އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ފެނިގެންދިޔައީ ހުތުރު މަންޒަރެއްކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ”ޑިކްޓޭޓަރަކަށް“ ބަދަލުވަމުންދާކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމްޑީޕީގެ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ކާމިޔާބީއާއިމެދު ތާރިގުވަނީ ފާޑުވިދާޅުވެފައެވެ. އެނާ ވިދާޅުވީ، ޑަބަލް ޑިޖިޓުގެ ކާމިޔާބީއެއް ފެނިގެންދިޔައީ ޕްރައިމަރީގެ ނަތިޖާއިން ނޫންކަމަށެވެ. އަދި ރައީސް ވިދާޅުވި ޑަބަލް ޑިޖިޓުތައް ފެނިގެންދިޔައީ ގޭގެއަށް ބަހާފައިވާ ”ބޮންޑިބޮނޑިން“ ކަމަށް އެނާ ވިދާޅުވިއެވެ.
ޑަބަލް ޑިޖިޓް ފެނުނީ ގޭގެއަށް ބެހި ބޮނޑިބޮނޑިން، ރައީސް ނަޝީދު، ރައީސް އިބްރާހިމް ފަހަތަށް އަރަންޖެހޭ ސަބަބެއް ނުފެނޭ. ނާ އިންސާފާއި، ކުޑަކާފާއި ދެކޮޅަށް ވަކާލާތުކުރި ޕާޓީގެ ޕްރައިމަރީ ދެއްކީ ހުތުރު މަންޒަރެއް.
चोर इब्राहिम pic.twitter.com/tz3m1wvc10
— Ahmed Thariq (@AhmedThaariq) January 29, 2023
ތާރިގު ވިދާޅުވީ، ރައީސް ނަޝީދު ރައީސް ސާލިހުގެ ފަހަތައް އަރާވަޑައިގަންނަވްންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި އެމްޑީޕީއަކީ ނާއިންސާފާއި ކުޑަ ކާފާއި ދެކޮޅަށް ވަކާލާތު ކުރާ ޕާޓީއެއްކަމަށް ބުނާއިރު، ޕްރައިމަރީގެ ތެރެއިން ފެނިގެންދިޔައީ ހުތުރު މަންޒަރެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ.
އެނާ ވިދާޅުވީ، ސައްދާމު ހުސައިންގެ ބައާތު ޕާޓީ 2002 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ 100 އިންސައްތައިގެ ވޯޓު ހޯދައިގެންކަމަށެވެ. އަދި ރައީސް ސާލިހުވެސް ބަދަލުވަމުންދަނީ ޑިކްޓޭޓަރަކަށްކަމަށް އެނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމަކަށް އައިސް 61.10 އިންސައްތައާއިއެކު ރައީސް ސާލިހު އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ އިންތިހާބުގެ ނަތީޖާ އާއިމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެފައިއެވެ. އަދި ފެންމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން އިންތިހާބުގެ ނަތީޖާތައް ދިރާސާ ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

