އިންޑިއާ ސިފައިން ބޭލުމާއިމެދު ރަސްމީ ޖަވާބެއް ލިބިފައިނުވާކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާއެއްކަަމަށްވާ ”ދަ ޑިޕްލޮމެޓް“ އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި އެ ނޫހުންވަނީ ރާއްޖެއާއި އިންޑިއާ ދެމެދުގެ މަސްރަހު ހޫނުވަމުންދާކަމަށް ސިފަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފަސްގަނޑުން އިންޑިއާގެ ސިފައިން ބޭލުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގޮވާލައްވާފައިވާކަމަށާއި، އެ ގައުމާއިއެކު ގާއިމުކޮށްފައިވާ އެއްބަސްވުންތައް މުރާޖާކުރާނެކަމުގެ އިންޒާރުދެއްވާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާ ސިފައިން ބޭލުމަށް ރަސްމީގޮތުން އެ ގައުމުގެ ސަރުކާރުގައި ރާއްޖޭގެ ސަރުކާރުން އެދިފައިވަނީ ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުން ކަނޑައެޅި ހާއްސަ މަންދޫބު އިންޑިއާގެ މިނިސްޓަރ އޮފް އާތް ސައެންސަސް ކިރަން ރިޖީޖޫ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައިކަމަށްވެސް ރައީސް އޮފީހުން ހާމަ ކުރިކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރައީސް އޮފީހުން ނެރުނު ބަޔަނުގައިވާގޮތުން ރާއްޖޭގެ ރައްޔިތުންވަނީ ޑރ މުއިއްޒުއަށް އިންޑިއާ ސިފައިން ބޭލުންވެސް ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޑިމޮކްރެޓިކް ޝުއޫރުތަކަށް އެ ގައުމުން އިހުތިރާމުކުރާނެކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ރައީސް މުއިއްޒުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބެއްލެވުުމުގެ ދަށުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތް އެމަނިކުފާނުގެ ކެމްޕެއިންގެ މުހިންމު ބައެއްގެ ގޮތުގައި ހައްދަވާފައިކަމަށްވެސް ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އިންޑިއާ އާއިއެކު ގާއިމުކޮށްފައިވާ ސަތޭކައެއްހާ އެއްބަސްވުން މުރާޖާކުރުކުރުމުގެ ވިސްނުންތައް ރައީސް މުއިއްޒުގެ ސަރުކާރުން ދާދިފަހުން ހާމަކުރިކަމަށާއި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ ދިފާއީ އަދި ރައްކައުތެރިކަން ކަށަވަރުކުރުމާއި ގުޅުންހުރި އެއްބަސްވުންތައްވެސް ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓުގައިވާގޮތުން، ރައީސް އޮފީހުގެ މިނިސްޓަރު ޚަލީލްވަނީ މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް މުއިއްޒު އަދި މިނިސްޓަރު ރިޖީޖޫ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ ވަރަށް ޕޮސިޓިވް ބައްދަލުވުމެއްކަމަށްވެސް ބުނެފައިވާކަމަށާއި އެހެންނަމަވެސް އިންޑިއާގެ ސިފައިން ބޭލުމަށް ރައީސް މުއިއްޒު ކުރެއްވި ރިކުއެސްޓަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ރަސްމީ ޖަވާބެއް ލިބިފައިނުވާކަަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވަޑައިގެންނެވިއިރު، ރައީސް މުއިއްޒުގެ ހުވާކުރެއްވުމަށް ވަޑައިނުގަންނަވައި މިނިސްޓަރު ރިޖީޖޫ ފޮނުއްވުމުން ރާއްޖޭގެ ކަންކަމާއިމެދު އިންޑިއާގެ ހިތްހަމަނުޖެހުންތައް އޮތްކަން ސާފުވާކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖެއަކީ އިންޑިއާގެ ކަނޑުގެ ސަރަހައްދީ އިމުގައި އޮންނަ 1200 އާއި ގާތްކުރާ އަދަދެއްގެ ކުދި ރަށްތަކުން އެކުލެވިފައިވާ ގައުމެއްކަމަށްވާއިރު، ރާއްޖެއަކީ އިރުމަތިން ހުޅަނގަށް ތެޔޮ ގެންދިއުމުގެ ގޮތުން ކަނޑުދަތުރުފަތުރުކުރުމަށް ބޭނުންކުރާ މަގަކާއި ގާތުގައި އޮންނަ ގައުމެއްކަމަށާއި އެއީ ގަލްފުން އިރުދެކުނަށާއި އިރުމަތީ އޭޝިއާގެ ގައުމުތަކަށްވެސް ތެޔޮ ފޮނުވާ މަގުކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓުގައިވާގޮތުންް، ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އެތައް ޒަމާނެއް ވެފައިވާއިރު، ޗައިނާއިން ރާއްޖެއަށް ޝައުގުވެރިކަމެއް ބާއްވަންފެށީ 2011 ވަނަ އަހަރުގައިކަމަށެވެ. އެގޮތުން އެ އަހަރު އެމްބަސީއެއް ގާއިމުކޮށް އެއަށްފަހު ދެ ގައުމުގެ ގުޅުމުގެ ތެރެއިން ބޮޑެތި ކާމިޔާބީތައް ހާސިލުކޮށްފައިވާކަމަށާ ހާއްސަ ގޮތެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޗައިނާއިން ރާއްޖެއަށް ކުރި އިންވެސްޓުމެންޓުތަކާއި އެ ގައުމުގު ނުފޫޒުވެސް އިތުރުވެގެންދިޔަކަމަށް ބުނެފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީން އިންޑިއާގެ ސިފައިން ބޭލުވުމަށް އެދިވަޑައިގަތީ އެ މަނިކުފާނުގެ ދައުރު ނިމުމާއި ގާތްވެފައިވާއިރުކަމަށްވާއިރު، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަތެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ދައުރު އަދި ފެށުނީކަމަށާއި 2018 ވަނަ އަހަރާއި އަޅާ ބަލާއިރު މިއަދު ދިވެހިރާއްޖެއަށް އެ ގައުމުން ކޮށްފައިވާ އިންވެސްޓުމެންޓުތައްވެސް ބޮޑުތަނުން އިތުރުވެގޮސްފައިވާކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ޖުމުލަކޮށް ހެލިކޮޕްޓަރު ދުއްވުމަށާއި ޑޯނިއާ ދުއްވުމާއި އެތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމުގައި 77 އިންޑިއާ އަސްކަރީ މުއައްޒަފުން މަސައްކަތްކުރަމުންދާކަމަށް ދާދި ފަހުން ރައީސް އޮފީހުން ހާމަކޮށްފައިވާނަމަވެސް، ބޭރު ގައުމެއްގައި ދިރިއުޅެމުންދާ ރާއްޖޭގެ އެނަލިސްޓަކު މައުލޫމާތު ދޭގޮތުން އެންމެ ފުރަތަމަ އެއްބަސްވެފައިވަނީ ރާއްޖޭގެ ސިފައިންނަށް ދުއްވުމަށާއި މަރާމާތުކުރުމަށްވެސް ތަމްރީނު ދިނުމަށްކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ދިގުދައްމަމުން ގޮސް މިހާރު އެ ގައުމުންވަނީ ރާއްޖޭގައި އަސްކަރީ މުއައްޒަފުން ގާއިމުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ އެކްސުކުލޫސިވް އިކޮނޮމިކް ޒޯނު ބޮޑުވުމުން ގާނޫނާއި ހިލާފަށް މަސްބޭނުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ހަތިޔާރުގެ ވިޔަފާރިއާއި ހަރުކަށިފިކުރު ފަދަ މައްސަލަތަކުން ދިފާއުވުމުގެ ގާބިލުކަމެއް ރާއްޖޭގައި ނެތްކަމަށް ބުނެފައިވެއެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ރައްކައުތެރިކަންވެސް ބަލަހައްޓާ ގައުމުކަމަށާއި، އެގޮތުން ރާއްޖޭގައި ދިފާއީ ވަސީލަތްތައް ގާއިމުކުރުމާއި ކޯސްޓަލް ރާޑާރ ސިސްޓަމެއް ގާއިމުކުރުމުގެ އިތުރުން މިލިޓަރީ ހޮސްޕިޓަލަކާއި ރާއްޖޭގެ އަސްކަރިއްޔާއަށް ޓްރެއިނިންގް ފެސިލިޓީއާއި ބަނދަރެއް ބިނާކޮށްދިނުމުގެ މަސައްކަތްތައް ކޮށްފައިވަނީ އިންޑިއާއިންކަމަށްވެސް ބުނެފައިވެއެވެ.
