އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއެކު މޯލްޑިވްސް ރިފީމް މޫވްމެންޓް (އެމްއާރުއެމް( އިން ކޯލިޝަން ނުހަދާނެ ކަމުގެ އިޝާރާތެއް އަދާލަތު ޕާޓީގެ ނައިބް ރައީސް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ނިކުތުމަށް ނިންމުމާ ގުޅިގެން އަލީ ޒާހިރު ކުރެއްވި ޓުވިޓުގައި ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ލީޑަރޝިޕް އިސްވެއޮވެ އެމްޑީޕީ އާއި އަދާލަތު އަދި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
Raees @ibusolih ge leadership ga @MDPSecretariat isve ove @AdhaalathOffice adhi @MDAmaldives himeney coalition ekuga masaikai kohggen 2023 vana aharuge riyaasi inthikhaab faseyhakamaaeku kaamiyaab kureveynekan yageen. In Sha Allah #ibusoalih2023 #MDVElection2023
— Ali Zahir (alipi) (@alixahir) March 14, 2023
އަލީ ޒާހިރު އެފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެންނެވެ. ޖޭޕީން މިއަދު ހަވީރު ބޭއްވުނު ކައުންސިލް ބައްދަލުވުމެއްގައި އެޕާޓީ އިސްވެ އޮވެ އިންތިހާބުގައި ވާދަކުރުމަށް ވަނީ ނިންމާފައެވެ.
ކައުންސިލު ބައްދަލުވުމުގައި ނެގި ވޯޓުގައި، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް 49 މެމްބަރުން ތާއީދު ކުރެއްވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން، މި އަހަރަކީ ޖޭޕީއަށް ފުރުސަތު ބޮޑު އަހަރެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހާއްސަކޮށް، ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހާލަތެއްގައި ދެވަނަ ބުރަކަށް ގޮސްދާނެކަމަށް ބެލެވެއެވެ.
ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޖޭޕީ ހިމެނޭ ކޯލިޝަނަކާއި އެކު އިންތިހާބަށް ނިކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމާއި ބައްދަލު ކުރެއްވުމަށް ފަހު ވަކީން އިންތިހާބަށް ނިކުތުމުގެ ހިޔާލު ދެއްވައި އެމަނިކުފާނާއި ގުޅިވަޑައިގަތުމަށް އެދިފަ އެވެ. މީގެއިތުރުން، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ދައުވަތުތަކެއް ވެސް ޖޭޕީއަށް ފޮނުވާފައި ވެއެވެ. އެހެން ނަމަވެސް ގާސިމް ވަނީ އެހުރިހާ ހުށަހެޅުމަކަށް ފުރަގަސްދެއްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ވޭތުވެދިޔަ ދެ ރިޔާސީ އިންތިހާބުތަކުގައި ވަނީ ވާދަކޮށްފައެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ޖޭޕީގެ ފަރާތުން ވާދަކުރެއްވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އަދި އޭގެ ފަހުން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރިއެވެ. ދެ އިންތިހާބުގެ ފުރަތަމަ ބުރުންވެސް ގާސިމް އަށް ވަނީ ނާކާމިޔާބީ އާއީ ކުރިމަތިވެ ވަޑައިގެންފައެވެ.

