މާފަރު އެއާޕޯޓުގެ ފޭސް 2 ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއައި ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނެވެ. މި ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަޜާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މަރުކާގެ ބޯޓު އޮޕަރޭޓްކުރެވޭ މިންވަރަށް ރަންވޭ ބޮޑުވެގެންދާނެއެވެ. ރަންވޭއަށް އިތުރު 650 މީޓަރު ދިގުކުރުމަށާއި، ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. އަދި މިހާރު ބޭނުންކުރެވޭ ރަންވޭ އަޕްގްރޭޑްކުރުމާއި، ޓެކްސީވޭ ފުޅާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޭޖިއެލް އަޕްގްރޭޑުކުރުމާއި، ޕަވަރ ސިސްޓަމްވެސް މި މަޝްރޫއުގެ ދަށުން އަޕްގްރޭޑްކުރެވިގެންދާނެއެވެ.
މި މަސައްކަތް ނިންމުމަށްދީފައިވާ މުއްދަތަކީ 365 ދުވަހެވެ.
މި މަޝްރޫއަށް ފަންޑުކޮށްދީފައިވަނީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުންނެވެ. އެގޮތުން އަބޫދާބީ ފަންޑުން ވަނީ 27,180,835.29 ޑޮލަރު ދީފައެވެ. އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ވަނީ މިކަމަށް 25,147,708.81 ހަމަޖައްސާފައެވެ. މިއީ ޖުމްލަ 52.3 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

