ފަނޑިޔާރުން ޗުއްޓީ ނަގަން ބޭނުންވާނަމަ އެކަން ދުރާލާ އެންގުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެވެ.
ޖޭއެސްސީން ފޮނުވި ސާކިއުލާއެއްގައި އަންގާފައިވާ ގޮތުގައި ކޮންމެ އަހަރެއް ފެށުމުގެ ކުރިން ފަނޑިޔާރުން ޗުއްޓީ ނަގަން ބޭނުންވާ ތާރޙުތައް ދުރާލައި ކަނޑައެޅުމަށްފަހު އެކަން ޖޭއެސްސީއަށް އަންގަންޖެހޭނެއެވެ،
އަންނަ އަހަރު ފަނޑިޔާރުން ޗުއްޓީ ނަގާނަމަ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ޗުއްޓީގެ ދުވަސްތައް ކަނޑައެޅުމަށްފަހު އެކަން ޖޭއެސްސީއަށް އަންގަންޖެހޭނެ ކަމަށް ސާކިއުލަރގައި ވަނީ ބުނެފައެވެ.
ގިނަ ފަނޑިޔާރުންތަކެއްގެ ޗުއްޓީ އެއް ދުވަސްވަރަކާ ދިމާ ނުވާނެހެން ޗުއްޓީގެ ކަންކަން ރާވައި އިންތިޒާމް ކުރުމަށް ވެސް ޖޭއެސްސީން ވަނީ ފަނޑިޔާރުންނަށް އަންގާފައެވެ.
ޗުއްޓީ ނެގުމަށް ވަކި އުސޫލުތަކެއް ހަމަޖައްސަން އެންގީ ކޯޓުގެ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތެއް ހެދުމަށް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޗުއްޓީ ނެގުމުގައި އުސޫލު ކަނޑައެޅިފައިވީ ނަމަވެސް ފަނޑިޔާރަކަށް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އިސްފަނޑިޔާރުގެ އިޒުނައާއެކު ޗުއްޓީ ލިބޭނެ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

