ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ އަޅުވެތިކަމަށް ބޯ ލަނބާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އާ ބައްދަލުކުރެއްވުމަށް ފަހު އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެމަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ.
ވ އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަކު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި އެ ހުކުމަކީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން ދުރާލާ ރާވައިގެން އިންޑިއާ އިން ބުނެގެން އިންޑިއާ އަޑީގައި އޮވެގެން ކޮށްފައިވާ ސިޔާސީ ހުކުމެއް ކަަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ގެންދަނީ ސިލްސިލާ މުޒާހަރާ ތައް މާލޭގައި ކުރަމުންނެވެ. އެމުޒާހަރާތަކުގައި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީންގެ ވަކީލުން މީގެ ކުރިން ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާ ކަމަށާއި އެގޮތުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށްވެސް ވަކީލުން ވަނީ ބުނެފައެވެ.

