އިންޑިއާ ސަރުކާރުން ޝަރުތަކާއި ނުލާ ދީފައިވާ ކަމަށް ބުނާ 100 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީއިން ދެކޮޅު ހަދައިފިއެވެ.
ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ދެމެދު 100 ގާއިމު ކުރެވުނު ލޯނު އެއްބަސްވުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އޮގަސްޓު މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން ކުރެވިގެންދިޔަ މަޝްވަރާތަކެއްގެ ނަތީޖާކަމަށް ސަރުކާރުން ބުނެއެވެ.
މި ލޯނު އެއްބަސްވުން ގާއިމު ކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރާއްޖެއަށް އެ ލޯނު ލިބުނީ، ދިވެހި ޓީބިލެއް އެ ގައުމުގެ ސްޓޭޓް ބެންކް އޮފް އިންޑިއާށް ވިއްކައިގެންނެވެ. އަދި ލޯނު ދިނުމުގައި ދިވެހި ސަރުކާރަށް އެއްވެސް ޝަރުތެއް ކޮށްފައިނުވާނެކަމަށާއި، އެ ފައިސާ ދީފައިވަނީ ދިވެހި ސަރުކާރަށް ފެންނަގޮތަަކަށް ހަރަދުކޮށް އިގްތިސާދާއި އިޖްތިމާއީ ހާލަތު ހިފެހެއްޓުމައްކަމަށް އިންޑިއާއިން ބުނެފައިވެއެވެ.
އެހެންނަމަވެސް، މި ލޯނާއި ގުޅޭ މައުލޫމާތުތައް އެއްބަސްވުމުގެ ސޮއި ކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން ހިއްސާކޮށްފައިނުވާތީ ”ސަންގު“ އިންވަނީ ލޯނުގެ އިންޓްރެސްޓު ރޭޓު، ލޯނު ދައްކަންޖެހޭ ތާރީހު، އަދި ބަޖެޓަރީ ސަޕޯޓުގެ ގޮތުގައި ދީފައިވާ ލޯނެއް ކަމަށް އިންޑިއާއިން ބުނެފައިވާތީ، މި ފައިސާ ބޭނުން ކުރަނީ ކޮން އަހަރެއްގެ ބަޖެޓު ސަޕޯޓު ގޮތުގައިތޯ ހޯދުމަށް ރައީސް އޮފީސް، ފޮރިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީއަށްވެސް ތަކުރާރުކޮށް ގުޅައި، ޖަވާބެއް ހޯދުމަށް މަސަައްކަތްކޮށްފައެވެ.
ރައީސް އޮފީހުން ޖަވާބެއް ހޯދުމަށް މަސައްކަތްކުރުމުން އެ އޮފީހުންވަނީ ފިނޭންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީއަށް ގުޅުމަށް އެދިފައެވެ. ފޮރިން މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީއިން އެދުނީ ފިނޭންސް މިނިސްޓްރީއަށް ގުޅުމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޯނަށް ޖަވާބު ނުދެއްވާއިރު، ޖަވާބެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ފިނޭންސްގެ އިސް ފަރާތްތަކުން ބުނެފައިވާގޮތުން، އެ އެއްބަސްވުމުގައި ހުރި ސިއްރު މާދާތަކަށް އިހްތިރާމު ކުރުމުގެ ގޮތުން، އެ މުވައްސަސާއިން ލޯނާއި ގުޅޭ މައުލޫމާތުތައް ހިއްސާ ނުކުރާނެއެވެ.
އެންމެ ފަހުން ފިނޭންސް މިނިސްޓްރީއިން ޓީބިލު ވިއްކުމަށް ކޮށްފައިވާ އިއުލާނުތަކުގައި، އިންޓްރެސްޓު ރޭޓު ތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 3.50 އަދި 4.60، މި ރޭޓުތަކެވެ. އެހެންކަމުން މި ރޭޓުތަކުގެ ދަށުން ލޯނަށް އިންޓްރެސްޓު ކަލްކިއުލޭޓު ކުރެވޭ ގޮތަކުން، 100 މިލިއަން ޑޮލަރުގެ ލޯނު ދައްކާއިރު، އިތުރު 3.50 ނުވަތަ 4.60 ލައްކަ ޑޮލަރު އަނބުރާ ދައްކަން ޖެހުމަކީ އެކަށީގެންވާކަމެކެވެ.