ރިޕޯޓުގައިވާގޮތުން، އެ ގައުމުންވަނީ ރާއްޖެއަށް މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ އިތުރުން ސީ އެމްބިއުލާންސާއި ލޭންޑިންގް ކްރާފްޓް އެސަލްޓު ޝިޕެއްގެ އިތުރުން އިންޓަރސެޕްޓަރ ބޯޓާއި އެހެނިހެން ހަނގުރާމަ މަތީ ވަސީލަތްތައްވެސް ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާއަށް ތަމްރީނު ދިނުމުގެ 70 އިންސައްތަ މަސައްކަތްތައްވެސް ކޮށްފައިވަނީ އެ ގައުމުންކަމަށާއި 4000 ވަރަކަށް މުއައްޒިފުންގެ މައްޗަށް އެކުލެވިފައިވާ އެމްއެންޑީފްގެ 1400 އަށް ވުރެ ގިނަ މުއައްޒަފުން ތިމްރީނު ކުރީ އެ ގައުމުންކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ ސަރަހައްދީ އިމުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތްތަކުގައިވެސް އެ ގައުމު ޝާމިލުވާއިރު، ރާއްޖޭގެ ސިފައިންނާއި އެކު އަސްކަރީ ހަރަކާތްތައްވެސް ކުރިއަށް ގެންދާކަމަށް ބުނެފައިވެއެވެ. ”ދަ ޑިޕްލޮމެޓް“ އާއި ވާހަކަ ދެއްކި ރާއްޖޭގެ އެނަލިސްޓަކު ހިއްސާކޮށްފައިވާގޮތުން އިންޑިއާއިން ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދަނީ އެ ގައުމުގެ މަސްލަހަތު ހިމެނޭތީކަމަށެވެ. އެހެންކަމުން ރާއްޖޭގައި ތިބި ސިފައިން ބޭލުމަކީ އެ ގައުމަށް އެކަމުގެ އަސަރުތައް ކުރާނެކަމެއްކަމަށާއި އެހެންނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއަށް މާ ބޮޑެތި އަސަރުތައް ކުރާނެކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައިވާގޮތުން، ޕްރޯ ޗައިނާކަމަށް ބުނާ ރައީސް މުއިއްޒު ތަރައްގީގެ މަޝްރޫއުތަކާއި އިގްތިސާދީ ކަންކަމުގައި އިންޑިއާ އާއި ދުރަށް ޖެހި ޗައިނާ އާއި ގާތްވުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެއްބަސްވުންތައް ރޫޅާލުމަކީ ރާއްޖެއަށް އެކަމުގެ ގެއްލުންތައް މީގެކުރިންވެސް ދައްކާފައިވާކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޖީއެމްއާރް އާއި އެކު ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ގާއިމުކުރި އެއްބަސްވުން ރޫޅާލުމާއި ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލްއަކުން އަމުރުކުރިކަމަށްވެސް ބުނެފައިވެއެވެ.
ރައީސް މުއިއްޒު ކެމްޕެއިންތަކުގައި އިންޑިއާ ސިފައިން ބޭރުކުރުމަށް ދެއްކެވި ވާހަކަތައް އެއީ ސިޔާސީ ވާހަކަތަކެއްކަމަށް ގިނަ ބަޔަކު ދެކުނުކަމަށާއި، ސަރުކާރަށް އާދެވުމުން މަގާމުގެ ޒިންމާތަކާއި ފިއްތުންތަކުގެ ސަބަބުން ރާގަަށް ބަދަލުތަކެއް އަންނާނެކަމަށްވެސް ގަބޫލުކުރިކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ އެ މައްސަލައަށް ހައްލެއް ގެނައުމަށް ބުރަކޮށް މަސައްކަތްތައް ކުރައްވަމުންކަމަށާއި އިންތިހާބު ކާމިޔާބުވުމާއިއެކު އިންޑިއާގެ ހައިކޮމިޝާނާއި އެ ކަންބޮޑުވުންތައް ހިއްސާކުރެއްވިއިރު، ރަސްމީގޮތުން އިންޑިއާގެ މަންދޫބު މިނިސްޓަރު ކިރަން ރިޖީޖޫގެ އަރިހުގައިވެސް އެ މަސައްކަތްތައް ކުރެއްވުމަށް އެދިވަޑައިގެންނެވިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖެއަށް މުހިންމުކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގަންނަވާކަމަށާއި، ރަސްމީގޮތުން އިންޑިއާ ސިފައިން ބޭލުމަށް އެދިފައިވާކަން ހިއްސާކޮށް ރައީސް އޮފީހުން ނެރުނު ބަޔާނަށްފަހު ނެރުނު ބަޔާނުގައި އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުގެ ބޭނުން ކޮށް ކުއްލި ސިއްހީ ފަރުވާ ދިނުމުގެ ގިނަ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ފާހަގަކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ. އަދި ރާއްޖެއާއި އިންޑިއާއިންވަނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެއްބަސްވެފައިކަމަށާއި ދެ ގައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށްވެސް ބަޔާނުގައިވާކަމަށް ބުނެފައިވެއެވެ.

