މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ސިޔާސީ ލީޑަރުންފެ ސިޔާސީ މުސްތަގުބަލް ކަނޑައަޅާނެ އިންތިހާބެކެވެ. މި އިންތިހާބަށް މިވަގުތު ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކީ މިވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިޙެވެ. އެމަނިކުފާނު މިހާރު ވަނީ ރިޔާސީ ޓިކެޓާއި ހަވާލުވެ ވަޑައިގެންފައެވެ.
ކޮންމެއަކަސް ރިޔާސީ އިންތިހާބުގެ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ޕާޓީތަކުގެ ސިޔާސަތުތައް ހާމަ ކުރުމާއި ޓިކެޓް ހަވާލު ކުރުމާއި ކެމްޕޭން ކުރުން އާއްމުވެގެން ދިއުމަކީ އިންތިހާބުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޓިކެޓް ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. ކައުންސިލަރުންނާއި ދާއިރާ ތަކުގެ ރައީސުންނާއި މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނެވެ.
ރިޔާސީ ޓިކެޓް ރައީސް ސާލިހަށް އެރުވީ ޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. ރިޔާސީ ޓިކެޓް ހަވާލުކުރުމާއެކު ޕާޓީގެ ކެމްޕޭން ހަރަކާތްތައް ފޯރީގައި ކުރިއަށް ގެންދާނެ ކަމަށް އިއުލާން ކުރެވުނެވެ.
ރިޔާސީ ޓިކެޓާއި ހަވާލްވެލެއްވުމަށް ފަހު ރައީސް ސާލިހް ގެ ވާހަކައިގައި އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ވާހަކަ ވިދާޅުވިއެވެ. އަދި މީގެ ކުރިން އެމްޑީޕީން އިއްތިހާދެއް ހަދަން ޖެހިއްޖެނަމަ އެކަން ކުރުމަށް އެހެން ޕާޓީތަކާއެކުގައި މަޝްވަރާ ކުރުމުގެ ބާރުވެސް ގައުމީ މަޖިލީހުން ރައީސް ސާލިހްއަށް ވަނީ އަރުވާފައެވެ.
ރައީސް ސާލިހް އަދި އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުންގެ ވިސްނުމުގައި ކޯލިޝަނަކާއި ނުލާ އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން ކޯލިޝަނެއް ހެދުމުގެ ވިސްނުން ރައީސް ސާލިހްގެ ހުރިކަމަށް ބެލެވެއެވެ.
އެމްޑީޕީން ކޯލިޝަނެއް ހަދާނަމަ، މިވަގުތު އެމްޑީޕީ އާއެކުގައި ކޯލިޝަންގައި ތިބި ޕާޓީތައް ކޯލިޝަންގައި ހިމެނިދާނެތޯ މިއީ މިވަގުތު އުފެދޭ ސުވާލެކެވެ. މިވަގުތުގެ މަޝްރަހު އޮތް ގޮތަށް ނަޒަރު ހިންގާލާނަމަ، އަދާލަތު ޕާޓީ ރައީސް ސާލިހް އާ އެކުގައި ކޯލިޝަނެއް ހަދާފާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީއިން އަދި އެމްޑީޕީ އާއި އެކުގައި ކޯލިޝަނެއް ހަދާފާނެ ކަން ޔަގީންވާނީ އެޕާޓީގެ ގައުމީ ކޮންފަރެންސް ނުވަތަ ކޮންގްރެސް އަށް ފަހުގައެވެ. މިމަހުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮންގްރެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓިގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެފައިވަނީ ޖޭޕީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ނެރުމުގެ ޝައުގުވެރިކަން ހުރިކަމަށެވެ. އަދި ޤާބިލް އަދި އެކަމަށް އެކަށޭނެ ފަރާތެއް ރިޔާސީ ރޭހުގައި ވާދަކުރުމަށް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. އެހެންކަމުން ފަހަރުގައި ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ.
ދެން އޮތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ. އެޕާޓީ އިން ރައީސް ސާލިހް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވުމާއެކު މަރުހަބާ އަދި މިހާތަނަށް ކިޔާފައިނުވާއިރު، ރައީސް ސާލިހާއެކުގައި އިއްތިހާދެއް ހަދާނީތޯ ނުވަތަ ނޫންތޯ ހާމަކޮށްފައެއް ނުވެއެވެ. ފަހަރުގައި އަދި ވަގުތު ކައިރި ނުވަނީ ކަމަށް ވުމަކީ ވެދާނެ ކަމެކެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ގިނަ ޕާޓީތަކުން ތަފާތު ކެނޑިޑޭޓުން ވާދަކުރާނެއެވެ. އެއަށްފަހުގައި އެންމެ ގިނަ ވޯޓްލިބޭ ދެބޭފުޅަކު ދެވަނަ ބުރުގައި ވާދަކުރާނެއެވެ. އެހާހިސާބުން ދެން މުހިއްމު ވާނީ އިއްތިހާދު ނުވަތަ ކޯލިޝަން އެކެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުންނަމަ، ޖުމްހޫރީ ޕާޓީގެ ލީޑަރު ރައީސް ސާލިހް އާއި އެކު ކޯލިޝަން ނަހައްދަވާނެ ކަމަށެވެ.
ސިޔާސީ މަޝްރަހުގައި ޖޭޕީ މުހިއްމު ވެގެންދަނީ މާޒީގައި އެޕާޓީ އަރާކޮޅެއް އިންތިހާބު ތަކުން މިހާތަނަށް މޮޅުވެފައިވާ ކަމީ ފެންނަން އޮތް ދެބަސްނުވެވޭ ހަގީގަތެކެވެ. އެހެންކަމުން މިއަރުގެ ރިޔާސީ އިންތިހާބުގައިވެސް ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ބޭނުންވާނެއެވެ.
މިއަދު ސިޔާސީ މާހައުލުގެ މި ހަލަބޮލިކަމުގައި ގައުމު އަމާން އައްސޭރިއަކަށް ގެންދެވޭނީ ހުރިހާ ސިޔާސީ ފިކުރަކަށް ޖާގަދެވޭ އެންމެން ގޮވައިގެން އެއް މޭޒެއްގެ ދަށުގައި ތިބެގެން މަޝްވަރާ ކުރެވޭނެ ފަދަ ލީޑަރަކަށެވެ.
މިހާލަތުގައި މިއަދުގެ ރައީސް، ރައީސް ސާލިހު ގެންދަވަނީ އެކަން ބަހާއި އަމަލުން ދައްކަމުން ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިހާތަނަށް ކޯލިޝަނެއް ދެމެހެއްޓުނު ހަމައެކަނި ވެރިއަކީ ރައީސް ސާލިހް ކަމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މެމްބަރުން އިއްތިފާގުވަނީ މިވެރިކަމުގެ ދައުރު، ކޯލިޝަން ނުރޫޅި ނިމިގެންދާތީއެވެ. 2018 ވަނަ އަހަރު އުފެދުނު ކޯލިޝަންގެ ސަރުކާރު މިއަދާ ހަމައަށް ލޮޅުމެއް އަޔަނުދީ އެގޮތުގައި ދެމެހެއްޓިފައިވަނީ ހަމަ ރައީސް ސާލިހްގެ ދުރު ވިސްނުމާއި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމުގައި އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު ގަބޫލްކުރެއެވެ.
ސިޔާސީ ގޮތުން ހުރި ހިޔާލު ތަފާތުވުންތަކާ އެކުގައިވެސް މިއަދުގެ ރައީސް ގެންދަވަނީ ފުރިހަމަ ވެރިކަމެއް ކުރައްވަމުން ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.
ކޮންމެ ސިޔާސީ ޕާޓީއަކުން ވެރިކަމަށް ކުރިމަތިލި ކަމުގައިވީ ނަމަވެސް ރައީސް ސާލިހަށް އޮތް ތާއީދު ވަކި ކުޑަ ނުވާނެ ކަމަށް އެމްޑީޕީގެ ގިނަ އާއްމު މެމްބަރުން ގަބޫލުކުރެއެވެ. އެކަމުގެ ސަބަބަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހް ހޯއްދެވި ފުރިހަމަ ކާމިޔާބީއެވެ.
ރިޔާސީ ޓިކެޓް، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވައި ރައީސް ސާލިހް ހޯއްދެވުމަކީ ކުޑަކަމެއް ނޫނެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ތެރޭގައި ދާދި ފަހަކާ ޖެހެންދެންވެސް ހުންނެވި އެންމެ މަގްބޫލު ޝަހްޝިއްޔަތެވެ. އެމްޑީޕީގެ އިތުރުން ރައްޔިތުންގެ ގިނަ ބަޔަކު ތާއީދު ކުރާ ރާއްޖޭގެ މަންޑޭލާގެ ގޮތުގައި ސިފަކުރާ އެއް ސިޔާސީ ލީޑަރަކީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދުގެ މައްޗަށް ރައީސް ސާލިހު ކުރި ހޯއްދަވައި ދެއްކެވި މިސާލާއެކުގައި ރިޔާސީ އިންތިހާބުގެ އުއްމީދު އާކޮށް އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރި ހޯއްދެވީ ނަމޫނާ ދައްކަވާފައެވެ.
ރައީސް ސާލިހް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ނިކުންނަވަނީ ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބިގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ރާއްޖޭގެ ރަށްތަކަށް ގެނެސްދިން ތަރައްގީއެވެ. ކުޑަ ރަށެއް އަދި ބޮޑުރަށެއް ތަފާތު ކުރުމެއްނެތި ގެނެސްދިން އަސާސީ ހިދުމަތްތައް ގާއިމްކޮށްދިނުމުގެ ސިޔާސަތުގެ ނަތީޖާ މިއަދު ފެނިގެންދަނީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި އެމަނިކުފާނަށް މަރުހަބާ ކިއުމަށް ވަޑައިގެންނެވި ކޮންމެ ރަށެއް ތައްޔާރަށް އޮތް މަންޒަރެވެ.
މިއަދު ބޮޑެތި ރަށްތަކާއި ސިޓީތަކާއި ކުދި ރަށްތަކުގެ ރައްޔިތުންގެ ގިނަ ބަޔަކު ބުނަމުންދަނީ ދެވަނަ ދައުރެއް ރައީސް ސާލިހް އަށް ހައްގުވާ ވާހަކައެވެ. ރައީސް ސާލިހް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުމަށް އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިން ދަނީ ބުނަމުންނެވެ.
ބަނދަރު ހެދުމާއި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމް ކުރުމަކީ އަސާސީ ހިދުމަތްތައް ކަމަށްވީ ނަމަވެސް އެހިދުމަތް ގާއިމްވެފައިނެތް ރަށްތަކުގައި އެހިދުމަތް ގާއިމްކޮށްދިނީ އަދުގެ ރައީސް ސޯލިހް އެވެ.
އާބާދީ ކުޑަ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އުފަލާއެކު ރައީސް ސާލިހަށް މަރުހަބާ ދަންނަވައި ޝުކުރު އަދާ ކުރަނީ ހެޔޮހިތުން އުފަލާއެކުގައެވެ. އެ ރައްޔިތުން އެދެނީ ރައީސް ސާލިހް އަށް ދެވަނަ ދައުރެއް ދިނުމަށެވެ.

