ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހައި ބާރުތަކެއް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި، ބޭނުންވެއްޖެ ކޮންމެ ކަމަކާއި ބެހޭ ގޮތުން، އިސްލާމް ދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނަށް ބަދަލުގެނައުމާއި، ގާނޫނު ބާތިލްކުރުން ހިމެނޭއިރު، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވަބުދާރީކުރުވުންވެސް މިއީ މަޖިލީހަށް ގާނޫނުން މަތިކުރާ ޒިންމާއެކެވެ.
ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމާއި، މުސްތަގިއްލު ކޮމިޝަންތަކާއި، މުސްތަގިއްލު މަގާމުތަކާއި ބެހޭ ގޮތުން ނިންމަންޖެހޭ ކަންތައްތައް ގާނޫނުގައިވާ ގޮތުގެ މަތިން، ނިންމުމާއި، ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އަދި ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭނެކަމަށް ގާނޫނު އަސާސީގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ މި ނޫންވެސް ވާޖިބުތައް އަދާކުރުން ހިމެނެއެވެ.
ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަނޑައެޅުމަށް އޮންނައިރު، ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހަމަޖެއްސުމަށް ގާނޫނުގައި އޮވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާއިރު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރަކު ހޮވާނެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 6 ދާއިރާއެއް އިތުރުވެއެވެ.
އެއީ:
- މާލޭ ސިޓީ އަށް 2 ގޮނޑި
- އައްޑޫ ސިޓީ އަށް 1 ގޮނޑި
- މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި
- މާލެއަތޮޅަށް 1 ގޮނޑި
- ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި
ޤާނޫނު ނަންބަރު 2009/1 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާ އިން…
— Ismail Habeeb (@IsmailHabeeb) July 18, 2023
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެތަކެއް ޒިންމާތަކެއް މަތިކޮށް، ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި، ގައުމުގެ މަސްލަހަތު ދެމެހެއްޓުމަށް އިންތިހާބުކުރާ ބަޔަކަށްވާއިރު، މެންބަރަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- ދިވެހި ރައްޔިތަކަށްވުން.
- ބޭރުގެ ގައުމެއްގެ ރައްޔިތަކަށްނުވުން.
- މުސްލިމަކުކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން.
- އުމުރުން އަށާރަ އަހަރު ފުރިފައިވުން.
- ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުރެގެން ނުވާނެ ހާލަތްތްތަކެއް ހިމެނޭއިރު، އެއީ:
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާއި އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކުކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކުކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ އަހަރު ނުވާ މީހަކު ކަމުގައިވުން.
- ފަނޑިޔާރަކުކަމުގައިވުން.
މީގެ އިތުރުން ހިމެނެނީ ވަކިކަހަލަ ވަޒީފާއެއް އަދާކުރަމުންދާ މީހެއްކަމުގައިނުވުމެވެ.
އެތަކެއް ހާސް ރައްޔިތުންތަކެއްގެ ބަލަދުވެރިކަން ނުވަތަ، އެބަޔަކު ރަމްޒުކޮށްދިނުމަށާއި، އެ ބަޔެއްގެ ހައްގުތައް ކަށަވަރުވާކަން ޔަގީންކުރުމަށް އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހޮވާ ބޭފުޅެއްގެ ކިބައިގައި ހުންނަޖެހޭ ތައުލީމީ އެއްވެސް ޝަރުތެއް ގާނޫނު އަސާސީގައިނުވާކަމީ ކަންބޮޑުވުމެކެވެ. އަދި ތަޖުރިބާގެ ގޮތުން ބަލާ އެއްވެސް ޝަރުތުތަކެއްވެސް ނެތެވެ.
އެހެންކަމުން މެންބަރުން އިންތިހާބުކުރުމުގައި ރައްޔިތުންނާއި ހަވާލުކުރެވިފައި އޮންނަނީ މުހިންމު ބޮޑު މަސްއޫލިއްޔަތެކެވެ. 5 އަހަރުގެ ދައުރަށް އިންތިހާބުކުރާ މެންބަރަކީ ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރާ މެންބަރަކަށް ހެދުމުގައި ފަރުދީ ޒިންމާ ބޮޑެވެ.
93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާއިރު، މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް އެތަކެއް ފައިސާއެއް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން، ދައުލަތުގެ ބަޖެޓު މެދުވެރިކޮށް ހަރަދުކުރަމުން އަންނައިރު، މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުންވެސް އެކަމަށް ވިސްނުމަކީ މުހިންމުކަމެވެެ. ތިމާއަކީ އެތަކެއް ރައްޔިތުންތަކެއް ޒިންމާ ނަގައިގެން، ބައެއްގެ ހައްގުތައް ކަށަވަރުކޮށްދެވޭނެ މީހަކަށްވެވިދާނެތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭނެއެވެ. މަގާމުގެ ބޭނުމުގައި، ފައިސާއިން ގޮނޑި ގަންނަ ވިސްނުން ދޫކޮށްލާ، ގައުމު ހަމަ މަގަށް އެޅުވުމުގެ ޒިންމާ އިސްކުރަންޖެހެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާއިރު، ފެންނަމުން ދަނީ މަޖިލީހަށް ހުށައެޅިފައި ހުންނަ މުހިންމު މައްސަލަތަކާއި، ގަރާރުތަކާއި، ބިލްތަކަށް ބަހުސްކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތު އޮންނަ ކޮންމެވެސް ސިޔާސީ ވާހަކަތަކެއް ދައްކަވާ މަންޒަރެވެ. މިކަމާއިމެދު ބައެއް މެންބަރުންގެ މެދުގައި ކަންބޮޑުވުން އޮތް ނަމަވެސް ހަމަ އެ މެންބަރަކުވެސް ތެދުވެވަޑައިގެން ދައްކަަވަނީ އެފަދަ ސިޔާސީ ވާހަކައެކެވެ. ސިޔާސީ ކަންކަމާއި މަސްއޫލުވެ، ޕާޓީގެ ވެރިޔާ މުހިންމުވީވަރުންގޮސް ދާއިރާގެ ރައްޔިތުން ހަދާން ހުރި މެންބަރަކު މަދޭ ދެންނެވުންވެސް ދޮގަކަށްނުވާނެއެވެ. ވަކި ޕާޓީއެއް މެދުވެރިކޮށް މަޖިލީހަށް އިންތިހާބުވެވަޑައިގަތީތީ، ރައްޔިތުންގެ ހައްގުތަކުގެ ބަދަލުގައި ޕާޓީގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވަކާލާތުކުރާކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫނެވެ.
މެންބަރެއްގެ ބޮލުގައި އެޅިފައި އޮންނަ ޒިންމާގެ ބޮޑުކަމާއި، މުހިންމުކަން އަޅުގަނޑު ފަށަމުން ފާހަގަކޮށްފައިވާނެއެވެ. އެހެންކަމުން 87 އަކުން 93 އަކަށް މެންބަރުންގެ އަދަދު އިތުރުކޮށް، މަޖިލީހަށް އެތައް މެންބަރުންނެއް އިންތިހާބުކުރާއިރު، ސިޔާސީ އަދި ޒާތީ މަސްލަހަތު އެއް ފަރާތްކޮށް، ގައުމާއި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ މެންބަރުންތަކެއް މަޖިލީސް އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުން މާ މުހިންމެވެ. މީހާގެ އިލްމާއި ގާބިލްކަން ބެލޭނެ އެއްވެސް ޝަރުތެއް މެންބަރުންގެ ކިބައިގައި ހުންނަންޖެހޭކަމަށް 15 އަހަރުވެފައިވާ ގާނޫނު އަސާސީގައި ބަޔާންކުރެވިފައި ނެތުމަކީ ކަންބޮޑުވުމެކެވެ.

