ގދ. މަޑަވެލި – ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ދަށުން، ބްރިޖް އެކްސަސް ރޯޑު ސާފުކުރުމުގެ މަސައްކަތް ފަށައިފިކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެ ކުންފުނިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭ ކުރުމުގެ މަސައްކަތްކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލްވެސް ހަރުކުރެވިގެންދާނެއެވެ. 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި އަދި އޭގެ އިތުރުން 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގ، މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނެއެވެ.
މި މަޝްރޫއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

