ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނެތް ވަޒީރުން އަނެއްކާ މަގާމަށް؛ ސުޕްރީމް ކޯޓުގެ ގާނޫނީ ފަރުވާއާއި، ބަހުސްތައް!

ރުހުން ނުދިން ވަޒީރުން އަލުން އައްޔަނު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ހޯމަ ދުވަހު ވަޒީރުންނާއި މެދު ވޯޓަށް އެހުމުން، އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ނިންމި ގޮތަށް ފާސް ވީ ތިން ވަޒީރަކަށް ރުހުން ނެތް ކަމަށެވެ. އެއީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމަށެވެ. އެމްޑީޕީން ނެރުނު ވިޕާއި ހަތަރު މެމްބަރަކު ހިލާފުވެ، އިކޮނޮމިކް މިނިސްޓަރުކަމަށް މުހައްމަދު ސައީދަށް ވޯޓު ދިނުމުން އޭނާއަށް ރުހުން އޮތްކަމަށް ވަނީ ފާސްވެފަ އެވެ.

ވަޒީރުންނަށް ރުހުން ނުދިނީ، ޒާތީ ގޮތުން ޖައްސާލައި ސަރުކާރުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންކަމަށް ތުހުމަތުތައް ކުރިނަމަވެސް އެކަން އެމްޑީޕީއާއި ޑިމޮކްރެޓްސް ދޮގުކުރެ އެވެ. އަދި ބުނެފައި ވަނީ ތިން ވަޒީރުންނަށް ވެސް ރުހުން ނުދިނީ ޕާލިމަންޓު ގުރޫޕުގައި ކުރި މަޝްވަރާތަކަށް ފަހު މެމްބަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ފަހުކަމަށެވެ.

މަޖިލީހުން އެގޮތަށް ފާސްކުރިތާ، ހަތަރު ވަރަކަށް ގަޑިއިރު ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލުން އެބޭފުޅުންތައް މަގާމަށް އައްޔަނު ކުރައްވާފަ އެވެ. ގާނޫނީ ގޮތުން ބަލާއިރު، އެއީ ކުރެވޭނެކަމެއްކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި، ވާގޮތުން ވަޒީރުންގެ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކާއި ވުޒާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރާ ވަޒީރުންނާއި ބަންޑާރަ ނައިބުގެ މައްޗަށެވެ. އަދި އެ މާއްދާގެ (ނ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރާ މެމްބަރުން އެ މަޖިލީހަށް އައްޔަނު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެކަމަށެވެ. އެ މާއްދާގެ (ރ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރާ މީހުންގެ ނަންތައް އެ މީހުން އައްޔަނު ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަންވާނެކަމަށް ވެސް އެވެ،

ގާނޫނުއަސާސީގެ މި މާއްދާއަށް ބަލާއިރު، ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާ ވަޒީރުންނަށް ވާން ޖެހެއެވެ.

ވަޒީރުންނަށް ރުހުން ނުލިބޭ ހާލަތެއްގައި ދެން ވާނެ ގޮތެއް ގާނޫނުގައި ބަޔާނެއް ނުކުރެ އެވެ. އަދި އެބޭފުޅުން އަލުން އަނެއްކާވެސް މަގާމަށް އައްޔަނު ކުރެވިދާނެކަން ނުވަތަ ނޫންކަން ގާނޫނުގައި ނެތެވެ. ސުޕްރީމް ކޯޓުން 2010 ގައި ގެނެސް ދިން ގާނޫނީ ލަފައަށް ބަލާއިރު އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީގެ 14 އަހަރު ކުރީގެ ހުކުމެކެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންއާއި، ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑީޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަލީ އަލީ ހަމީދު މުހައްމަދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހުންނެވި އެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނަނެވެ.

އޭރު އެ މައްސަލަ ސުޕްރީމް ކޯޓަށް އަލީ ވަހީދު ހުށަހެޅީ، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނާގޮތުގެ މަތީން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތްކަމަށް ނިންމާފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް އެ މަގާމުގައި ތިބެވޭނެކަމަށް ރައީސް ނަޝީދު ނިންމެވި މައްސަލައެކެވެ.

އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި އެދިފައިވަނީ، މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އެބޭފުޅުން ދެމިތިބުން އެއީ ގާނޫނުއަސާސީ ތަންދޭކަމަކަށް ނުވާތީ އެބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމި ނުހުރެވޭނެކަމަށް ކަނޑައަޅައިދޭންށެވެ. އެ މައްސަލައިގައި ވަނީ މަޖިލީހުގައި ނެގި ވޯޓުގައި އެ ވަޒީރުންގެ މައްޗަށް ރުހުނެތްކަމަށް ކަނޑައެޅިގެން ދިޔަކަން ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި އަލީ ވަހީދު ބުނެފައި ވަނީ، ވަޒީރުން އަލުން މަގާމުގައި ދެމިތިބުން އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާޏްކޮށްފައިވާ ދުސްތޫރީ އުސޫލުތަކާއި ހަމަތަކުގެ މަތިން ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާ ނަންތައް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތީން ރުހުން ނުލިބިއްޖެ ނަމަ މަގާމުގެ މަސްއޫލިއްޔަތުގައި ދެމި ނުހުރެވޭނެގޮތް ކަނޑައަޅަދޭންށެވެ.

އެ މައްސަލައިގެ ހުކުމް ވަރަށް ސާފެވެ. މައިގަނޑު މުހިންމު ހަތް ނުކުތާއެއް ފާހަގަކޮށް ނެރުނު އެ ހުކުމުގައި ވަނީ ދިވެހި ދައުލަތުގެ ބާރުތައް ބެހިގެން ވަނީ ތިން ބަޔަކަށް ކަމަށެވެ. އަދި ދައުލަތުގެ ކޮންމެ ބާރަކަށް ވެސް އެ ބާރަކަށް ކަނޑައެޅިފައި އޮންނަ އިހުތިސާސްތަކުގެ ހުދޫދު ފަހަނަޅައި ނުދެވޭނެ ކަމަށެވެ. އަދި ބާރުތައް ވަކިވުމުގެ ހަގީގީ ފަފްހޫމަކީ އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ފަދަ ގޮތަކަށް ބާރުތަކުގެ މެދުގައި އެއްބާރުލުމާއި ފާރަވެރިވުންކަމަށް ބުންޏެވެ.

އަނެއްކަކަކީ ރާއްޖޭގެ ގާނޫނުއަސާސީއަށް ބަލާއިރު މިއީ ބަރުލަމާނީ އާއި ރިޔާސީ ނިޒާމުގެ ރިވެތި ސިފަތައް ނަގައި އެއްކޮށް މަސްހުނިކޮށްފައިވާ ހައިބްރިޑް ނިޒާމެއްކަމެވެ. ވަޒީރުން އައްޔަނު ކުރުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނަމަވެސް، ހުކުމުގައި ބުނެފައި ވަނީ އެ ވަޒީރުން އައްޔަނު ކުރުމަށް ފަހު ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުން ލާޒިމްވާނެ ކަމަށެވެ.

އެންމެ މުހިންމު ނުކުތާއަކީ، ވަޒީރަކަށް ރުހުން ނުލިބޭ ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތް ގާނޫނުއަސާސީގައި ނެތްނަމަވެސް ނަތީޖާއަކީ ރުހުން ނުލިބުނު ވަޒީރުން މަގާމުގައި ދެމިނުތިބޭނެކަމެވެ.

މި ނުކުތާތައް ތަފްސީލުކޮށް ދީ، ސުޕްރީމް ކޯޓުގެ ބެންޗުން ކަނޑައެޅީ ވަޒީރަކަށް ރުހުން ނެތްކަމަށް މަޖިލީހުން ނިންމުމުން ދެން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ދެމި ނުތިބެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ އެއްވެސް މެންބަރަކަށް ވަޒީރުކަމުގެ މެންބަރުކަމުގެ މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅި އެވެ.

އަނެއްކާވެސް އިތުރު އެހެން މައްސަލައެކެވެ. ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމަށް މަޖިލީހުން ރުހުން ނުލިބުމުން ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރި އެވެ.

ސުޕްރީމް ކޯޓުގައި އޭރު ބުނަމުން ދިޔައީ، ވަޒީރުންނަށް ރުހުން ދިނުން އެއީ ހަމައެކަނި ރަމްޒީކަމެއް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގައި، ވާއެއްޗެއް އެކަމަކު ލާޒިމް ނޫންކަމަކީ މަޖިލީހުގެ ރުހުންކަމަށް ސަރުކާރުގެ މެމްބަރުން ވަކާލާތު ކުރި އެވެ.

ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ދެމިނުތިބެވޭނެކަމަށް ފަހު ބަސް އިއްވުމުން ވެސް، ސުވާލަކީ ތާރީހުގައި އުފެދުނު މި ބޮޑު ދުސްތޫރީ މައްސަލައިގެ ކޯޓުގެ ހުކުމް އެންމެނަށް ސާފުވިތޯ އެވެ. ހުކުމުގައި ސާފުކޮށް ބުނެ އެވެ. “.. ރުހުން ނުލިބިއްޖެ ނަމަ، ހަދާނެ ގޮތެއް ބަޔާންކޮށްފައި ނެތުމަކީ ދުސްތޫރީ ނައްސު އިހުމާލު ކުރެވިދާނެކަމެއް ނޫން” އެވެ. އަދި ބުނެ އެވެ. “…. ރުހުން ނުލިބުމުން ތަރައްބުތުވާ ނަތީޖާއަކީ، ރުހުން ނުލިބުނު ވަޒީރުން މަގާޟުގައި ދެމިނުތިބުންކަން، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގަނޫނުއަސާސީން ފާސްކުރި ހާއްސަ މަޖިލިސްގެ ޔައުމިއްޔާތަކުން އިސްތިހްލާސް ކުރެވެން އޮންނަކަމެއް” މިހެންނެވެ. އަދި “…ރުހުން ނުލިބުމުގެ ޗެކްޑް އެންޑް ބެލެންސްގެ ގާނޫނީ ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ، ހުދު ރައީސުލްޖުމްހޫރިއްޔާ” ކަމަށް ވެސް ބުނެ އެވެ.

މި ހުކުމަށް ދެން ނިކުތް ނަތީޖާއަކީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ވަޒީރުންގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމެވެ. އެއީ ފިނޭންސް މިނިސްޓަރުކަމަށް އައްޔަނު ކުރެއްވި އަލީ ހާޝިމާއި، ޑިފެންސް މިނިސްޓަރުކަމަށް އައްޔަނު ކުރި އަމީން ފައިސަލްގެ އިތުރުން ފޮރިން މިނިސްޓަރަކަށް އައްޔަނު ކުރި ޑރ. އަހުމަދު ޝަހީދެވެ.

އެކަމަކު އެބޭފުޅުންގެ ތެރެއިން، ބައެއް ފަރާތްތައް އަނެއްކާވެސް އައްޔަނު ކުރީ އިތުރު މަގާމަކަށެވެ. އެއީ އަމީން ނެޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރުގެ މަގާމަށެވެ. އަދި އެ ހުކުމާއި އެކު ވަޒީރުންނަށް ދިވެހި ދައުލަތުން ފޯރުކޮށްދޭނއ އިނާޔަތްތައް ބޭނުން ކުރެއްވުން އެބޭފުޅުން ހުއްޓާޅެއްވި އެވެ.

ޖެންޑަރ މިނިސްޓަރުކަމަށް އާޒިމާއަށް ރުހުން ދޭން ނުފެންކަމަށް ފާސްވުމުން އޭނާ ބަންޑާރަ ނައިބަކަށް އައްޔަނު ކުރީ 2013، ޖުލައި 1 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު އުފެދުނު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަ އެވެ.

އޭރު ޕީޕީއެމްގެ މެމްބަރުން ވެސް ވޯޓު ދިނީ، އާޒިމާއަށް ރުހުން ދޭން ނުފެންނަކަމަށެވެ. އޭގެ ސަބަބަކީ އެބޭފުޅުން ގަބޫލު ކުރިގޮތުން ޕާޓީއަށް ހަރާމްކޯރުވެ ވަހީދުގެ ސަރުކާރަށް ވަޑައިގަތުމެވެ.

ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި، ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނޭއިރު އެ އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން އެމްޑީޕީގެ ވޯޓުން އެކަނި ކާމިޔާބު ކުރެވޭ ގޮތަށް މިހާރު އޮތް އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ހަމަ މީގެ 13-14 އަހަރު ކުރިން އައި މިފަދަ މައްސަލައިގައި ވަޒީރުންނަށް ރުހުން ހޯދުމަކީ އެއީ ރަމްޒީކަމެއްގެ ގޮތުގައި މަޖިލީހުގައި ވަކާލަތު ކުރީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.  

މިފަދަ އެތައްކަމެއް ތަރީހުގެ ތެރޭގައި ހިނގައި ގޮސްފި އެވެ. އަދި ކޮންފްލިކްޓް އޮފް އިންޓްރެސްޓު ނުވަތަ އަމިއްލަ މަސްލަހަތުގެ ކަންކަން ދަނީ ފެންނަމުންނެވެ.

އެހެންވެ އެދުވަހުން ފެށިގެން، މަޖިލީހުގައި ކުރެވެމުން އައި ބަހުސަކީ ވަޒީރުންނާއި މިނިވަން މުވައްސަސާތަކަށް ބޭފުޅުން އައްޔަނު ކުރުމާއި ގުޅޭގޮތުން ގާނޫނުގެ މާއްދާއަށް އިސްލާހު ގެނައުމެވެ. އެކަމަކު އެއީ ޑިމޮކްރަސީގެ ނަމުގައި ގާނޫނުގައި ހިމަނާ މާއްދާއަކަށް ވެގެން ނުވާނެ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: