މަޖިލީހުން އޮކްޓޯބަރު 30 ގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އަށް އަންގައި ގަރާރެއްް ފާސްކޮށްފިއެވެ.
ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓެއް ނެގުމަށް މަޖިލީހުން އީސީއަށް އެންގުމަށް އެ އިސްލާހުގައި ވެއެވެ.
އެ އިސްލާހާއިއެކު މަޖިލީހުގެ ކޮމިޓީން ގަރާރު ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުނު، އެމްޑީޕީގެ ތާއީދާއެކުއެވެ. އައަށްފަހު ޖަލްސާ ފަށައި މަޖިލީހުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ. އެެހެން ނަމަވެސް އެ ރީޕޯޓަށް އެއްވެސް މެމްބަރަކު ބަހުސް ކުރެއްވުމަށް އެދިވަޑައިގެންފައެއްނުވެއެވެ.
ރައީސްގެ ބައިވެރިވުމެއްނެތި މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
ބަހުސްގެ ތެރެއިން އެކަމާ އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވި އެވެ. މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގަރާރެއް މެދުވެރިކޮށް ނިޒާމީ ވޯޓަކަށް އެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި އެކަން ކުރެވޭނީ ޝަރީފް ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނުއަސާސީގެ 262 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، އަސާސީ ހައްގުތަކާއި މިނިވަންކަން، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ އާންމު ވޯޓެއް ނަގައިގެން އެކަން ކުރަން ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ނަމަ އެވެ.
އެހެންނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުން މި ގަރާރަށް ބަހުސްގެ ތެރެއިން ތާއީދު ކުރެއްވިއެވެ. މަޖިލީހުގެ މުޅި ކޮމިޓީން ގަރާރު ފާސްކުރި ނަމަވެސް، އެނިންމުމަށް އަމަލުކުރެވޭނީ މުޅި މަޖިލީހުން އެ ގަރާރު ފާސްވުމުންނެވެ.
އިލްޔާސްގެ ގަރާރު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ފަހުން، ތަޅުމަށް ވަޑައިނުގަނެ އެމްޑީޕީ މެމްބަރުން ތިއްބެވުމަށް ފަހު، އިއްޔެގެ ޖަލްސާގެ ފަހު ދަންފަޅިއަށް އެމްޑީޕީ މެމްބަރުން ވަޑައިގެން ގަރާރަށް ތާއީދުކުރެއްވީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކަމަކު ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން އެމްޑީޕީއަށް ހުށަހަޅަން ފާސްކޮށްފައިވާ ޝަރުތަކީ މި މަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމެވެ. އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓު ނަގަން ތާއީދުކޮށްފައިވާ އިރު، ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރުމާ މެދު ދެން އަމަލުކުރާނެ ގޮތެއް އަދި ސާފުވެފައެއްނުވެއެވެ.

