ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިމެއް އެންދި މައްސަލައެއް ހޫނުވެ ޕާކިސްތާނުގައި ޗާޗުތަކަކަށް ގެއްލުންދީފި!

ހަމަނުޖެހުންތަކުގެ ތެރެއިން ބައިބަލްތަކެއް އަންދާލާފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރުއާން ހަތިމެއް އެންދި މައްސަލައަކާއި ގުޅިގެން ޕާކިސްތާނުގައި ގިނަ އަދަދެއް މީހުން ނުކުމެ ކްރިސްޓިއަނުންނަށް ހަމަލާ ދީފިއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ޕާކިސްތާނުގެ ފައިސަލްއާބާދު ސަރަހައްދުގައި ހިނގި ބޮޑު ހަމަނުޖެހުންތަކަކީ ކްރިންޓިއަން ދީނުގެ މީހަކު ގުރުއާން ހަތިމެއް އަންދާލާފައިވާކަމުގެ ތުހުމަތުކުރެވުމާއިއެކު އުފެދިގެންދިޔަ މައްސަލައެކެވެ.

ރިޕޯޓުތަކުގައިވާގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ހާހެއްހާ ރައްޔިތުންވަނީ ރުޅިވެރިކަން ފާޅުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ކްރިސްޓިއަނުންގެ ގެދޮރަށް ގެއްލުންދީފައެވެ. އަދި އަލުކަން ކުރުމަށް ބިނާކޮށްފައިވާ ޗާޗުތަކަށްވެސް ހަމަލާދީފައިވާކަމަށާއި އެހެންކަމުން ކަމާއި ބެހޭ ފަރާތްތަކަށް ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް އެ ސަރަހައްދަށް އަސްކަރިއްޔާ ފޮނުވަން ޖެހުނުކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ޝާއިއުކުރެވުނު އިރު ފައިސަލްއާބާދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް މީހަކުގެ ފުރާނަ ގެއްލިފައިވާކަމުގެ މައުލޫމާތު ލިބިފައިނުވެއެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ކްރިސްޓިއަނުންވަނީ ފައިސަލްއާބާދު ދޫކޮށް ރައްކައުތެރި ސަރަހައްދުތަކަށް ގޮސްފައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ހަތިމެއް އަންދާލި ކަމުގެ ތުހުމަތުތައް ކުރެވުމާއިއެކު އުފެދިގެންދިޔަ ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލްކުރެވުމާއިއެކު އެ ސަރަހައްދު ދޫކޮށް ދިޔަ ބައެއް ފަރާތްތަކުން އަނބުރާ އައިސްފައިވާކަމަށާއި އެހެންނަމަވެސް ހަމަނުޖެހުންތައް ކޮންޓްރޯލްކުރެވިގެންދިޔައިރު އެއް ޗާޗުގައި ހުޅުޖަހާ އިތުރު ހަތަރު އެފަދަ ތަނަކަށް ބޮޑެތި ގެއްލުންތައް ދީފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި މައްސަލައާއި ގުޅިގެން ވިއްސަށްވުރެ ގިނަ ގެއަށްވެސް ގެއްލުންތައް ލިބިފައިވާކަމަށާއި އެގޮތުން ބައެއް ގޭތަކުގައި ހުޅުޖެހުމުގެ ސަބަބުން ގެއްލުންތައް ލިބިގޮސްފައިވާއިރު، އެހެނިހެން ގޮތް ގޮތުންވެސް ގެއްލުން ދީފައިވާކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

ބައިނައްލަގުވާމީ މީޑިއާއަކަށް މައުލޫމާތު ދިން މީހަކު ބުނެފައިވާގޮތުން، އޭނާއަށް ހަމަނުޖެހުމެއް ހިނގަމުންދާކަމަށް މައުލޫމާތު ލިބިގެންދިޔައީ ގޭގައި ހަމަޖެހިގެން އިން ވަގުތެއްގައި ކުއްލި ގޮތަކަށެވެ. މައުލޫމާތު ދީފައިވާ މީހާ ބުނެފައިވާގޮތުން، ހަމަނުޖެހުންތަކުގެ ބައިވެރިންވަނީ ގޭގައި ތިބި މުދަލަށް ދިނުމާއި ފަރުނީޗަރުގައި ހުޅުޖެހުންފަދަ އަމަލުތަކުގެ އިތުރުން ވައްކަމުގެ އަމަލުތައްވެސް ހިންގާފައެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ގެއްލުންތިއް ލިބިފައިވާ އެ މީހާ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، ހަމަނުޖެހުންތަކުގެ ބައިވެރިންވަނީ ގޭތަކުގައި ހުޅުޖެހުމުގެ ގޮތުން ޕެޓްރޯލް ބޭނުންކޮށްފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އެހެނިހެން ކްރިސްޓިއަން ދީނަށް ނިސްބަތްވާ މީހުންނާއިވެސް އެއްފަދަ ނުރައްކާތަކެއް ކުރިމަތިވި ކަމުގެ ރިޕޯޓުތައް ލިބިފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ހިނގި ބޮޑެތި ހަމަނުޖެހުންތަކުގެ ސަބަބުން ހަފްތާއެއްހާ ދުވަސް ސުކޫލުތަކާއި އޮފީސްތައް ބަނދުކޮށް އެއްވެ އުޅުންވެސް މަނާކުރެވިފައިވާކަމަށާއި މި މައްސަލައާއި ގުޅިގެން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު، އެ ގައުމުގެ ބޮޑުވަޒީރުވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވި މީހުން ހައްޔަރުކުރުމަށް އަމުރެއް ނެރިފައިކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ޕާކިސްތާނުގެ ފުލުހުންގެ މުއައްސަސާއިންވަނީ މި މައްސަލައާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށް 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. ޕާކިސްތާނުގައި ހަތިމެއް އެންދި މައްސަލައެއް ހޫނުވެފައިވާއިރު، ބައެއް އެހެން ގައުމުތަކުގައިވެސް މިފަދަ މައްސަލަތައް ފެންމަތިވެ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: