2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމޭ އިރު އިދިކޮޅު ޕީޕީއެމްގެ ނަން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެވިގެންދާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރައްވާނެކަމުގެ ވާހަކަތައް ދައްކަވަމުންދިޔަ ނަމަވެސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެން އެކަން ނުކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ޖަލުން ނެރުމަށް ގާނޫނީ ހަމައެއް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމް މުއިއްޒުގެ ސަރުކާރެއްގައި ބައިވެރިވުމުގެ ވިސްނުމެއް ރައީސް ޔާމީން ގެންގުޅުއްވި ނަމަ އޭނާ އެ ޕާޓީގެ ނައިބު ރައީސްއެއްގެ މަގާމުގައި ހުންނެވިއިރު، އެކަން ކުރެވުނީސްކަމަށެވެ. އެހެންނަމަވެސް ނިންމެވީ ޕީއެންސީއިން ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށްކަމަށާއި އެގޮތުގެ މަތިން އެންމެ ގިނައިން މަންދޫބުންވެސް ނަގާފައިވަނީ ޕީއެންސީއިންކަމަށް ނޫސްތަކުގެ ހެޑްލައިންތަކުންވެސް ފާހަގަކުރެއްވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ، ޕީޕީއެމްގެ ކުލަވެސް އިންތިހާބީ ކަރުދާސްކޮޅުތަކުގައި ނެތްކަމަށާއި ޕީޕީއެމްގެ ނަން އެ ކަރުދާސްކޮޅުން ”ފޮހެލި“ ގޮތަށް ރާއްޖޭގެ ސިޔާސީ މަސްރަހުންވެސް ފޮހެވިގެންދާނެކަމަށެވެ.
މާރިޔާ ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާފައެވެ. އެގޮތުން އެމްޑީޕީގެ ކުރީގެ ސަރުކާރުންވާނީ ބިން ހިއްކުމަށް ބޭނުންވުމުން ހަލުވި ދުވެއްޔެއްގައި އެކަން ކުރެވިދާނެކަން ކަށަވަރުކޮށްދީފައިކަމަށާއި އެހެންކަމުން މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ގިރާވަރު ފަޅުންވެސް ބިން ދޫކުރެވިގެންދާނެކަމަށް ބުނެފައިވާގޮތުގެ މަތިން އެކަން ކުރެވިގެންދާނެކަމަށާއި އެމްޑީޕީއަކީ ވަމުންދާ ވައުދުތައް ފުއްދާ ޕާޓީއެއްކަމަށް މާރިޔާ ވިދާޅުވިއެވެ،

