އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ.
ދޮޅު މަހެއްހާ ދުވަހު ފޯރިއާއިއެކު ވާދަވެރި ކެމްޕެއިންތަކެއް ކުރެއްވުމަށްފަހު، ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.
ވޯޓުލާ ނިމުނުތާ މާ ގިނަ އިރުތަކެއް ނުވެ ޕާޓީގެ ފަރާތުން ވަގުތީ ނަތީޖާ އިއުލާންކުރިއިރު، ގިނަ ބަޔަކު ސުވާލު އުފެއްދެދީ ހުށައަޅާފައިވާ ޝަކުވާތަކުގެ ސަބަބުން ވަގުތީ ނަތީޖާއަށް ބަދަލެއް އައިސްދާނެތޯއެވެ.
ޕާޓީއިން ނެރުން ވަގުތީ ނަތީޖާ ޝީޓުން ދެއްކި ގޮތުގައި، އެ ޕާޓީގެ ދެ ރައީސުން ކުރިމަތިލާފައިވާ ޕްރައިމަރީގައި ވޯޓު ލާފައިވަނީ ޖުމުލަކޮށް 40،887 މީހުންނެވެ. މިއީ ވޯޓުލެވޭ މީހުންގެ 71.41 އިންސައްތަކަމަށްވާއިރު، މި ޕްރައިމަރީގައި 680 ބާތިލު ވޯޓު އަޅާފައިވެއެވެ. ޖުމުލަ ސައްހަ ވޯޓުގެ އަދަދަކީ 40،207 ވޯޓެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށްކަމަށްވެސް ބުނެފައިވެއެވެ.
ވަގުތީ ނަތީޖާއިން ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 61.10 އިންސައްތަ، ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 38.90 އިންސައްތަ ނުވަތަ 15،641 ވޯޓެވެ.
މިއަދު ޕާޓީގެ ފަރާތުން ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރެވެއެވެ.
އެމްޑިޕީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހު ކާމިޔާބުކުރެއްވައިފިކަން އިއުލާންކުރުމަށްފަހު، ވަކި އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ، ރައީސް ސާލިހަށް ލިބުނު ވަރަށް ގިނަ ވޯޓް އުނިވާނެކަމަށެވެ. މި އިންތިހާބުގައި ވޯޓުލީ ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ސާލިހު މޮޅު ވެދާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް މިއީ އޭގެ ސައްހަކަމާއިމެދު އެމަނިކުފާނު ސުވާލުއުފައްދަވާ ލިސްޓެކެވެ.
ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް ޕާޓިގެ ރިޔާސީ ޓިކެޓު ރައީސް ސާލިހަށް ކާމިޔާބުކުރެވުނު ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ހުށައެޅުމަކަށް ވެގެންދިޔައީ “ފިކުރެއްގެ ދިރުން” މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާއި ގުޅި އެމީހުންނާއިއެކު ގޮތް ނިންމުމަށެވެ. އަދި “ފިކުރެއްގެ ދިރުން” ކެމްޕެއިން ޓިމުގެ ކެޑިޑޭޓު ކަނޑައަޅާނީ ފަހުންކަމަށް ވިދާޅުވެފައިވެއެވެ.

