2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއިއެކު އެކުލަވާލި ކޯލިޝަން ނުދަމަހައްޓާ، އަމިއްލައަށް ނިކުމެ ރިޔާސީ އިންތިހާބުގައި ވަދަކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ނިންމަވާފައެވެ. ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބައިކަން އަދި މިހާތަނަށް ކަނޑައަޅާފައިނުވި ނަމަވެސް ރިޔާސީ ކެނޑިޑޭޓަކަށް ވެގެންދާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއެވެ. އަބަދުވެސް ރާއްޖޭގެ ވެރިކަންކުރުމުގެ ހުވަފެން ދެކިވަޑައިގަންނަވާ ގާސިމްއަށް މިއީ ފުރުސަތު ބޮޑު އަހަރެއްކަމަށް އެއް ބަޔަކު ބުނެއެވެ. ނޫނީ ރަނުގެ ފުރުސަތު ކަމަށް ބުނެއެވެ. ޖުމްހޫރީ ޕާޓީއިން އިންތިހާބަށް ވަމުންދާ ތައްޔާރީއަށް ބަލާއިރު އަދި މިހާތަނަށް މާ ހަރަކާތްތެރިކޮށް ފެނިފައެއްނުވެއެވެ.
ނަމަވެސް 28 ޖެނުއަރީގައި ބޭއްވި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާާމިޔާބީ ލިބިވަޑައިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއިއެކު ޖުމްހޫރީ ޕާޓީއިން މަސައްކަތްތަކެއްކުރައްވާ މަންޒަރު ފެނިގެންދިޔައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި މި ސަރުކަރާއި ދެކޮޅަށް ރައީސް ނަޝީދު ކުރިއަށްގެންދަވާ ”ފިކުރެއްގެ ދިރުން“ ފަރާތުން ޖުމްހޫރީ ޕާޓީއާއި ބައްދަލުކޮށްފައިވާއިރު، ރައީސް ނަޝީދުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ފިކުރެއްގެ ދިރުން އާއި ޖުމްހޫރީ ޕާޓީއަށް އެކުގައި މަސައްކަތްކުރެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުމާއި އެ ސިޔާސަތުތައް ތަފްސީލުކޮށް މެނިފެސްޓޯއެއްގެ ގޮތުގައި އެކުލަވާލެވޭނެ ގޮތާއިމެދު މަޝްވަރާކޮށްފައިވާކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ދެކޮޅަށް ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށް ރައީސް ނަޝީދު ރަސްމީކޮށް ވިދާޅުވެފައިނުވި ނަމަވެސް، ރައީސް ނަޝިދުގެ އަމަލުފުޅު ހުންނެވީ އެހެންނެވެ. ޖުމްހޫރީ ޕާޓިއިން ކޯލިޝަން ނުދެމެހެއްޓުމަށާއި، އަމިއްލައަށް ނިކުމެ އިންތިޙާބުގައި ވާދަކުރުމަށް ނިންމުމާއިއެކު، ބައި ބަޔަށް ބެހިފައި އޮތް އެމްޑީޕީގައި ތިއްބެވި ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާފައެވެ. ކަންބަޅިތަކެއް ކަތިލާ އުސޫލުން، ހުތުރު ގޮތަކަށް މަގާމުތަކުން ވަކިކުރުމުގެ ކުރިން އަމިއްލައަށް މަގާމުން އެކަހެރިވުމަށް މަޖިލީހުގެ ތަޅުމުގައިވެސް ގޮވާލާފައިވާއިރު، ރައީސް ނަޝިދުވަނީ އެކަމުގައިވެސް ގާސިމް ދިފާއުކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި މެންބަރުން ވަކި ކުރެވޭނީ އެހެން މެމްބަރުން ވެސް ފަހަނަޅައި ގޮސްގެން ކަމަށާއި، ސަރުކާރުން މިހާރު ބޭނުން ވަނީ ރައްޔިތުން މަގުތަކަށް ނިކުތުމަށްކަމަށް ވިދާޅުވެ ރައީސް ނަޝީދު އިޝާރާތް ކުރެއްވީ މީގެ ކުރިން ޖަލުތަކުގައި ހޭދަ ކުރެއްވި ދުވަސްވަރަށާއި މަގުމަތީގައި ކަރުނަ ގޭހާއި ޕެޕާ ސްޕްރޭގެ އަނިޔާތައް ލިބުނު ދުވަސްތަކަށެވެ. އެހެންކަމުން، އެފަދަ އިތުރު ކަމަކާއި އަދިވެސް ކުރިމަތިލެވޭނެ ހިތްވަރު އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާސިމްވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ ވާހަކަތަކެއް ދައްކަވާފައިވާއިރު، ވިދާޅުވީ މީގެ ކުރިން ރައީސް ނަޝީދަށް މިސްޓޭކެއް ހެއްދެވިފައިވީ ނަމަވެސް މިހާރު ހުންނާނީ އެކަން ރަނގަޅުކުރައްވާފައިކަމަށެވެ.
ކަން މިހެން އޮތްއިރު އުފެދޭ ސުވާލަކީ ރައީސް ނަޝީދާއިއެކު ނިކުމެ ޖުމްހޫރީ ޕާޓީއަށް ވެރިކަން ލިބިދާނެތޯއެވެ. ރައްޔިތުންގެ ތާއީދު ލިބިދާނެތޯއެވެ. އަދި އަބަދުވެސް ޖުމްހޫރީ ޕާޓީއާއިއެކުގައި ރައީސް ނަޝީދު ހުންނަވާނެތޯއެވެ.
ގާސިމްގެ ފަހަތްޕުޅުގައި ރައީސް ނަޝީދު އަބަދުވެސް ހުންނަވާފާނެތޯ ބަލާއިރު، މިހާރު ރައީސް ނަޝީދު ޖުމްހޫރީ ޕާޓީ ދިފާއުކުރައްވާފަދައިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ސާލިހުވެސް ދިފާއުކުރެއްވިއެވެ. ތާއީދު ހޯދައިދެއްވަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް ވެރިކަމުގެ ދައުރުގެ ފުރަތަމަ ދުވަސްވަރު މައްސަލަތަކެއް ޖެހިވަޑައިގެން، ރައީސް ސާލިހު ބަދުނާމު ކުރެއްވުމަށްވެސް މަސައްކަތްތަކެއް ކުރެއްވިއެވެ. ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ކުރެއްވިއިރު، އޮތް ގާތް ރަހުމަތެރިކަމަކަށްވެސް ބައްލަވާނުލައްވައެވެ.
ބޭނުންވި ސިޔާސީ މަންފާތަކާއި، ބާރުތައް ލިބިވަޑައިނުގަތުމުން ރައީސް ސާލިހާއި ދެކޮޅަށް ނިކުމެވަޑައިގެންފަދައިން ގާސިމްއާއި ދެކޮޅަށް ނިކުމެވަޑައި ނުގަންނަވާނެކަމާއިމެދު ޖުމްހޫރީ ޕާޓީއަށް އޮތީ ކޮން ޔަގީންކަމެއްތޯއެވެ. އަބަދުވެސް އެ ޕާޓީއަކަށްޓަކައި އެތައް ގުރުބާނެއްވީ އެމްޑީޕީއާއި ދެކޮޅަށް ވާހަކަތައް ދައްކަވާ ޖުމްހޫރީ ޕާޓީގެ ފަހަތައް އަރައިވަޑައިގެންނެވި ބޭފުޅަކު އަދި ޖުމްހޫރީ ޕާޓީއަށް ބަލާނެތޯއެވެ. މިހާރު ގާސިމްއާއިއެކު ހުންނެވި ނަމަވެސް ފަހުންވާނީ ކިހިނެއްތޯ ސުވާލުއުފެދެނީ މިފަދަ ސަބަބުތަކާއި ހުރެއެވެ. ހަމައެހެންމެ މާޒީގައި ނަޝީދު ގާސިމްއާ މެދު އަމަލު ކޮށްފައިވާ ގޮތުން މާދަން ހަމަ އެމަ ގުން ކަންކަން ނުކުރާނެ ކަމަށް ގާސިމް ގަބޫލުފުޅެއް ނުކުރައްވާނެއެވެ. ގާސިމް ނިކުމެ ނަޝީދުގެ ވެރިކަން 2008 ވަނަ އަހަރު ބަދަލު ކުރީ ނަޝީދުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ކަމަށް ގާސިމް ވިދާޅުވި ހަނދާން އަދި ރައްޔިތުން ނުނެތެއެވެ.
ރައީސް ނަޝިދާއިއެކު ނިކުމެވަޑައިގެން ޖުމްހޫރީ ޕާޓީއަށް ވެރިކަން ލިބުމުން ދެން ވާނެ ގޮތާއިމެދުވެސް ހިސާބުތަކެއް ޖެއްސެވުމަކީ މޮޅު ގޮތެވެ.
ރައިސް ނަޝީދާއިއެކު މަސައްކަތްކުރައްވައިގެން ރައްޔިތުންގެ ތާއީދު ލިބި ޖުމްހޫރީ ޕާޓީއަށް ވެރިކަމަށް އާދެވޭނެތޯ ބަލާއިރު، ރައީސް ނަޝީދަކީ ވަރުގަދަ ސިޔާސީ ލީޑަރެއްކަމަށާއި، ސިޔާސީ މައިދާނުގައި އެވަރުގެ ޝަހުސިއްޔަތެއް ނެތްކަމަށް ގަބޫލުކުރައްވާ ރައްޔިތުން އަދިވެސް އެބަތިބިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއިންވެސް އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންތަކެއް އެބަ ތިއްބެވިކަން ސާފުވެއެވެ. އަދި އެމްޑީޕީގެ ދަފްތަރުން ނަން އުނިކޮށްފައިވާ 39،000 މެންބަރުންގެ ތާއިދުވެސް އެމަނިކުފާނަށް އޮތްކަމަށް ދެކިލައްވައެވެ.
އެހެންކަމުން ޖުމްހޫރީ ޕާޓީއަށް ރައިސް ނަޝީދާއިއެކު ނިކުމެވަޑައިގެން ވޯޓުތަކެއް ލިބިދާނެއެވެ. ނަމަވެސް ރައީސް ނަޝީދާއިއެކު ނިކުމެވަޑައިގަތީތީ ޖުމްހޫރީ ޕާޓީއަށް ގެއްލޭނެ ވޯޓުތަކެއްވެސް ހުންނާނެއެވެ. މިއީ ބަޔަކަށް ގަބޫލު ނުކުރެވުނަސް ހަމަ ހަގީގަތެވެ.

