ފޯޅަވަހީގެ މައްސަލައިގައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޮޑި އިންޗިއެއްގެ މިންވަރުވެސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ނިހާޔަތަށް ދެކޮޅު ހަދާ ކަމެއް ކަމަށް ބުނެފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަަހައްދު ވިއްކުމާ ދިވެހިން ދެކޮޅު ހަދަމުންދާއިރު، ފޯޅަވަހި ހިމެނޭހެން ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޮސް އައިލެންޑްސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ ހައްސާސް މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރި މައްސަލަ، ވާދަވެރި އޮޕޮޒިޝަންގެ ފަރާތުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅުން އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް މަޖިލިސް މެދުވެރިކޮށް 2022 ވަނަ އަހަރު ގެނެސްފައިވަނިކޮށް މި އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެ މައްސަލައަށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ހިނދު، ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޤްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގެ ތިންވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއްގެނެވޭނީ މަޖިލިސް މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުމާއެކު، އަދި ގާނޫނު އަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި ކަނޑުއަޑީގެ ބިމުގައި ހިމެނޭ ދިރުންހުރި އަދި ދިރުން ނެތް ތަބީއީ އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ދިވެހި ދައުލަތަކަށް ކަމަށް ބަޔާންކޮށްފައިވާހިނދު، ޗާގޮސްގެ މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ހާރިޖީ، އިގްތިސާދީ، އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ތަކާއި ނުހަނު ގުޅުންހުރި މައްސަލައެއް ކަމަށް އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ވެއެވެ.
ޗާގޮސްގެ މައްސަލަ އަކީ ރާއްޖޭޣެ ސިޔާދަތީ ބާރުތާއި ރާއްޖޭގެ އެންމެމަތީ މަސްލަހަތު ތަކާއި ގުޅުންހުރި މައްސަލަކަށްވާއިރު، އެމްޑީޕީ ލީޑްކުރާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ދިވެހިރާއްޖެއިން ވަކާލާތު ކޮށްފައިވާ މޮރިޝަސް އާއި ދެކޮޅަށް ޗާގޮސްގެ މައްޗަށް ބާރުހިނގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމަށް ކަމަށްވެފައި އެގޮތަށް އޮތުމުން ސަރަހައްދުން ރާއްޖެ ހިމެނޭ ބައި ހޯދުމަށް މޮރިޝަސް އަށް ވަކާލާތު ކުރުމުގެ ފުރުސަތު ހަނިވެ، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލިސް އަށް އެއްވެސް ކަމެއް ހާމަކުރުމެއް ނެތި ކުރިން ދިވެހިރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް މޮރިޝަސް އަަކީ ޗާގޮސްގެ ސިޔާދަތީ ބާރު ހިނގާ ގައުމެއްގެ ގޮތުގައި ސަރުކާރުން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް މޮރިޝަސް އަށް ސިޓީއަކުން އެންގުމަކީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ރާއްޖެއަށް ލިބޭނެ ކަމެއް ކަމަށް އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ވަނީ ބަޔާންކޮށްފައެވެ.
ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާދަތާއި ސްޓޭންޑް ބަދަލުކުރުމަށް ސަރުކާރުން އަޑިނޭނގޭ ޑީލެއް އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންނަވައިގެން ހައްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވިދާޅުވަމުންދާ ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އެހެންކަމުން ޗާގޮސްގެ މައްސަލައިގައި ދިވެހި ދައުލަތާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑް އަދި ސިޔާސަތުު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ކުރި ސަބަބު ސަރުކާރާއި ރައްޔިތުންނަށް ހާމަކޮށްދީ އެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމަށް ރައީސް ސާލިހް މޮރިޝަސް އަށް ފޮނުވި ސިޓީ ހާމަކުރުމާއެކު މޮރިޝަސް އާއިއެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

