ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023: ރައީސް ޔާމީންގެ އިސްތިއުނާފާއި މެދު ގޮތެއް ނުނިންމުނު!

ކުރީގެ ރައީސް ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރުމުން މަރުހަބާ ކިޔަން އެއްވި އެތައް ސަތޭކަ ބަޔަކަށް އިޝާރާތް ކުރައްވައި ސަލާން ކުރައްވަނީ/ ފޮޓޯ - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ރައީސް ޔާމީން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ އިސްތިއުނާފު ނުނިމި އޮތުން އެއީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. 2023 ވަނަ އަހަރު ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަތަކުން ސިޔާސީ ގޮތުން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ޝަރީއަތަކީ މިއީ އެވެ.

ދިވެހި އެތައް ރައްޔިތަކާއި ގުޅިފައިވާ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ. ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އެންގެވީ ހަ މަސް ދުވަހުގެ ތެރޭގައި 05 މިލިއަން އެމެރިކާ ޑޮލަރު (77 މިލިއަން ދިވެހި ރުފިޔާ) މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރީ 2023، ފެބްރުއަރީގަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ އުފުލި އެވެ. ކުށް ސާބިތުވެ ޔޫސުފް ނައީމްގެ މައްޗަށް އިއްވީ 03 އަހަރުގެ ޖަލު ހުކުމެކެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އެމަނިކުފާނާއި ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަދި އޭރު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތު ހެކި ބަސް ދިނެވެ. ގއ. ވޮޑަމުލާގެ މައްސަލަ ދަށު ކޯޓުގައި ކުރިޔަށް ދިޔަ އިރާއި އިސްތިއުނާފު މަރުހަލާގައި ވެސް ރައީސް ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ނެންގެވި ނުކުތާއަކީ ފާސިގުންނަށް ހެކި ބަސް ނުދެވޭނެ ކަަމަށެވެ.

ހެކި ބަސް ދިންއިރު، ދެ ބޭފުޅުން ތިއްބެވީ ހުކުމެއްގައި ނަމަވެސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމިގެން ދިޔައީ އަދީބާއި ޒިޔަތަށް މައާފު ދެއްވުމަށް ފަހު އެވެ. އެހެންކަމުން މިވަގުތު ދެބޭފުޅުންނަކީ ކުށެއް ނެތް ބައެކެވެ.

ގއ. ވޮޑަމުލާ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރި ހުކުމުން ފާސިގުންގެ ހެކި ބަސް ބަލައި ނުގަނެވޭނެކަން ފާހަގަކޮށް ވަކީލުން އެދުނީ ހެކި ބަސް ބަލައި ނުގަތުމަށެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ރައީސް ޔާމީނަށްވުމުން އެމަނިކުފާނާއި މެދު ދެ މީހުންގެ ހިތުގައި ވެސް ނަފްރަތާއި ރުޅިވެރިކަން އޮންނާނެކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ބަދަލު ހިފުމުގެ ރޫހެއްގައި، ރައީސް ޔާމީނާއި ދެކޮޅަށް އެ މީހުން ހެކި ބަސް ދިނުމުގެ ފުރުސަތު އެބައޮތްކަމަށް ވަކީލުން ވިދާޅުވި އެވެ.

މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އޭރު ރައީސް ޔާމީން ހިންގެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި ޑީއާރްޕީ އެކުގައި މަސައްކަތް ކުރި އިރު އޭނާއަށް ޔޫސުފް ނައީމް ތައާރަފްކޮށްދެއްވީ އެމަނިކުފާނު ކަމަށެވެ. އޭގެ ފަހުން އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް ޔޫސުފް ނައީމް އެކި ރަށްތަކާ ގުޅޭގޮތުންނާއި އެހެން ކަންކަމުގައި މެސެޖު ކުރައްވާކަމަށް އަދީބު ވިދާޅުވި އެވެ. އާރަށާއި ބެހޭ ގޮތުން ވާހަކަ ދެކެވުނީ، އަދީބު ވިދާޅުވި ގޮތުގައި 2015 ގަ އެވެ.

