ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަދަކަމުން ކާންދިނުން: ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމެއް!

ރާއްޖޭގެ ރަށެއްގައި ކުޑަކުދިން ކުޅެންތިބި މަންޒަރު/ ފޮޓޯ؛ އިބްރާހިމް ސުޖާއު (ޖަންކީ) ނަގާފައިވާ ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޙިޔާލުގެ މަގުސަދަކީ އެއްވެސް ބައެއް ދަށްކޮށްލުން ނުވަތަ ބަދު ބަހެއް ބުނުމެއްވެސް ނޫނެވެ. މި އާޓިކަލްގެ މަގުސަދަކީ އާންމު ދިރިއުޅުމުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ދިވެހިންނަށް ފެނިފައިވާނެ އާދައިގެ އެހެންނަމަވެސް އެކަމުން ނުކުންނަ ނޭދެވޭ ނަތީޖާގެ ސަބަބުން މުހިންމު ކަމެއްގެ މައްޗަށް އަލިއަޅުވާލުމެވެ.

އެންމެންވެސް އެބައެއްގެ ދަރިން ދެކެ އިންތިހާއަށް ލޯބިވާނެއެވެ. އެހެންނަމަވެސް ތުއްތުކުދިން ބޮޑުވަމުން އަންނަ ދައުރުގައި ކަންކަމަށް ދެކޮޅު ހަދައި ކަންކަން އިހުތިޔާރުކުރަން ފަށާ ދުވަސްވަރު ދަރިންނަށް ގަދަކަމުން ކާންދިނުމަކީ، ވަރަަށް ގިނައިން ފެންނަ، ކަމެކެވެ. ދަރިން ރަނގަޅު ސިއްހަތެއްގައި ބޮޑުވެގެންދާކަން ކަށަވަރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއެއްކަމާއިމެދު ޝައްކެއްވެސް ނެތެވެ.

އެހެންނަމަވެސް، ޖިސްމާނީ ސިއްހަތުގައި ރަނގަޅަށް ހެދި ބޮޑުވަމުން އަންނަކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާނަމަ، އެއީ ކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫންކަން ޔަގީނެވެ. އެ ނޫން އެހެން މަގެއް ހޯދައި ހިޔާރުކުރަން ޖެހެއެވެ. އެ ކުދިންގެ ހަޔާތް ބިނާވާނީ އެ ކުއްޖެއްގެ ހަށިގަނޑާއި ސިކުނޑިގެވެސް ބޭނުންކޮށްގެން ކުރާ ކަންކަމާއި ނިންމާ ނިންމުންތަކުގެ މައްޗަށްކަމަށްވުމުން ޖިސްމާނީ ދުޅަހެޔޮކަމާއިއެކު، ނަފްސާނީ ސިއްހަތުވެސް ކަށަވަރުކުރުން ހަމަ އެއް މިންވަރަކަށް މުހިންމެވެ.

އިންތިހާ ބުރަ މަސައްކަތްކޮށްގެން ކާންދިނުމަށް ގެންނަ ތަކެއްޗަށް ކުއްޖާ ނޫނެކޭ ބުނުމުން، އަދި ކެތްތެރިކަމާއިއެކު ދިނުމަށް އެތައް ވަގުތެއް ހޭދަކުރުމުންވެސް ނުކެއުމުން ރޮއްވާލައިގެން ގެންގޮސް އެ ތަކެތި ގަދަކަމުން ކާންދޭކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް އެ ހާލަތު އެތައް ފަހަރެއްގެ މަތިން ތަކުރާރުވުމުން ކުއްޖާގެ ސިކުނޑީގައި ކާބޯތަކެތީގެ އިތުރުން ކެއިން ބުއިމުގެ އަމަލު ނޭދެވޭ ކަމެއްގެ ގޮތުގައި ދަފްތަރުކުރެވިގެންދެއެވެ. ބޮޑުވަމުން އަންނައިރު، މިކަމުގެ ސަބަބުން ކެއިން ބުއިމާއި ދުރުވުމުގެ މައްސަލަ އުފެދިގެންދިއުން އެކަށީގެންވެއެވެ. އެހިސާބުން އެކަށީގެންވާ މިންވަރަށް ނުކެއުމާއި ބޭނުންވާ މާއްދާތައް އެކުލެވޭ ތަކެތި ނުކެއުމުގެ ސަބަބުން ކުރިމަތިވެގެންދާ ޖިސްމާނީ އެތައް މައްސަަލައަކަށްވެސް ފުރުސަތު ފަހިވެގެންދެއެވެ.

ދުނިޔޭގެ ހަގީގަތަށް ބަލާއިރު، އިންސާނުންގެ ތެރޭގައި އަނެކާގެ މައްޗަށް ގަދަވެގަތުމާއި ބާރު ފޯރުވުުމުގެ އަމަލުތައް ހިންގާކަމީ ދެރަ އެހެންނަމަވެސް ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ. އެހެންކަމުން އެފަދަ ކަންކަމުން ދަރީން ރައްކައުތެރިކުރުމަކީ ކޮންމެ މައެއް އަދި ބަފައެއްވެސް ކަށަވަރުކުރަން ބޭނުންވާނެ މުހިންމު އަމާޒެކެވެ. ގަދަކަމުން ކާންދީގެން ދުޅަހެޔޮ ޖިސްމާނީ ސިއްހަތެއްގައި ބެހެއްޓުމަށް މަސައްކަތްކުރަނީވެސް އެ ސަބަބަށެވެ.

އެހެންނަމަވެސް އެ އަމާޒު ހާސިލުކުރުމަށް ކުއްޖާއަކީ ކުރިމަތިވާ ދަތިތަކުގެ ތެރޭގައިވެސް ކަންކުރުމަށާއި ބަސް ބުނުމަށް ބޭނުންވާ ހިތްވަރު ހުރި، ފަސް ނުޖެހޭނެ ކުއްޖެއްގެ ގޮތުގައި ބައްޓަންކުރަމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ގަދަކަމުން ކާންދީގެން އެ އަމާޒު ހަގީގަތުގައިވެސް ހާސިލުވޭތޯ ވިސްނާލުން މުހިންމެވެ.

ކުއްޖާ ބޮޑުވަމުން އަންނައިރު، ރޮއެ ކަމަކަށް ދެކޮޅު ހެދުމުން ގަދަކަމުން ގެންގޮސް އެކަމެއް އެ ކުއްޖެއްގެ މައްޗަށް މަޖުބޫރުކުރުމުން، ހަޔާތުގެ ކަންކަމުގައި އިހްތިޔާރެއް ނެތްކަމުގެ އިހުސާސް ފަދަ އިހުސާސްތައް ކުރެވިގެންދިއުުމުގެ ފުރުސަތު އޮވެއެވެ. އެ ވަގުތު އެކަމުގެ އަސަރު ފެނިގެން ނުދިޔަ ނަމަވެސް ކުރިމަގުގައި އެކަމުގެ އަސަރުތައް ފެނުމަކީ ނަފްސާނީ ގިނަ މައްސަލަތަކުގައި ކަންދިމާވާ ގޮތްވެސްމެއެވެ. އަދި ކަންކަމާއި އެއްބަސްނުވި ނަަމަވެސް ބޯލަނބައި ކުރުމުގެ އާދަވެސް ކުއްޖާގެ ކިބައިގައި އުފެދި އަށަގަންނާނެކަން ޔަގީނެވެ. މި މައްސަލަ ދިމާވެފައިވާ ކުދިންނަށް ޕިއަރ ޕްރެޝަރ ފަދަ މައްސަލަތަކުގެ އަސަރު އެހެންކުދިންނަށްވުރެ ބޮޑަށް ކުރުން އެކަށީގެންވެއެވެ.

ކުރިން ވަރަށް މީރުކޮށް ޝައުގުވެރިކަމާއިއެކު ކަމުން ދިޔަ އެއްޗެއް ކެއުމަށް ދެކޮޅު ހެދުން، ކޮންމެ ދުވަހެއްގައިވެސް މުޅި ދުވަހު އެކައްޗެއް އަދި އެ ނޫން އެހެން އެއްވެސް އެއްޗެއް ބޭނުން ނުވުމާއި، އެއްވެސް އައު އެއްޗެއް ކެއުމަށް ދެކޮޅު ހެދުމުގެ އިތުރުން ލުއި ކާނާ ނޫން އެޗެއް ނުކެއުމަކީވެސް ގިނަ މައިންބަފައިން ކުރިމަތިލާފައިވާނެ ހާލަތްތަކެވެ.

މިފަދަ ބަދަލުތައް އަންނަ ސަބަބުތަކަށް ބަލާއިރު، ގުދުރަތީ ގޮތުން ކުއްޖާ ބޮޑުވަމުންދާ ރޭޓު މަޑުޖެހިގެންދާ ދިއުންވެސް ރޯލެއް އަދާކުރެއެވެ. އެކަމުގެ ސަބަބުންވެސް ކެއިން ބުއިމުގެ ކަންކަމަށް ބަދަލުތައް އާދެއެވެ. އެ ރޭޓު އިތުރުވާ ނަމަ ކާ މިންވަރުތައް އިތުރުވެއެވެ. އަދި ދަށަށް ދާ ނަމަ، ކެއިން ބުއިމުގެ ކަންކަން މަދުވާނެއެވެ.

