ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުގައިވެސް އިންޑިއާ ރާއްޖެ ގުޅިގެން ކުރެވެމުންދާ ކަނޑުމަތީގެ ސަލާމަތީ މަސައްކަތްތައް ކުރިއަށްދާނެކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ ގައުމީ މެރިޓައިމް ސާޗް އެންޑް ރެސްކިއު ބޯޑު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯސްޓުގާޑުގެ ޑިރެކްޓަރ ޖެނަރަލް ރާކޭޝް ޕަލް ވިދާޅުވެފައިވާގޮތުން، ކަނޑުމަތީގެ ސަލާމަތީ މަސައްކަތްތައް ކުރުމުގައި އެ ގައުމުގެ ކޯސްޓު ގާޑު އަދި ރާއްޖެއާއި ދެމެދު ރަނގަޅު ގުޅުމެއް އޮވެއެވެ. އަދި ޑރ މުއިއްޒުގެ ވެރިކަމުގެ ދައުރުގައިވެސް ކަނޑުމަތީގައި ކުރާ މަސައްކަތްތަކުގައި ދެ ގައުމުގެ ރަނގަޅު ގުޅުމުން އެކުގައި މަސައްކަތްކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ މުއިއްޒުއަކީ ޗައިނާ އާއި ގުޅުން ހުރި ކެންޑިޑޭޓެއްކަމަށް ބުނާ ވާހަކަތަކާއިމެދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ދޯސްތީގެ ނަމުގައި ރާއްޖެއާއި ގުޅިގެން ތަމްރީނު ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށާއި އެއްވެސް މައްސަލައެއް ކުރިމަތިވެދާނެކަމަށް ނުދެކޭކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ކޯސްޓުގާޑުގެ ހެލިކޮޕްޓަރެއް އޮޕަރޭޓުކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