ޝަރީއަތަށް ހެކި ބަސް ދެމުން ޒިޔަތު ވިދާޅުވީ، ގޮތުގައި ޔޫސުފް ނައީމް ނަމަކަށް ކިޔާ މީހަކު އާރަށުގެ މުއާމަލާތާއި ގުޅޭގޮތުން ވާހަކަ ދައްކާނެކަމަށް އަދީބު ދެންނެވި ކަމަށެވެ. އޭގެ ފަހުން ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކުގެ ވާހަކަތައް އޭނާއާއި ދެމެދު ދެކެވުނުކަން ފާހަގަކޮށް ޒިޔަތު ވިދާޅުވީ އާރަށް ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދޫކުރުމަށް އެގްރިމެންޓު ހެދުމަށް އިކުއިޒިޝަން ކޮސްޓު ކަނޑައެޅުމަށް އަދީބާއި އެކު މަޝްވަރާ ކުރިޔަށް ދިޔަކަމަށާއި އަގަކަށް ނިންމީ 05 މިލިއަން ޑޮލަރު ކަމަށެވެ.

ދައުވާތަކުން ދިފާއުވުމަށް ރައީސް ޔާމީންގެ ފަރާތުން ވެސް ގިނަ ހެކިތައް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ، ޔޫސުފް ނައީމާއި ހަވާލު ކުރަން ދިޔަ ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ފައިސާ ދަބަސް ގެންދިޔަ އަބްދުﷲ ނަމަކަށް ކިޔާ މީހަކާއި، އެ މުއާމަލާތް ހަމަޖެއްސި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހިމެނެ އެވެ. އަދި ރައީސް ޔާމީން ފޯނުން ގުޅުއްވި އިރު މުހައްމަދު އިސްމާއިލާއި އެކު އެވަގުތު ހުރިކަމަށް ބުނާ އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހިމެނެ އެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ހެކި ބަސް ވަނީ ނަގާފަ އެވެ.

މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމަށް ދިންކަމަށް ބުނާ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ދޫވެހިން އޭނާގެ ގެއަށް ގެންދިއުމުގައި ހަރަކާތްތެރި ވީ މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝާއި އަބްދުﷲ އެވެ. ނަރީޝްގެ ހެކި ބަހުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ގުޅުވައި ކަމަކަށް އެދުމުން އެގެއަށް ދިއުމުން އެދިވަޑައިގަތީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމްގެ ގެއަށް ގެންގޮސް ދިނުމަށް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއްގައި ރައީސް ޔާމީން އެހީއަށް އެދުނު ސަބަބެއްކަމަށް ނަރީޝް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި އޮންނަ ގުޅުމާއި އެމަނިކުފާނު އޭނާއަށް ކުރައްވާ އިތުބާރެވެ. އަދި އެކަން ތަފްސީލުކޮށްދެއްވަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށްކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

އެ ފައިސާ ދޫވެހިން، ޔޫސުފް ނައީމް އޭރު ދިރިއުޅުނު ގެއަށް ގެންދިޔައީ އަބްދުﷲ އާއި އެކުކަމަށް ނަރީޝް ބުންޏެވެ. އަދި މިއަދުގެ އަޑުއެހުމުގައި ހެކި ބަސް ނެގުމުގެ ބައިގައި އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާ އާއި ޔޫސުފް ނައީމާއި ގާތް ގުޅުމެއް ނެތެވެ. ދެ މީހުން ބައްދަލުވީ ކެމްޕެއިން ދަތުރުގެއްގެ ތެރެއިންނާއި، ފައިސާ ހަވާލު ކުރުމަށް އެ ގެއަށް ދިޔަ ވަގުތު އެކަނިކަމަށް އެނާ ވިދާޅުވި އެވެ.

އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އަކީ، 15 މިލިއަން ދިވެހި ރުފިޔާ އެވެ. އެހެންވެ ދައުލަތުން ވަނީ އެ ފައިސާ ގުނީ ކިހިނެއް ތޯ ނަރީޝާއި ސުވާލު ކުރި އެވެ. ޖަވާބުގައި ނަރީޝް ވިދާޅުވީ އެ ފައިސާ ބުނީ އަތުން ކަމަށެވެ. ނަމަވެސް އެއީ ބަންޑަލް ގޮތަށް ތޯ އޭނާގެ ވާހަކައިން ސާފެއް ނުވި އެވެ. އަދި އެކަމަށް ހޭދަވީ ވަގުތާއި ގުޅޭގޮތުން ދައުލަތުން ތަކުރާރުކޮށް ކުރި ސުވާލަށް ނަރީޝް ވިދާޅުވީ ވަގުތު ސީދާ ހަނދާނެއް ނެތްކަމަށާއި ގާތްގަނޑަކަށް ހޭދަވީ ވަގުތު ވެސް ބުނަން ނޭނގޭ ކަމަށެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމުގައި އެންމެ ބޮޑު ސުވާލުތަކެއް އުފެއްދީ ނަރީޝްގެ ހެކިބަހާއި މެދު އެވެ. މިއީ ނުހިނގާކަމެއް، ހިނގިކަމަށް ދެއްކުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ހުކުމުގައި ފާހަގަކުރި އެވެ. ފައިސާ އާއި ގުޅުން ހުރި އެންމެ އާދައިގެ ކުދި ކުދި ތަފްސީލުތައް ނަރީޝްގެ ހަނދާނުގައި ހުރިއިރު އެ މުއާމަލާތާއި ގުޅުން ހުރި އެހެން ކަންކަން ހަނދާނުގައި ނެތުން އެއީ ”ސަބަބު ވެރި އިންސާނެއްގެ“ ވިސްނުމުން ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

ހުކުމްގެ ރިޕޯޓުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހެކި ބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށް ހުށަހެޅި ހެކިން ކަމަށެވެ. އަދި ހެކިންގެ ހެކި ބަހުގައި ކަނޑައެޅިގެން އޮޅުވާލުމުގެ ނިޔަތުގައި ބައެއް ވާހަކަތަކެއް ދެއްކިކަމަށާއި ބައެއް ކުދިކުދި ކަންތައް ހަނދާނުގައި ހުރިއިރު އެހެން ތަފްސީލުތައް ހަނދާނުގައި ނުހުންނަން ވީ ސަބަބާއި މެދު ހުކުމުގައި ސުވާލު އުފެއްދި އެވެ.

ޝަރީއަތަށް ހެކިން ކަނޑައެޅިގެން ދީފައިވަނީ ދޮގު ހެކިކަން ފާހަގަކޮށް، ހުކުމުގައި ވަނީ އެ ވަހަކަތަކުގައި ފުށު އެރުންތައް އެބަހުރި ކަމަށެވެ. އަދި ގިނައީ ދެކޮޅު ހަމަނުޖެހޭ، ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއްކަމަށް ވެސް ވަނީ ބުނެފަ އެވެ. ހުކުމުގައި ވަރަށް ތަފްސީލުކޮށް، ހެކިންގެ ވާހަކަތައް ހިމަނާފައި ވެއެވެ.

މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތްތައް:

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ހުށަހެޅުމުން، އެ އިސްލާހު ކުރުމަށް ދެ ފަހަރެއްގެ މަތިން ފޮނުވި އެވެ. އެއަށް ފަހު އަޑުއެހުމެއް ބޭއްވޭވަރު ވީ އެ އަހަރުގެ ޖޫން މަހު އެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އިސްތިއުނާފު އަޑުއެހުންތަކުގައި ވިދާޅުވެފައި ވަނީ އާރަށް ކުއްޔަށް ދިނުމަށް ރައީސް ޔާމީން އިރުޝާދު ދިންކަމަށް ބުނާ ވާހަކަ ސާބިތު ކުރުމަށް ދައުލަތަށް ހެކި ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީން އާރަށާއި ގުޅޭގޮތުން އެއްވެސް އެންގުމެއް އެންގިކަން އެނގެން ނެތްކަމަށް ވެސް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ މި މައްސަަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހަށް ބުރަދަން ދެވެން ނެތް ކަމަށެވެ. އަދި އެއާއި އެކު އެ މީހުންގެ ހެކިބަހަށް ބާރު ދޭނެ އެއްވެސް ލިއުމެއް ހުށަހަޅާފައި ވެސް ނެތްކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން އާރަށް ކުށްޔަށް ދޫކުރުމުގައި ނުފޫޒު ފޯރުވިކަމަށް ދައުލަތުން ބުނާއިރު، އެކަން ސާބިތު ކުރެވޭނެ ގޮތެއް ނެތްކަމަށާއި އެއީ ހަމައެކަނި ބުނާ ބުނުމެއްކަމަށް ޖަމީލް ވިދާޅުވި އެވެ. އެނާ އިތުރަށް ވިދާޅުވެފައި ވަނީ ޔޫސުފް ނައީމުގެ ފަރާތުން ރައީސް ޔާމީނަށް ލިބިފައި ވަނީ ވިޔަފާރީގެ މުއާމަލާތެއްގެ ފައިސާ ކަމަށެވެ. އަދި އެކަމަށް ބާރު ދޭ ހެކިތައް އެބަހުރިކަމަށާއި، އެ މީހުންގެ ހެކިތައް ނަފީ ކުރެވޭނެ ހެއްކެއް ދައުލަތުގެ ނެތްކަމަށް ޖަމީލު ވިދާޅުވި އެވެ.

ވަކީލުންގެ ވާހަކަތަކަށް ދައުލަތުގެ ރައްދު!

ވަކީލުންގެ ވާހަކައަށް، ދައުލަތުން ބުނެފައި ވަނީ ރައީސް ޔާމީނާއި މެދު ޒާތީ ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށާއި ކުށް ސާބިތުވީ ހަމައެކަނި އަދީބާއި، ޒިޔަތުގެ ހެކި ބަހުގެ މައްޗަށް އެކަނި ވެސް ނޫން ކަމަށެވެ.

އަދީބާއި، ޒިޔަތު ހެކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެކަމަށާއި އެއީ ދެ ފާސިގުންކަމަށް އަދި ދެ މީހުންގެ ހިތުގައި ވެސް ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެކަމަށް ދިފާއުން ފާހަގަކުރާތީ ރައްދުގައި ދައުލަތުން ބުނެފައި ވަނީ ހެކި ބަހަށް ބާރު ދޭ އެހެން ހެކިތައް އެބަހުރި ކަމަށެވެ. އަދި އަދީބާއި، ޒިޔަތު ދޮގު ހެކި ބަސް ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ބުންޏެވެ. އެގޮތުން ޔޫސުފް ނައީމާއި، ރައީސް ޔާމީން ދެމެދު އޮތް ގުޅުމާއި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލު ކުރުން އަދި ރަށުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އަދި ރަށުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި އެކު އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތުން ބުނީ މިއީ ރައީސް ޔާމީންގެ އާމްދަނީ އާއި ނުބައްދަލު އަދަދެއް ކަމަށެވެ. އެ ފައިސާއަކީ ޑޮލަރުގެ މުއާމަލާތެއްކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފައި ވީނަމަވެސް އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި އެ ކަމާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުން އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގެން އެބައޮތްކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ޑޮލަރުގެ މުއާމަލާތުގެ ވާހަކަތައް ސާބިތު ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ދައުލަތުން ބުންޏެވެ. އޭގެ ސަބަބެއްކަމަށް ދައުލަތުން ބުނީ ދިފާއީ ހެކިވެރިންގެ ހަނދާނުގައި ބައެއް މުހިންމު ކަންކަން ނެތުމާއި އަދި ބުއްދިއަށް ގަބޫލު ނުކުރެވޭފަދަ ވާހަކަތައް ކޯޓުގައި ދައްކާފައިވުމެވެ.

ފަހު ފުރުސަތުގައި ރައީސް ޔާމީންގެ ބަސް؛ ބޭނުން ވަނީ އިންސާފު

ފަހު ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ބޭއިންސާފުން އަމަލު ކުރަމުންދާ ދިއުން ހުއްޓުމަކަށް އައުމަށް ކަމަށެވެ. އެމަނިކުފާނާއި މެދު ދައުލަތުން ތަފާތު ކުރުމުގެ ސިޔާސަތެއް ގެންގުޅުއްވާކަމުގެ ތުހުމަތުތަކެއް ވެސް ރައީސް ޔާމީން ކުރައްވަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ދަށު ކޯޓުގައި ކުރިޔަށް ދާ ފުއްގިރި މައްސަލަ ވެސް ހިމެނޭހެން، އާރަށުގެ އަޑުއެހުންތަކަށް ތައްޔާރުވުމުގެ ގޮތުން މައްސަލައިގައި ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު އެކަށީގެންވާ ގޮތަށް ލިބިފައި ނުވާ ކަމަށެވެ. އަދި ކެރެކްޝަންސްއިން ވަކީލުންނާއި ބައްދަލު ކުރުމަސް ދެނީ ކޮންމެ ހަފްތާއަކު ދެ ގަޑިއިރު ކަމަށާއި އެއީ މައްސަލައަސް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: