އަގުލަބިއްޔަތު އޮތް ނަމަވެސް ގާނޫނަށް ބަދަލު ގެނެސްގެން ބާރުތައް ހޯއްދައްވަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މަސައްކަތް ނުކުރައްވާކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހާއި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ސާލިހު ވެރިކަމުގެ ތިން ވަނަ ދައުރެއް ހޯދުމަށްޓަކައި ގާނޫނަށް ބަދަލު ގެންނަވާނެކަމުގެ ވާހަކަވަނީ ފާހަގަކޮށްފައެވެ. ރައީސް ނަޝިދު މިފަދަ ވާހަކަތަކެއް ދެއްކެވުމުގެ މަގްސަދަކީ ކޮބައިތޯ ”ސަންގުން“ ސުވާލުކުރުމުން އަސްލަމް ވިދާޅުވީ ހިތައް އެރި މީހަކު، ހިތައް އެރި ވާހަކައެއްދައްކަނީކަމަށެވެ.
އެހެން ނަމަވެސް ރައީސް ސާލިހަކީ އެގޮތަށް ގާނޫނަށް ބަދަލުގެންނަވައިގެން ބާރު ނަންގަވާ ބޭފުޅެއްތޯ ބައްލަވަންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް ސާލިހަކީ އެފަދަ ބޭފުޅެއްނޫންކަމަށް ދޭހަވާފަދަ ކަންތައްތަކެއް އަސްލަމް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މި ރިޔާސީ ޕްރައިމަރީއަށް ދެވޭއިރު، އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިންވެސް ރައީސް ސާލިހަށް ބޮޑު އަގުލަބިއްޔަތެއް އޮތްކަން ސާފުކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެމަނިކުފާނަކީ ގާނޫނަށް ބަދަލު ގެންނަވައިގެން ބާރުތައް ހޯދައްވަން މަސައްކަތްކުރައްވާ ބޭފުޅެއްނަމަ ޕާޓީގެ އަސާސީ ގަވާއިދުތަކަށްވެސް ބަދަލު ގެނެވޭނެކަމަށެވެ. އަދި ގާނޫނުތަކަށާއި، ގާނޫނު އަސާސީއަށްވެސް ބަދަލުގެނެވޭފަދަ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީގެ ތެރެއިންވެސް އެބަ އޮތްކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް މިވީ ހިސާބަކަށް ރައިސް ސާލިހު ނުދައްކަވާކަމަށް އަސްލަމް ވިދާޅުވިއެވެ.
ރިޔާސީ 5 އަހަރުގެ 2 ދެ ދައުރު ދޭ އުސޫލަކީ ވަރަށް ގިނަ ބަޔަކު ގަބޫލުވެގެން ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ މާއްދާއެއްކަމަށް އަސްލަމް ވިދާޅުވިއެވެ. މިފަދަ ކަމަކަށް ބަދަލު ގެނެސްގެން ވެރިކަން ހޯދުމުގެ މަސައްކަތް އަދި ރައީސް ސާލިހުކުރައްވާފައި ނެތްކަމަށް ފާހަގަކުރެއްވިއެވެ.
ގާނޫނަށް ބަދަލުގެނެސްގެން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކައަށްވެސް އަސްލަމް އަލިއްއަޅުއްވާލެއްވިއެވެ. މިކަމާއި ގުޅޭ ގޮތުން މާ ބޮޑު ތަފްސީލީ ވާހަކައެއް ނުދެއްކެވި ނަމަވެސް ބެލެވޭ ގޮތުގައި އަސްލަމް އެ އިޝާރާތްކުރެއްވީ ރައީސް ނަޝީދު ގާނޫނަށް ބަދަލު ގެންނަވައިގެން އެމަނިކުފާނަށް ވެރިކަން ލިބޭނެ މަގު ފަހިކުރަން، ކުރައްވާ މަސައްކަތަށެވެ.

