ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ދިން 100 މިލިއަން ޑޮލަރަކީ ނެތެމުންދާ ފޮރިން ރިޒާވަށް ލިބުނު ވަގުތީ ހައްލެއް: ނަޝީދު

ލޯނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނަކީ ނެތެމުންދާ ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ލިބިގެންދިޔަ ވަގުތީ ހައްލެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އިންޑިއާގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ސަރުކާރުން ދީފައިވާ މި 100 މިލިއަން ޑޮލަރުގެ ލޯނަކީ ރާއްޖޭގެ ހަރަދުތައް ހަމަޖެއްސުމަށް ދީފައިވާ އެހީއެއް ކަމަށެވެ. އަދި މިއީ ރާއްޖެއަށް ލިބުނު ބޮޑު އެހީއެއްކަމަށް ސިފަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެހެން ނަމަވެސް މި ފައިސާއަކީ ނެތެމުންދާ ރާއްޖޭގެ ފޮރިން ރިޒާވަށް ލިބުނު ވަގުތީ ހައްލެއްކަމަށެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން މި ލޯނަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އޮގަސްޓު އެއްވަނަ ދުވަހާއި ހަތަރުވަނަ ދުވަހާއި ދެމެދު އިންޑިއާއަށް ކުރެއްވި ދަތުރުގެ ނަތީޖާއެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މި ލޯނުގެ ރަމްޒީ ޗެކު ހަވާލުކޮށްދެއްވުމަށް ހުންނެވީ އިންޑިއާއިން ރާއްޖެއަށް ކަނޑައެޅިފައިވާ ސަފީރު މުނޫ މަހާވަރުއެވެ.

ރާއްޖޭގެ ފަރާތުން މި ޗެކާއި ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. ޝާހިދު ވިދާޅުވާގޮތުން މި ފައިސާއަކީ ރާއްޖޭގެ އިޖްތިމާއީ ހަމަޖެހުމަށާއި ތަރައްގީއަށްޓަކައި ލިބިގެންދިޔަ ބޮޑު އެހީއެއްކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވެފައިވާގޮތުން މި ފައިސާއަކީ، ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކުގެ އިންވެސްޓުމެންޓު ސެކިއުރިޓީގެ ގޮތުގައި ލިބިގެންދިޔަ ފައިސާތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: