ދިރާގު “ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022″ ފުރިހަމަކޮށް 15 ދަރިވަރަކު ދަސްވެނިމިއްޖެއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 15 އެޕްރެންޓިސްއަކަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ދިރާގުން ވަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 13 ވަނަ ބެޗަށް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވާނެކަމަށް ކުންފުނިން ބުނެއެވެ. އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ހުޅުވާލާނެކަމަށް ދިރާގުން ބުނެފައިވެއެވެ.
2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިހާތަނަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްކަމަށް ކުންފުނިން މައުލޫމާތުދެއްވައެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވެސް ވަނީ ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ދަންނަވާފައެވެ.

