އިހުމާލެއްގެ ސަބަބުން ޕާސްޕޯޓް އާ ކުރާފަރާތްތަކުގެ ޖޫރިމަނާ 2000 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މީގެ ކުރިން ޕާސްޕޯޓު ގެއްލިއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި 5،000 ރުފިޔާއާއި، 20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެއެވެ. މިގޮތުން ފުރަމަފަހަރު ކަމުގައިވާނަމަ ޖޫރިމަނާކުރެވޭނީ 5،000ރ. އެވެ. އަދި ދެވަނަ ފަހަރު ކަމުގައިވާނަމަ 10،000ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. އަދި ތިން ވަނަ ފަހަރަށްނަމަ ޖޫރިމަނާގެ ގޮތުގައި ނަގާފައިވަނީ 20،000 ރުފިޔާއެވެ.
ދިވެހި ޕާސްޕޯޓާއިބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ފާހަގަކޮށްފައިވަނީ ޕާސްޕޯޓް ގެއްލިއްޖެނަމަ ޕާސްޕޯޓް ހައްދައިދެވޭނީ ގެއްލެން މެދުވެރިވި ހާލަތަށް ރިޔާއަތްކޮށް އެ ފަރާތުގެ އިހުމާލު އޮތްކަން ނުވަތަ ނެތްކަން އަަންގައިދޭ ޕޮލިސް ރިޕޯޓެއް ލިބުން ކަމަށެވެ. އަދި ޕާސްޕޯޓް ގެއްލުނީ އިހުމާލުންނަމަ ހަދައިދެވޭނީ 2000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށްފަހު، އެ ޖޫރިމަނާގެ ފައިސާ އިމިގްރޭޝަނަށް ދެއްކުމުން ކަމަށްވެސް ބުނެފަވެއެވެ.
ނަމަވެސް މިގޮތަށް ގަވާއިދުގައި ފާހަގަކޮށްފައި އޮތަސް، ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްނަމަ ޕޮލިސް ރިޕޯޓަކާއި، ނުލާ އާ ޕާސްޕޯޓަކަށް އެދި ހުށައެޅޭނެ ކަމަށާއި، އަދި މިފަދަ ފަރާތްތަކަށް ޖޫރިމަނާ ކުރުމެއްވެސް ނޯންނާނެ ކަމަށް ބުނެއެވެ. ނަމަވެސް ޕާސްޕޯޓް ދޫކުރެވިފައިވާ ފަރާތުގެ އިހުމާލުން މިފަދަ ކަމެއް ހިނގައިފިނަމަ އެކަން ނިންމާނީ އިމިގްރޭޝަނުން ބަލާ މިންގަޑުތަކަށް ބެލުމަށްފަހުގައި ކަމަަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރަށް ޕާސްޕޯޓް ހަލާކުވެގެން ރިޕޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ދަތުރުކުރުމުގެ ވަގުތީ ލިއުން ދޫކުރުމުގެ އިޙްތިޔާރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ޕާސްޕޯޓް ގަވާއިދުގެ 15 މާއްދާގެ ށ. ގައި ބަޔާން ކޮށްފައިވަނީ، ޝަރުއީ ކޯޓެއްގެ އަމުރަކާއި، ނުވަތަ ހުކުމަކާއި، ގުޅުގެން ޕާސްޕޯޓް ހެއްދުމަށާއި، އާ ކުރުމަށް އެދި ހުށައެޅޭނެ ކަމަށެވެ. ނަމަވެސް މިފަދަ ފަތާރްތަކުގެ ޕާސްޕޯޓް ދޫކުރާނީ ޝަރުއީ ކޯޓެއްގެ އަމުރުނުވަތަ ހުކުމް ބާތިލްކުރުމުގެ އަމުރު އިމިގްރޭޝަނަށް ލިބުމުން ކަމަށްވެސް ބުނެފައިވެއެވެ.

