އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ތިބި މީހުން އެމަނިކުފާނަށް ވިސްނައިދެނީ އައު ޕާޓީއެއް އުފެއްދުމަށްކަމާށް ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީއްކޯ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ވާދަކުރައްވާ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރި ހޯއްދަވާފައިވާތީ ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް އެމްޑީޕީގައި އޮތް ބާރުތައް ގެއްލުނީކަމަށް ބުނަމުންނެވެ. އަދި ގިނަ ބަޔަކު އަންނަނީ އެމަނިކުފާނު ދެން ކަންތައް ކުރައްވާނެ ގޮތާއި، ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅަށް ވެގެންދާނެ ގޮތާއިމެދު ސުވާލު އުފައްދަމުންނެވެ.
މިވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު އެއްވެސް އެއްޗެ އަދި މިހާތަނަށް ވިދާޅުވެފައިނުވާއިރު، މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަށައިގެން ތިބި އެންމެން އެމަނިކުފާނަށް ވިސްނައިދެނީ އެމަނިކުފާނުގެ ފަހަތްޕުޅުގައިވެސް މީހުން ތިބުމުން، އެ މީހުންނާއިއެކު އައު ޕާޓީއެއް އުފެއްދުމަށްކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ނިކުތުމަށްވެސް އިރުޝާދުދެމުން އަންނަކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.
ވަށައިގެން ތިބި އެންމެން ވިސްނާދެނީ މަނިކުފާނު ފަހަތުގަ މީހުންއެބަތިއްބި ވިއްޔާއޭ އަލަށްޕާޓީއެއްހައްދަވާށޭ؟ އަދި ރިޔާސީ އިންތިޚާބަށްނުުކުންނަވާށޭ ! މީއެވެރިންގެ ޖާހަށްޓަކާ ބަދަލުހިފުމުގެރޫޙުގާލަފދެނީ' އާޚިރުގާ ކޮށިދަނޑާ ކަތިވަޅޔާގެއްލޭނީ، މަރިޔަނބު ގެވާހަކަ؟
— Moosa Maniku (Reeko) (@ReekoMoosa) January 30, 2023
މިއީ ޖާހަށްޓަކައި ބަދަލު ހިފުމުގެ ރޫހުގައި ލަފާދެނީކަމަށްވެސް މޫސަ ފާހަގަކޮށްފައިވާއިރު، ރައީސް ސާލިހު ވަނީ އެކުގައި މަސައްކަތްކުރެއްވުމަށް ވާދަވެރިންނަށް ދައުވަތުދެއްވާފައެވެ. އަދި ވިދާޅުވީ ވާދަވެރިކަން ނިމިއްޖެކަމަށާއި، ވާދަވެރިންނާއި އެމަނިކުފާނުގެވެސް މަގްސަދަކީ އެއް މަގްސަދެއްކަމަށެވެ. އަދި އެއީ އެމްޑީޕީ ކުރިއަށް ގެންދިއުކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ގޮވާލައްވާފައިވަނީ އެންމެން އެކުގައި ނިކުމެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތްކުރުމަށެވެ.
އެހެން ނަމަވެސް ރައީސް ނަޝީދާއި އަރިސް އަދި 2008 ވަނަ އަހަރު އެމަނިކުފާނު ކުރެއްވި ވެރިކަމުގައިވެސް އަރިސްކޮށް ތިބި ބައެއް ބޭފުޅުން ގެންދަވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ނަން އޮންނާނެކަމަށް ވިދާޅުވަމުންނެވެ.

