ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ދެ ރައީސުންގެވެސް ފަހު ޖަލްސާ މިރޭ!

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެޑިޭޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެވެސް ފަހު ޖަލްސާ މި ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނީ ކޮން ބޭފުޅެއްތޯ ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް މިހާރު ވަނީ 2 ދުވަހަށްވެފައެވެ. މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެބޭފުޅުންވެސް ވަނީ ވަރަށް ވާދަވެރި ކެމްޕެއިންތަކެއް ފޯރިއާއިއެކު ކުރައްވާފައެވެ. އެގޮތުން ދެ ބޭފުޅުންވެސް އަތޮޅުތެރެއަށް ވަޑައިގެން، ދޮރުން ދޮރަށް ހިންގަވާފައިވާއިރު، ރަށްތަކުގައި ތިބި ޕާޓީގެ މެންބަރުންނާއިއެކުވެސް ޖަލްސާތަކެއް ވަނީ ބާއްވާފައެވެ. އަދި ހަމައެއާއިއެކު ބައްދަލުކުރެއްވުންތަކެއްވެސް ކުރިއަށްދިޔައެވެ.

ދެބޭފުޅުންގެވެސް ކެމްޕެއިން ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، ރައީސް ނަޝީދާއި ރައީސް ސާލިހުގެވެސް ކެމްޕެއިންގެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭއެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި މާލޭގައި ކަމަށްވާއިރު، ރައީސް ސާލިހުގެ ފަހު ޖަލްސާ ނުވަތަ ކެމްޕެއިން ނިންމަވާލެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން މިއަދު އެމަނިކުފާނު އައްޑޫއަށް ފުރާވަޑއިގަންނަވާނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިއީ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ރައީސް ސާލިހު އައްޑޫއަށް ވަޑައިގަންނަވާނޭ 2 ވަނަ ފަހަރެވެ. މި ދަތުރުގައި ކެމްޕެއިންގެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އައްޑޫ ސިޓީ ހިތަދޫގައެވެ.

ޕްރައިމަރީގެ ކެމްޕެއިންތަކުގައި ރައީސް ނަޝީދުގެ ބޭނުންކުރައްވާ ޝީއާރަކީ ”ފިކުރެއްގެ ދިރުން“ އެވެ. އަދި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާތައް ކުރިއަށްގެންދަވަނީ ”އެމްޑީޕީ ކުރިއަށް“ ޝިއާރުގެ ދަށުންނެވެ.

އެމްޑީޕީ ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީއަށް ހުރި ހަމައެކަނި ޗޮއިސްއަކީ އެމަނިކުފާނުކަމަށް ރައީސް ސާލިހު ފާހަގަކުރައްވަމުން ގެންދަވާއިރު، ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ނަޝީދަށް ދެއްވަން ޖެހޭ ސަބަބެއްކަމުގައި އެމަނިކުފާނު ވިދާޅުވަނީ ޕާޓީގެ ސިޔާސަތުތައް ދިރުވާ އާލާކުރުމަށްޓަކައެވެ. ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި މި ސަރުކާރުގައި ތަންފީޒްކުރަމުން މި ދަނީ އެމްޑީޕީގެ ސިޔާސަތުތަކެއް ނޫނެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން ޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި، މަސްލަހަތު ގެއްލިފައެވެ. ޕާޓީ ބައިބައިވެފައިވާއިރު، އެއް ކެމްޕެއިން ޓީމުގެ ފަރާތުން އަނެއް ކެމްޕެއިން ޓީމަށް ދަނީ ގިނަ ތުހުމަތުތަކެއްވެސް ކުރެވެމުންނެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުގެ ކުލަތައްވެސް މި އިންތިހާބުގައި ޖެހެމުންދާކަމަށް ބުނެވެސް ދަނީ ވާހަކަތަކެއް ދެކެވެމުންނެވެ.

28 ވަނަ ދުވަހު ބޭއްވޭ މި އިންތިހާބުގައި ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ ކެޑިޑޭޓު ކަނޑައެޅިގެންދާއިރު، ދެ ކެޑިޑޭޓުންވެސް ސިޔާސީ ކުރިމަގާއި މި އިންތިހާބު ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އިންތިހާބުން ނާކާމިޔާބީ ލިބިއްޖެނަމަ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވާނަންކަމަށް ރައީސް ސާލިހު ވިދާޅުވެފައިވީ ނަމަވެސް، ރައީސް ނަޝީދު ވަނީ ރައީސް ސާލިހާއިއެކު ހުންނެވުމަށް ގޭގައި މަޑުކުރެއްވުންވެސް މާ ރަނގަޅުކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: