އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއަޅައި ގެއްލުން ދިނުމުގެ އެއްވެސް ނިޔަތެއް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ނެތްކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު (އިއްސެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތަކުގެ ތެރެއިން ޕާޓި ދެބައިވެ، އެންމެ ބޮޑު މައްސަލައެއް ޖެހިފައި ވަނީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އެވެ. މަޖިލީހުގެ ރައީސަކަށް އެމަނިކުފާނު އިންތިހާބު ކުރީ އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ވޯޓުންކަމަށްވުމުން މަގާމުން ދުރު ކުރުމަށް ދެވަނަ ފަހަރަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދިއުމުގެ ވިސްނުން ރައީސް ނަޝީދުގެ ނެތެވެ. އަދި އާދިއްތަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް ވޯޓަށް އެހިދާނެކަމަށް ގަބޫލު ނުކުރެވޭތީ ނޫސްވެރިންނާއި އެމްޑީޕީގެ ޕީޖީން ބައްދަލުކޮށް ބުނީ އެ ނޫން ހާލަތެއްގައި މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެކަމަށާއި، އިންތިހާބީ ރައީސްގެ ހުވާކުރެއްވުން ވެސް ގަބޫލު ނުކުރާނެކަމަށެވެ.
ވަޒީރުންނަށް ވެސް ރުހުން ނުދޭނެކަމަށާއި، މަޖިލިސް ޖަލްސާތައް އެ ދުވަހުން ފެށިގެން އެއްކޮށް ބޮއިކޮޓު ކުރާނެކަމަށް ބުނި މައްސަލައިގައި ބޮޑެތި ފާޑުކިއުންތައް އެމްޑީޕީއަށް ވަނީ އަމާޒުވެފަ އެވެ. މިއީ އިންތިހާބީ ރައީސަށް ކުރާ ޖެއްސުމެއްކަމަށް ކުރާ ތުހުމަތުތަކަށް ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި އިސްމާއިލް ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމްޑީޕީން ތިބީ އެއްބާރުލުން ދޭން ކަމަށެވެ. ރައީސް ސޯލިހު އިންތިހާބުން ބަލިވެ ވަޑައިގަތުމުންވެސް ރައީސް ވަނީ އިންތިހާބީ ރައީސް އަށް މަރުހަބާ ވިދާޅުވެ އެކަމުގެ ރީތި މިސާލު ދައްކާފައި ކަަމަށެވެ.
އިސްމާއިލް ވިދާޅުވީ މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު ރައީސް ސޯލިހު މުއިއްޒަށް މަރުހަބާ ދެންނެވިކަމަށާއި، އޭގެއިން ވެސް އެނގެނީ އެމަނިކުފާނު އެއްބާރުލުން ދެއްވާނެ މިންވަރު ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ވިދާޅުވީ ރައީސް ސޯލިހު ދެއްކެވީ ރީތި ނަމޫނާއެއްކަމަށާއި، އެ މަސައްކަތުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.
އެއްވެސް އިރަކު އަޅުގަނޑުމެންގެ މަގުސަދު އޮތްކަމެއްނޫން އިންތިހާބީ ރައީސަށް ހުރަސް އެޅުމަކީ އެއީ އަޅުގަނޑުމެންގެ ނިޔަތުގައި އޮތް ކަމެއްނޫން. އެކަމަމު އަޅުގަނޑުމެން ކަށަވަރު ކުރަންޖެހޭ ކަންތައްތަކެއް ހުރޭ މި މަސައްކަތުގެ ތެރޭގައި މެންޑޭޓްގެ ތެރޭގަ
އަލަށް އިންތިހާބުވާ ރައީސް ކުރައްވާ ހުވާ އަކީ ގާނޫނީ ގޮތުން އެއްވެސް ޝައްކެއް އޮތް ހުވައަކަށް ވާން ބޭނުން ނުވާކަން ފާހަގަކޮށް އިސްމާއިލް ވިދާޅުވީ ރައީސް އަދި އެމަނިކުފާނުގެ ނައިބު ރައީސް ހުވާ ކުރެވެއިރު، ރައްޔިތުންގެ މަޖުލީހުގެ އިތުބާރުހުރި ރައީސަކާއެކު ކުރެވޭ ހުވަޔަކަށް ހުވާ ވާންޖެހޭނެ ކަމަށެވެ.
ދެން އަންނަ ސަރުކާރަކީ ސައްހަ ހުވައެއްގެ މަތީގަ ރަނގަޅުގޮތުގައި އުފެދި އަންނަ ސަރުކާރެއް ގޮތުގައި އޮންނަން ބޭނުންވޭ
މީގެއިތުރުން އިސްމާއިލް ވިދާޅުވީ އާ ރައީސް ހުވާ ކުރެއްވުމާއި ހަމައިން ޝައްކު އުފެދޭ ކަންކަން އެބަހުރިކަމަށެވެ. އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ މެމްބަރުން އިތުބާރު ނުކުރާ ރައީސަކު މަޖިލީހުގައި ހުރުމުން ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ބޭރު ކުރަންޖެހޭ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

