ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބުރިޖްގައި 77 ޕަސެންޓު އޮންނަން ޖެހެނީ ނިމިފައި، ނިމިފައިވަނީ 27 ޕަސެންޓް

ތިލަމާލެ ބްރިޖު މަސައްކަތް ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުން ޤާއިމުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 26ވަނަ ދުވަހުއެވެ. ސާރވޭގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރުން ފަށައިގެން ޢަމަލީގޮތުން ކުރިއަށް ދިޔައެވެ. އިންޑިއާގެ އެފްކޮންސް ކުންފުނިން ރާއްޖޭގައި މަސައްކަތް ފަށާފައިވާ ތިލަމާލެ ބްރިޖުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ބުރިޖު މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ނިއުދިއްލީގައި ހުންނަވާ ވާޗުއަލްކޮށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގައި ހިމެނެނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމުގެ މަސައްކަތެވެ. ތިލަމާލެ ބުރިޖުގެ އެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ބުރިޖަކީ 6.7 ކިލޯމީޓަރުގެ ދިގު ބުރިޖެކެވެ. އަދި ކޯޒްވޭ ލިންކާއެކު މައި ބުރިޖުގައި 140 ކިލޯމީޓަރު ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ތިލަމާލެ ބުރިޖް މަޝްރޫއު ހަދަން ހަވާލު ކޮށްފައިވާ މުއްދަތަށް ނުނިމި ލަސްވެފައިވާ އިރު، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތުގައި ގޮންޖެހުންތައް ހުއްޓަސް ކަނޑައަޅާފައިވާ ތާރީހަށް އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުންވެސް މީގެ ކުރިން ދީފައި ވެއެވެ. އެގޮތުން މާލެއިން ވިލިމާލެއަށް މި އަހަރު ޖުލައި 23 ގައި ގުޅައިލެވޭނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެމުއްދަތަށް އެކަން ނުވެ، ފަހުން އަނެއްކާވެސް ބުނެފައިވަނި އޮގަސްޓް 15 ގެ ކުރިން މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ.

މި ބުރިޖުގެ މަސައްކަތަށް މިވީހާ ދުވަހަށް ބޮޑު ހަރަދުތަކެއް ހިނގާފައިވާއިރު ދިވެހި ރުފިޔާއިން 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށަން ގަސްތުކުރި އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އަދި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުވެސް ހޯދާއިފައި ވެއެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަސް ތެރޭ ހައުސިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ޓެސްޓްޕައިލްގެ ކޮންކްރީޓް މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ދެ ”ފްލޯޓިންގް ބެޗިންގް ޕްލާންޓް“ ބޭނުން ކުރަމުންދާ ކަމަށެވެ. ބުރިޖާއި ގުޅޭ އެންމެ މުހިންމު ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 2022 ވަނަ އަހަރު ޖަނަވަރީ މަހު އެވެ. އޭރު ފެށި ޓެކްނިކަލް ސާވޭ އަކީ ބިން ވަރުގަދަކަން ޔަގީން ކުރުމަށް ކޮށްފައިވާ ސާވޭއެެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިގޮތުން މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ތާރީހުތައް ވެސް އެކި ދުވަސްމަތިން ކަނޑައެޅިފައި ވެއެވެ. މިގޮތުން ވަކި ފޭސްތަކަކަށް ބަހާލައިގެން ބުރިޖު ހުޅުވުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ބުނެފައިވާއިރު، މަސައްކަތް ނިންމުން އެކި ތާރީހުތަކަށް ބަދަލު ގެނެސް އެންމެފަހުން މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނީ ނޮވެމްބަރު 2024 ގައި ކަމަށްވެސް ކަނޑައެޅިއެވެ. ދިވެހި ސަރުކާރުން އޭރު ބުނީ ބުރިޖު މަޝްރޫއުގެ މަސައްކަތް ކުރަން ފެށީ ސީދާ މުއްދަތަށް ނިންމަން ކަމަށާއި، މަސައްކަތް ނުނިމި ލަސްވީ ކަމަށެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އައި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތާއި ގުޅޭގޮތުން މިއަރު ނޮވެމްބަރު 19 ގައި ނޫސްވެރިންނާއި ބައްދަލުކޮށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވީ، ތިލަމާލެ ބުރިޖް މަޝްރޫއު މިހާތަނަށް ނިންމަން ޖެހޭ މިންވަރަށް ނިމިފައި ނުވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ތިލަމާލެ ބުރިޖު މަޝްރޫއު ހުއްޓި އަދި މަސައްކަތް ކުރިއަށް ނުގޮސް އޮތްއޮތުމުގައި ކަން ހިނގާފައިވާ ގޮތް ބަލަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތަށް ހުރި ހުރަސްތައް ދެނެގަނެ އެކަން ކުރިއަށް ގެންދިއުމަކީ އެންމެ އިސްކަން ދޭނެ އެއްކަންތައް ކަމަށް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ ބުރިޖް މަސައްކަތުގައި ހުރި މައްސަލަތައް ދެނެގަނެ އެކަން ބަލާނެ ކަމަށެވެ.

ފިރުޒުލް ފާހަގަކުރެއްވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިޔަނަމަ މިހާ ހިސާބަށް މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ހުންނާނީ ނިންމާލެވިފައި ކަމަށެވެ. އެހެން ނަމަވެސް އިންތިގާލީ މަރުހަލާގައި ހޯދުނު ހޯދުންތަކަށް ބަލާއިރު، ނިމުނު ސަރުކާރަށް ނިންމާލެވިފައި ވަނީ އެ މަޝްރޫއުގެ އެންމެ 27 އިންސައްތަ މަސައްކަތް ކަމަށެވެ.

ބުރިޖް މަސައްކަތް ނިންމުމަށް ކަނޑައެޅި މުއްދަތު ފަހަނަޅައިގޮސްފައި ވާއިރު، އެ މުއްދަތަށް މަސައްކަތް ނުނިމުނު ސަބަބެއް ނޭނގޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައިވެސް ބުރިޖު މަސައްކަތް ހިނގާފައިވާ ގޮތް ބަލާ ދިރާސާ ކުރުން ހިމެނޭ ކަމަށެވެ. މިހާރުވެސް ބޮޑެތި މަޝްރޫއުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: