ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ތައުރީފް ނަޝީދަށް: 23 އަށް އެކުގައި ނިކުމެދާނެތަ؟

ރައީސް ސާލިހާއި، ރައީސް ނަޝީދު އަދި ގާސިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އޮތް ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިންމާ ނިންމުންތައް ނިންމުމަށްޓަކައި ކޮންފަރެންސްއެއް ބާއްވާ ގިނަ މަޝްވަރާތަކެއްކޮށް، ބަހުސްތަކެއްވެސް ކޮށްފިއެވެ. ފެބުރުއަރީ 24 އިން 25 އަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުންވެސް ގިނަ ބަޔަކަށް ފާހަގަވެ، ނަޒަރު ހުއްޓިގެންދިޔަ އެއްކަމަކަށްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިވެރިވުން ކޮންގްރެސްގައި ފާހަގަވާ މިންވަރަށް އޮތުމުންނެވެ.

ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތުގައްޔާއި ނިންމުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރިއެވެ. މާޒީގައި ރައީސް ނަޝީދަށް ”މިސްޓޭކު“ ތަކެއް ހެދިފައިވީ ނަމަވެސް، މިހާރު އެކަންކަން ރަނގަޅުކުރައްވާފައިވާނެކަމަށް ބެލެވޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ސިޔާސީ މަޝްރަހުން އޭނާއަށް ކުރިމަތިވީ ގޮންޖެހުންތައް ފާހަގަކުރައްވާ ވިދާޅުވީ އެންމެ ދަތި ހާލަތުގައިވެސް ރައީސް ނަޝީދުގެ އެހީތެރިކަން ލިބުނުކަމަށެވެ. އެގޮތުން އެ ދުވަސްވަރު އެންމެހާ ސިޔާސީ ލީޑަރުންވެސް އުޅުއްވީ އެކި މައްސަލަތަކުގައި ޖެހިވަޑައިގެންކަމަށާއި، ތިއްބެވީ ބޭރު ގައުމެއްގައި ނުވަތަ ޖަލު ގޮޅީގައިކަމަށް ފާހަގަކުރެއްވިއެވެ. ސިއްހީ ފަރުވާ ހޯއްދަވަނިކޮށް، އޭނާގެ މައްޗަށް ނުހައްގު ހުކުމެއް ކުރެވިގެންދިޔަކަމަށާއި، އެއަށްފަހު ފަރުވާ ހޯދެވުމަށް ބޭރަށް ވަޑައިގެން ހުންނެވިއިރު ޕާސްޕޯޓު ހިފެހެއްޓުންފަދަ ކަންކަން ކުރިމަތިވެވަޑައިގެންކަމަށް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ އެނާ އަށް އެ ދުވަސްވަރު ސިންގަޕޫރުގައި ހުރެވޭ ގޮތް ހަމަޖެހިގެން ދިޔަކަމަށެވެ. އަދި އެކަން ފަހިވެގެންދިޔައީ ރައީސް ނަޝީދުގެ އެހީތެރިކަމާއިއެކުގައިކަމަށް ވިދާޅުވިއެވެ. އަދި ޖަރުމަނު ވިލާތަށް ވަޑައިގަތުމުގައިވެސް ރައީސް ނަޝީދުގެ އެހީތެރިކަން ލިބިވަޑައިގެންކަމަށް ފާހަގަކުރެއްވިއެވެ. މިކަންކަމަށްޓަކައި ގާސިމް ވަނީ ތަކުރާރުކޮށް، ފަށްފަށުން ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ.

ދެން ޝުކުރުގެ ލިސްޓުގައި ހިމެނިވަޑައިގަތީ ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްއެވެ. ވިދާޅުވީ މައުމޫނަކީވެސް ރާއްޖެ ހެޔޮ މަގަށް އެޅުވުމަށްޓަކައި ކުރެއްވި އިސްލާހީ މަސައްކަތުގައި ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ތައުރީފްނުކުރެއްވި ނަމަވެސް ފާޑު ވިދާޅެއްނުވެއެވެ. އަދި ވިދާޅުވީ ސިޔާސީ މަސައްކަތުގައި ދިމާވާ ކަންކަމަކީ އެކަކު އަނެކާއަށް ހަސަދަ ލާންޖެހޭ ސަބަބެއް ނޫންކަމަށާއި، އެނާ އަށް ދިމާވެފައިވާ ކަންކަމާއިމެދު އެއްވެސް ހިތް ބުރަކަމެއް ނެތްކަމަށެވެ.

ހިތް ހަލާސްކުރި ލިސްޓަށާއި، ޝުކުރުގެ ލިސްޓަށްވެސް ނޭރީ އަދުގެ ރައީސުލްޖުމްހުރިއްޔާ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހެވެ. ރައީސް ސާލިހާއިމެދު ރަނގަޅު އެއްޗެއް ވިދާޅުނުވިތާ ހެޔޮ ބަހެއްވެސް ވިދާޅުނުވާކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް ސަރުކާރުން ކޯލިޝަން ޕާޓުނަރުންނާއިމެދު އަމަލުކުރަމުންދާގޮތާއިމެދު ނުރުހުން ފާޅުކުރެއްވިއެވެ.

އެގޮތުން ސަރުކާރު އެކުލަވާލުމަށްފަހު ސަރުކާރަށް ހާސިލްވާ ރަނގަޅު ކަންކަން ޖޭޕީއާއި ހިއްސާކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަމަށް ވިދާޅުވިއެވެ. އެހެން ނަމވެސް އެއީ ހުރިހާ ބޭފުޅުން ބޭނުންވާ ގޮތް ނޫންކަމަށްވެސް ފާހަގަކުރެއްވިއެވެ. ބައެއް ބޭފުޅުންކަމަށް ވިދާޅުވެ އެ ވާހަކަތައް އެ އަމާޒުކުރެއްވީ އެމްޑީޕީގައި އުފެދިފައި އޮތް ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުންށްކަމަށް ބެލެވެއެވެ. އަދި އިސްތިސްނާ ކުރެއްވީ ރައީސް ނަޝީދާއި އެމްޑީޕީގައި ތިބި އެމަނިކުފާނަށް ތާއީދުކުރާ މެންބަރުންކަމަށް ބެލެވެއެވެ.

ގާސިމް ކަންބޮޑުވުން ފާޅުކުރެއްވީ ސަރުކާރުގެ ވައުދު ފުއްދަމުންދާއިރު އާއި ރަނގަޅުކަމެއް ކުރައްވާއިރު ކޯލިޝަން ޕާޓުނަރުންގެ ދައުރެއް އޮންނަކަމަށް މި ސަރުކާރުގެ ބައެއް ބޭފުޅުން ނުދެކޭތީއެވެ. ގާސިމް ވިދާޅުވީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްކުރާއިރު ޖުމްހޫރީ ޕާޓީ ވަރެއް ނޯންނަކަމަށް ބައެއް ބޭފުޅުން ދެކޭކަމަށެވެ. އަދި ސުވާލުއުފެއްދީ ސަރުކާރު ކެބިނެޓުގައި އާއި އަދި ކުންފުނިތަކުގައިވެސް ޖޭޕީގެ މެންބަރުން ތިއްބެވިއިރު، އެ މެންބަރުންގެ އެއްބާރުލުމާއި މަސައްކަތާއިއެކު ހޯދާ ކާމިޔާބީ އާއި ނެރޭ ރަނގަޅު ނަތީޖާތަކުގައި ޖޭޕީގެ ބައިވެރިވުން އޮންކަމަށް ނުވަނީ ކީއްވެގެންތޯ ވިދާޅުވެ ގާސިމް ސުވާލު އުފެއްދެވިއެވެ.

އެދެއްކެވި ވާހަކަތައް ބަލާއިރު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް ރައީސް ސާލިހު ޖުމްހޫރީ ޕާޓީއަށް އެރުވި ދައުވަތު ބަލައިގަނެ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއިއެކު ވާދަކުރައްވާފާނެކަމަށް ނުބެލެވެއެވެ. އަދި ޕާޓިގެ ބޮޑު ކޮންފަރެންސް ނިމިގެންދިޔައިރުވެސް ކޯލިޝަން ހައްދަވާފާނެކަމުގެ އެއްވެސް އިޝާރާތެއްކޮށްފައިނުވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވަކި ކެނޑިޑޭޓަކު ނެރެ އަމިއްލައަށް ވާދަކުރުމަށް ހުށައެޅި ގަރާރު އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

ރައީސް މުހައްމަދު ނަޝީދާ ނުލާ އެމްޑީޕީ ނޯންނާނެކަމަށްވެސް ވިދާޅުވެ ގާސިމް އިބްރަހީމް ވާހަކަދައްކަވާފައިވާތީ ގިނަ ބަޔަކު ޖެހި ހިސާބަކީ ރައީސް ނަޝީދާއި ގުޅިވަޑައިގެން ޖުމްހޫރީ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ނިކުންނަ ކެނޑިޑޭޓެއްގެ ރަނިން މޭޓުކަމުގެ މަގާމުގައި ރައީސް ނަޝީދު ހުންނެވުމެވެ. އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން، ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދާއިއެކު ހުންނެވި ފޮޓޯއެއް ހިއްސާކުރައްވާފައިވެއެވެ. އަދި ވިދާޅުވެފައިވަނީ ”ފިކުރެއްގެ ދިރުން“ ކެމްޕެއިން ޓީމުން ޖުމްހޫރީ ޕާޓީއާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށެވެ. ނަމަވެސް މިކަމާއިމެދު ރަސްމީކޯށް ރައީސް ނަޝިދުގެ ފަރާތްޕުޅުން ވަކި އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

ކަން މިހެންވެއްޖެ ހާލަތެއްގައި އެއީ ރައީސް ސާލިހަށް ގެއްލޭނެ ވަރަށް ގިނަ ވޯޓުތަކެކެވެ. އަދި ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖެކެވެ. ޖުމްހޫރީ ޕާޓީގައި 22،000 އަށްވުރެ ގިނަ މެންބަރުން ތިބިއިރު، އެ ޕާޓީގެ ތެރެއިން އެ ލިބޭ ބޮޑު އިންސައްތަ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ގެއްލިގެންދާނެއެވެ. އަދި އެމްޑީޕީއަށް ނޫން ނަމަވެސް ރައީސް ނަޝީދުވުމުން ވޯޓުދެއްވާނެ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާނެ އަދި، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވެސް ތިބޭނެއެވެ. އެހެންކަމުން ޖުމްލަކޮށް ބަލާއިރު މިހާރު ކުޅި ބައި އެތުރެމުންދާ ގޮތުން ރައީސް ސާލިހަށް ރިޠާސީ އިންތިހާބުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވާނެއެވެ. ނަމަވެސް އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި، ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ރައީސް މުހައްމަދު ނަޝީދު މިފަދައިން ކުރިއަށްވަޑައިގަތުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފުކަމެކެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވާ ގޮތުގައި ރައީސް މުހައްމަދު ނަޝީދުގެ ނަން ރިޔާސީ އިންތިހާބުގެ ކަރުދާހުގައި އޮންނާނެއެވެ.

މިހާރު ދިވެހިރާއްޖޭގެ މުޅި ސިޔާސީ މަޝްރަހުގެ ނަޒަރު ހުއްޓިފައިވަނީ ޖުމްހޫރީ ޕާޓީގެ ނިންމުމަކަށެވެ. އެ ޕާޓީގެ ފަރާތުން އަމިއްލަ ކެނޑިޑޭޓެއް ނެރެ ވާދަކުރައްވާނީތޯ ނުވަތަ ކުރިއަށްދާނީ ކޯލިޝަނަކާއިއެކުގައިތޯ ސުވާލުއުފެދޭއިރު، ރައީސް ނަޝީދު ޖުމްހޫރީ ޕާޓީއާއިއެކު ރިޔާސީ އިންތހާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްފާނެތޯވެސް ވަނީ ސުވާލުއުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: