ކޮރަޕްޝަންއަށް މަގުފަހި ނުވާނެ ގޮތަށް ގެދޮރުވެރިކަމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީއިން މަޝްވަރާއެއް ނުކުރާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ އެންމެހައި ފަރާތްތަކާއި އަދި ކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓުތައް ބާތިލް ނުކުރުމަށް އެދި ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅިގެން އޭސީސީ ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މި މައްސަލައިގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ އިދާރާއެއްގެ ނުވަތަ ތަނެއްގެ ތެރޭގައި މަސައްކަތްތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައްޓަން ކުރެވިފައިވާ ހާލަތްތަކުގައި ނޫން އެހެން ހާލަތެއްގައި، ކޮމިޝަނަށް ލަފާ ނުދެވޭނެކަމަށެވެ. ޝަމާލް ވިދާޅުވީ ގޯތީގެ މައްސަލަ ދަނީ ތަހުގީގު ކުރެވެމުންކަމަށް ވާތީ އަދި މިހާތަނަށް އެއްވެސް ލަފައެއް މިނިސްޓްރީއަށް ދީފައި ނޯންނާނެކަމަށެވެ.
ކޮމިޝަންގެ މެންބަރު ޝިޔާމް މުހައްމަދު ކޮމިޝަންގައި މިފަދަ މައްސަލަތަކާއި ގުޅިގެން އޭސީސީއިން އަޅުގަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ވާހަކަދައްކަވަމުން ވިދާޅުވީ އުސޫލުތަކުގައި މައްސަލަތައް ހުރިކަން ފާހަގަވުމުން ލަފާ ދެއްވާފައިވާނެކަމަށެވެ. މިގޮތަށް އެތައް މައްސަލައެއްގައި ލަފާ ދެއްވާފައިވާނެކަމަށެވެ.
މީގެ ކުރީގައި ކޮމިޝަނުން ދޭ ލަފާއާއި އެއްގޮތަށް އަމަލު ނުކުރާ މައްސަލަ އޮތްކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ މިހާރު ކޮމިޝަނުގެ ވަކި ޔުނިޓަކުން އޭސީސީގެ ލަފާއަށް ތަންތަނުން އަމަލުކުރާ މިންވަރު ބަލަމުން އަންނަކަމަށެވެ. އަދި އަމަލު ނުކުރަނީނަމަ ފިޔަވަޅު އެޅުމުގެ ވިސްނުމަށްދާކަމަށް ވިދާޅުވިއެވެ.
އަމަލު ނުކުރާނަމަ ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކޮށްފައި ކުރިއަށް ދާނެ.
ސަރުކާރުން ކުރާ އެއްވެސްކަމެއް އޭސީސީއަށް ނުހުއްޓުވޭނެކަން ސްޕްރީމް ކޯޓުގެ ހުކުމަކުން ފެންނަ އެބައޮތްކަމަށް ފާހަގަކޮށް ނަމަވެސް އޭސީސީއިން ހައުސިން މިނިސްޓްރީގެ ބައެއް މަސައްކަތްތައް ހުއްޓުވާފައިވާތީ އެއީ ކިހިނެއް ހިނގައިދިޔަކަމެއްތޯ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ މި ކޮމިޓީގައި ސުވާލުކޮށްފައެވެ. ޖަވާބުގައި ޝާމިލް ވިދާޅުވީ ސްޕްރީމް ކޯޓުގެ އެ ހުކުމަކީ އާންމުކޮށްވެސް ކޮމިޝަންގެ މަސައްކަތްތަކުގައި ރިއާޔަތް ކުރާ ހުކުމެއްކަމަށެވެ. މިކަމުގައި ރިޔާއަތް ކުރަން ޖެހޭ ތިން ހާލަތެއް އޮންނަކަމަށް ފާހަގަކުރައްވާ ޝާމިލް ވިދާޅުވީ އެ ތިން ހާލަތަކީ:
- ކޮރަޕްޝަންގެ އަމަލެއް ހިނގާ ނިމުން
- ކޮރަޕްޝަންގެ އަމަލެއް ހިނގަ ހިނގާ ހުރުން
- ކޮރަޕްޝަންގެ އަމަލެއް ހިނގާކަމަށް ޝައްކު ކުރެއްވުން
މި ތިން ހާލަތުން ކުރެ ހާލަތެއްގައި އޮއްވާ އެ މައްސަލައެއް ބެލުމުގެ ބާރު އޭސީސީއަށް ގާނޫނު އަސާސީ 2 ވަނަ މާއްދާއިން ލިބޭކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި މި މާއްދާ ބާރު ކެނޑޭ ގޮތަށް އެއްވެސް ޝަރުއީ ހުކުމެއް އައިސްފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމާލް ވިދާޅުވީ އޭސީސީއިން ގެދޮރުވެރިކަމާއި ބެހޭ މައްސަލައެއް ބެލީ އަލަށް ނޫންކަމަށާއި، މީގެ ކުރީ ސަރުކާރުތަކުގައިވެސް އޭސީސީއިން އެކަން އެގޮތަށްކޮށްފައި އެބަ އޮތްކަމަށެވެ. ކޮރަޕްޝަންއަށް މަގުފަހި ނުވާނެ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީއިން އޭސީސީއާއިއެކު އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާކަމަށެވެ.

