ކޯރަމް ރަނގަބީލް ޖަހައި ވަގުތު ހަމަވެގެން ދިޔައިރުވެސް، ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމާ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ މަޖިލީހުގެ، ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ހެނދުނުގެ 9:05 ހާއިރު ޖަލްސާ ފެށުމަށް ފަހު އަފީފް ވަނީ ކޯރަމް ހަމަ ނުވާތީ 9:30 ވާއިރު، ކޯރަމް ހަމަވޭތޯ ބެލުމަށް ވަގުތު ދެއްވާފަ އެވެ. އެކަމަކު 9:30 ވީއިރުވެސް ކޯރަމް ހަމަނުވާތީ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް އަފީފް ވިދާޅުވިއެވެ. އަދި އެއީ ވަރަށް ދެރަކަމެއްކަމަށް ފާހަގަކޮށް އަފީފް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މެންބަރުން އިސްކަން ދެއްވުމަށް އެދޭ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިބީ 9 މެންބަރުންކަމަށްވާއިރު، ޖަލްސާ ފެށުމަށް ތަޅުމަށް ހާސިޒުވެ 22 މެންބަރުން ތިބެންޖެހޭނެއެވެ.
އިއްޔެ ވެސް މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ކުރިއަށް ނުގެންދެވުނެވެ. ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވިދާޅުވީ ކޯރަމް ރަނގަބީލް ޖަހައި ވަގުތު ހަމަވެގެން ދިޔައިރުވެސް، ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާކަމަށެވެ.
ކޯރަމް ހަމަނުވާތީ ޖަލްސާ ބޭއްވެން ނެތްކަމަށް ނިންމާ މި ދެ ދުވަހު ޖަލްސާ ނިންމަވާލެއްވިއިރު، އެޖެންޑާގައި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ހިމެނެއެވެ.
އޭގެ އިތުރުން ދުވަހުގެ މަސައްކަތްތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން ހިމެނެއެވެ.
ޖަލްސާ ނިންމާލިއިރު، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދިވެސް އޮތީ ކުރިއަށް ނުގޮސްއެވެ. މި މައްސަލަ ކުރިއަށް ނުގޮސްވާތީ ގިނަ ބަޔަކު ގަބޫލުކުރަނީ މަޖިލީހުގައި “މަރުތަޅު” އެޅިފައިވާކަމަށެވެ.