އަމިއްލަވަންތަކަން އާލާވަނމުންދާ ދުވަސްވަރު، އެކަން ދެއްކުމަށްވެސް ބައެއް ކުދިން މަސައްކަތްކުރާނެއެވެ. އެ ދުވަސްވަރު ކާން ދޭ ތަކެތި އަމިއްލައަށް ނަގައި ކަންކަން ކުރުމުގެ ޝައުގުގައި މައިންބަފައިން ދޭ ކާބޯތަކެތި ކެއުމަށް ދެކޮޅު ހަދާކަން ފާހަގަކުރެވޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ދަރިންނަށް ކާންބޯންދިނުމުގެ މަގުސަދުތަކުގެ ތެރޭގައި، ނޭދެވޭ ކަމެއް ނުހިނގައި އެކި ބާވަތުގެ ތަކެތި ތަޖުރިބާކުރެވިގެންދިއުން ހިމެނޭކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

ބޮޑުވަމުން އަންނަ ތުއްތު ދަރިއަށް ގިނަ ބާވަތްތައް ދައްކައި، މައިންބަފައިންވެސް އަމަލީ ގޮތުން އެތަކެތި ކެއިން ބުއިމުގައި ބޭނުންކުރާ ތަން ފެނުމަކީވެސް ޝައުގުވެރިކަން އާލާކުރުވައި ކެއުމާއި ގާތަށް ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ. ކުއްޖާއަށް ކަމުދާ ތަކެތި ދެނެގަނެ، އެފަދަ ވަހާއި ރަހަ އަދި ސިފަތައް ހުރި ކާނާ ސިއްހަތަށް އެކަށީގެންވާ ގޮތެއްގެ މައްޗަށް ކެއްކުމަށްވެސް މަސައްކަތްކުރެވިދާނެއެވެ. އަދި މި ނޫން އެތައް ގޮތެއް ހުންނާނެއެވެ.

މައިންބަފައިންނާއި ފުރާ އުމުރުގެ މުޖުތަމައުގެ ޒިންމާއަކީ، ވަށައިގެންވާ ވެއްޓާއި، އެ ވެށީގެ ތެރޭގައި ހިމެނިފައިވާ ތަކެއްޗާއި ގުޅޭގޮތުން ތުއްތު ޖީލުތަކުގެ މައުލޫމާތު މުއްސަނދިކުރުމެވެ. އަދި މާހައުލުގެ ތެރޭގައި ރަނގަޅު ފިޔަވަޅުތައް އެޅުމަށާއި ނިންމުންތައް ނިންމުމަށް ދަށްކޮށްދިނުމަކީވެސް އަހަރަމެންގެ ޒިންމާއެކެވެ. އަންނަނިވި ޖީލުތަކުގެ ކިބައިގައި ލީޑާޝިޕުގެ ސިފަ ކުރީބައިގައި ޖެއްސުވުން މުހިންމެ އެހެންކަމުން ތުއްތު އިރުއްސުރެވެސް އަމިއްލަ އިހުތިޔާރުގައި ކަންކުރުމަށް ބާރު އަޅައި ކުރާ ކަންކަން ރަނގަޅު މަގުން ގެންދިއުމަށް މަސައްކަތްކުރުމަކީވެސް އަހަރަމެންގެ ޒިންމާއެވެ.

ވެ. އާހިރުގައި ގައުމުގެ މިސްރާބު ބައްޓަންވާނީ ކުރިމަގުގެ ހުންގާނާއި ހަވާލުވާނެ އަދުގެ ތުއްތު ޖީލުތަކުގެ ވިސްނުންތަކުގެ މައްޗަށްކަމަށްވުމުން، އެ މީހުންގެ ނަފްސާނީ ދުޅެހެޔޮކަމަކީ ކުޑަކަމެއް ކަމަށް ދޫކޮށްލައިފި ހާލަތެއްގައި، ގައުމުގެ ގޮސްދާނެ މަންޒިލެއް ބުނަންވެސް ނޭނގޭނެކަން ޔަގީނެވެ. އެހެންކަމުން މިފަދަ ކުޑަ މައްސަލައަކުން ބޮޑު މައްސަލައެއް އުފެދިގެންދާން ދޫކޮށްލުމަށްވުރެ މި އާދަކާދައަށް ބަދަލުގެނެސް ދިވެހިރާއްޖޭގައިވެސް ހޭލުންތެރިކަމާއިއެކު ދަރިން ތަރުބިއްޔަތުކޮށް، ނަފްސާނީ ދުޅަހެޔޮކަންވެސް ކަށަވަރުކުރުން މުހިންމެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: