައް ބައިވަރެވެ. ނަމަވެސް ތަފްސީލަކަށް ދާކަށް ނެތީމެވެ. މިވަގުތު ހަމައެކަނި އަލިއަޅުވާލަން ބޭނުން ވަނީ، ރައީސް ޔާމީނުގެ ވައްކަން ބެލުމަށް މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނަށެވެ. ދައުލަތަށް ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯދުމަށާއި، ޚިޔާނާތައި ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފެއްދެވި ”ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ“ ގެ މެމްބަރުންނަށް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ދިނުމަށް ފަހު އުވާލީ މިދިޔަ މާޗު މަހު އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި، 2021 ވަނަ އަހަރުގެ ނިޔަލަށް އެ ކޮމިޝަނުގެ މެމްބަރުންނަށް ކުރި 10 މިލިއަނަށް އަރަ އެވެ. 2018 ގައި ކޮމިޝަނަށް ތިން ލައްކަ ރުފިޔާ ހަރަދު ކުރި އެވެ. މީގެ ތެރެއިން ދެ ލައްކަ ރުފިޔާ ހަރަދު ކޮރީ ކޮމިޝަނުގެ މެމްބަރުންގެ އެލަވަންސަށާއި މުސާރައަށެވެ. އޭގެ ޖެހިގެން އައި އަހަރު ކޮމިޝަނަށް ކުރި ހަރަދު 04 މިލިއަނަށް އަރަ އެވެ. އެއީ މެމްބަރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހޭދަ ކުރި 2.1 މިލިއަން ރުފިޔާ ހިމެނޭހެންނެވެ. މި މުއްދުގެ ތެރޭގައި، ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް ހަރަދުތައް ހިނގާފައި ވެއެވެ. އޮފީސް ހިންގުމުގެ ހަރަދަށް ހޭދަކޮށްފައި ވަނީ ހަ ލައްކަ ތިރީސް ހާސް ރުފިޔާ އެވެ.

2020 ވަނަ އަހަރަކީ، ރާއްޖެ އިގްތިސާދީ ގޮތުން އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. ކޮވިޑުގެ ދަތި އުނދަގޫގެ ތެރޭގައި ކޮމިޝަނުގެ މެމްބަރުންގެ މުސާރައާއި އެލަވަންސަށް ހޭދަކޮށްފައި ވަނީ 1.6 މިލިއަން ރުފިޔާ އެވެ. ތަނުގެ މުވައްޒަފުންނަށް 1.2 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އޮފީސް ހިންގުމަށް ހޭދަވީ 69،000 ރުފިޔާ އެވެ. އެހެންކަމުން އެ އަހަރުގެ ޖުމްލަ ހޭދަ އަރަނީ 2.9 މިލިއަނަށެވެ.

2021 ވަނަ އަހަރުގެ ކޮމިޝަނުގެ މާބޮޑެތި ތަފްސީލުތައް ފެންނާން ނެތް ނަމަވެސް، އެ އަހަރުގެ ތެރޭގައި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ނޮވެމްބަރު މަހާއި ހަމައަށް 02 މިލިއަން ރުފިޔާ ދައުލަތުން ކޮމިޝަނަށް ހޭދަ ކުރި އެވެ.

2018 އިން 2021 ގެ ނިޔަލަށް ކޮމިޝަނުގެ ހޭދަތަކަށް 10 މިލިއަން ރުފިޔާ އަރަ އެވެ. މީގެ 50 އިންސައްތަ ހޭދަކުރީ ކޮމިޝަނުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތަަށެވެ. އެއީ ގާތްގަނޑަކަށް 05 މިލިއަން ރުފިޔާ އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ރައްތަށް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދި ކޮމިޝަންގެ މެމްބަރުންގެ މަސްއޫލިއްޔަތަކީ، 2012 އިން ފެށިގެން ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި، އަދި މާލީ މަންފާތަކާއި ނާޖާއިޒް ފައިދާ ނަގައި ހިންގާފައި ހުރި މައްސަލަތައް ބަލައި އެކަމުގައި ޝާމިލު ވާ މީހުންނަށް ފިޔަވަޅު އެޅުމެވެ. އަދި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ލިބޭނެ މަގެއް ހޯދުމުގެ ޒިންމާއާއި އެކު، ކޮމިޝަނަށް އޮތީ ގާނޫނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ރެރޭގައި ތަހުގީގަށް މީހުން ހާޒިރު ކުރުމާއި އަދި ދައުވާ ކުރުމުގެ ބާރު ލިބިދެ އެވެ.

ހިޔާނާތުގެ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނަމުން ނަން ދެވި ގާނޫނީ ގޮތުން ބާރުތަކެއް ދީފައިވާ ކޮމިޝަނެއް އޮއްވައި އިތުރު އެހެން ބާރުތަކެއް ދީ ރައީސް ސޯލިހު ”އަމިއްލަ ތަހުގީގީ“ ކޮމިޝަނެއް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ނުވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތްކަމަށް ބުނެ އެވެ. އެހެންވެ ”މިނިވަންކަމާއި އެކު މައްސަލަ ބަލާނެ މަގެއް“ ހޯދުމުގެ ގޮތުން ރިޔާސީ ކޮމިޝަންތައް އުފެއްދީ އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރުވެ ހަތަރު ވަނަ އަހަރާއި ގާތް ވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް އެންމެ ހޫނު އެއް މައުޟޫއަކީ ރިޔާސީ ކޮމިޝަންތަކަށް ކުރަމުންދާ ”ބޭކާރު“ ހަރަދުތަކާއި ގުޅޭގޮތުންނެވެ. ކޮމިޝަންތައް ވަގުތުން ވަގުތަށް އުވާލަން ޖެހޭކަމަށް މެމްބަރުން ގަބޫލު ކުރާ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ ބޮޑު އުންމީދެއް އޮތް އިންސާފު ލިބުމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، އެސެޓް ރިކަވަރީ ކޮމިޝަނަށް އެބޭފުޅުން އެދޭ މިންވަރަށް މައްސަލަތައް ބެލިފައި ނުވުމެވެ.

މާޗު މަހު ރައީސް ސޯލިހު އުވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތުގެ ދުވަސްތަކުގެ ތެރޭގައި މީޑިއާތަކާއި ބައްދަލު ކުރީ ދެ ފަހަރަކު އެވެ. ކޮމިޝަން އުވާލިއިރު ބައްދަލު ނުކުރާތާ އޮތީ އަހަރެއް ވެފަ އެވެ.

ކޮމިޝަން އުވާލިއިރު އެ ލިސްޓަށް ބަޔަކު އިތުރު ކުރާ ވާހަކައާއި، ނަން އުނި ކުރާ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އެ ބުނާ ލިސްޓެއް ފިޔަވައި ކުރެވުނު އެއްކަމެއް ވެސް ފެންނާން ނެތެވެ. ހާއްސަކޮށް ލިސްޓަށް ބެލުމުން، ގިނަ މީހުންނާއި އެންމެ ސުވާލެއް ވެސް ނުކުރާކަން ހާމަވި އެވެ. ނަމަވެސް ކޮމިޝަނުގެ ރައީސަކަން ކުރެއްވި އައްސަދު ދެއްކެވީ ހެކި ހޯދުމުގެ އުނދަގުލުގެ ވާހަކަ އެވެ. ކޮވިޑަކީ އަދި އެންމެ ބޮޑު ބަހަނާ އެވެ. ވެރިކަމަށް ދެ އަހަރު ފަހުން ދިމާވި، ކޮވިޑު އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް ފެއިލްކޮށްލި ސަބަބަށްވުމަކީ ޖޯކެއްގެ ގޮތުގައި ސިފަ ކުރެވެ އެވެ.

ހާއްސަކޮށް ކޮމިޝަން އުވާލިއިރު ކުރި މަސައްކަތަކާއި މެދު ސުވާލު އުފެދެ އެވެ. ހިޔަނާތް ބެލުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އަދި މިހާރު ވުޖޫދުގައި ވެސް ނެތް އެސެޓް ރިކަވަރީ ކޮމިޝަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް ސޯލިހާއި މި ސުވާލު ކުރެވިފައި ވެއެވެ. އެމަނިކުފާނު ދެއްވާ ޖަވާބަކީ މައްސަލަތައް މި ސަރުކާރުން ބަލާނެ ކަމަށެވެ. މިވެރިކަމުން ތަފާތު ދައްކާނެ ވާހަކަ އެވެ. އެބުނާ ތަފާތު ފެންނަނީ، މިބޭފުޅުންގެ ފިނޭންސް ހަރަދުތަކުން އެކަނިހެން ހީވެ އެވެ.

އެކަމަކު ނަތީޖާއެއް ނުނެރެވުނު، ކޮމިޝަނަށް ކުރި ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ވާހަކަ ކޮބާތޯ އެވެ. ތަބަކަށް ލައި އެކި މީހުންނަށް މަގާމުތައް ދީ، ނަތީޖާއެއް ނެރެވުނަސް ނުނެރެވުނަސް ދައުލަތެއް ވަރިހަމަވެފައި އޮތުމަކީ އެއީ ހެޔޮ ވެރިކަމުގެ ސިފައެއް ނޫނެވެ.

”ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް“ ގެ ސިޔާސަތުގެ ދަށުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލަައިގައި ނުފޮރަޅާ އެންމެ ގަލެއް ވެސް ނުބާއްވާނެކަމުގެ ވައުދާއި އެކު އެވެ. ނަމަވެސް ނަތީޖާއެއް ނުނެރެވޭ ކޮމިޝަނަކަށް ބޮޑެތި ހަރަދުތައް ކުރުމުގެ ބޭނުމެއް ނެތްކަން އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލު ކުރެ އެވެ. އެކަމަކު އުވާލައިގެން ވެސް ވާނެ ފައިދާއެއް ނެތެވެ. ޅަ ދަރީންތަކެއް ހެން ދައުލަތުން މި މީހުން ބަލައި ބޮޑުކޮށް ދިން މުސާރަ އާއި، ކެއުމާއި އެޅިހާ ދަތުރުތަކަށް ކުރި ހަރަދު ބޭކާރުވީ އެވެ. ހަގީގަތުގައި ހެޔޮ އެއްގޮތެއް ވެސް ނެތީ އެވެ.

ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ކޮމިޝަނެއް އުފެއްދެވުމަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް އެ ސިޔާސަތުގައި ނުހިފެ އެވެ. އަމަލުން ކަން ނުދެއްކެ އެވެ. ދިވެހީންނަށް ރައީސް ސޯލިހު ޕޯޑިއަމްތަކުގައި ފަށުވި އިބާރާތްތަކުން ކިޔުއްވިހާ ލަވަތައް އާދައިގެ މަތީން ދިވެހީންނަށް ކަމުދިޔައީ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައު މެމްބަރުންތަކެއް އައްޔަނު ކުރުމަށް ފަހު އަދި މިހާތަނަށް ދެއްކުނު ތަފާތެއް ނެތެވެ. ދެން އަނެއްކާ އެ މެމްބަރުން، މަގާމުން ވަކި ކުރުމަށް ހިފާނީ އަންނަ އަހަރު ފެށުމާއި އެކު އެވެ. އެއީ 2023 އަށް އަނެއްކާވެސް އިތުރު، ވައުދުތަކެއް ވެ ހެދުނު ގޯސްތައް އަލުން ރަނގަޅު ކުރަންކަމަށް ވެސް ބުނެ އެވެ.

ކޮރަޕްޝަން ނުހުއްޓުވިގެން އުޅެނީ ކޮމިޝަނެއް ނެތިގެން ނޫނެވެ. ގާނޫނީ ނިޒާމު ދޯހަޅިވުމަކުންނެއް ވެސް ނޫނެވެ. ވަކި މީހަކަށް ބެލުމެއް ނެތި ހިޔާނާތުގައި ބައިވެރިވާ އެންމެންނާ މެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ހަރު އަޑުން ގޮވިޔަސް، އޭގެ ފަހަތުން އޮންނަނީ ކޮންމެވެސް ނުފޫޒެއް ވައްދާފަ އެވެ. މާގާމުން ވަކި ކުރަން ޖެހިދާނެކަމަށް ބުނެ އެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ނުފުއްދުނު އިރު، މުޅި ދައުރަށް ވީ ވައުދު ފުއްދިދާނެހެން ގަބޫލު ކުރުމަކީ މޮޔަ ވިސްނުމެކެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކިހިލީ ޖަހައިގެން ބޭނުން ގޮތަކަށް ދައުލަތުގެ މުދާތައް ބޭނުން ކުރާއިރު އެ ވާހަކަ ދައްކާ މީހާ ގޯސް ވެއެވެ. އިހުލާސްތެރިކަމެއް ނެތި، އަދި ހާއްސަކޮށް ވީ ވައުދެއް ނުފުއްދުމުން ދެން ލިބޭނެ އިތުރު ދައުރެއް ނެތެވެ. މާދަމާ ކޮވިޑުގެ ބަހަނާއާއި އެކު ވެރިކަމުގެ އިތުރު ދައުރެއް ހޯދަން ދާތަން ފެންނާނެކަން ޔަގީނެވެ. އަދި ވިދާޅުވާނެ ވާހަކަ ވެސް ސާފެވެ. ކޮވިޑާއި، ރަޝިއާ ޔުކްރެެއިން ހަނގުރާމައިގެ ތެރޭގައި ދައުލަތް ހިންގުމަށް ލިބުނީ އެއް އަހަރުކަމަށް ނޫނީ ދޮޅު އަހަރުކަމަށް ބުނާނެ ދުވަސް އަދި އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހިނދެމިލައި ތެދުވެ ބަހެއްބުނެފާނެހެން ހީވާ ދީނީ އަދި ޤާނޫނީ އެންމެހާ ބޭފުޅުންނަށް ”ވަގުންބޭނި ރަތްމަހުގެ ބަދަލުގައި ވަގުންނަށް ކާންދިނީ ގުއި“ކަޅުކުރުބޭގެ ބުއްދި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: