މާލޭގެ މަގުމަތި ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ޕާކުކޮށްފައި ހުރި ގިނަ ދުވަސްވީ އެއްގަމު އުޅަނދުތައް ނައްތާލުމަށް ވެރިފަރާތުން އިސްނަގައިގެން ފުލުހުންނާއި ވެމްކޯ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ބޭނުމަށް އެ ވުޒާރާއިން އިސްނަގައިގެން އެކުލަވާލި އާބަން ޓްރެފިލް ޑީ ކޮންޖެޝަން މެނޭޖްމަންޓު ކޮމިޓީގެ މަޝްވަރާގެ މަތިން ކުރު ރާސްތާ އަދި ދުރު ރާސްތާގައި ކުރެވިދާނެ ކަމަށް ނިންމި މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ އުޅަނދުގެ ވެރިފަރާތުން ވޮލެންޓިއަރކޮށް އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދިނުން ކަމަށެވެ.
މި މަސައްކަތުގެ މަޤްސަދަކީ މާލެ އަދި ހުޅުމާލެ މަގުތަކުގައި ގިނަ ދުވަހު ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތި ފުރި، 4 ލޭނުގެ މަގުތައް 2 ލޭނަށް ކުޑަވަމުންދިޔުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތަކަށް އަވަސް ހައްލެއް ހޯދުމެވެ.
އެގޮތުން މާލެ ހުޅުމާލެ މަގުމަތީގައި މިހާރު ބަހައްޓާފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ނައްތާލަން ބޭނުންވެ އެހެންނަމަވެސް އެ ފުރުސަތު މިހާރު ލިބިފައިނުވާ ފަރާތްތަކަށް މިނިސްޓްރީން ދިވެހި ފުލުހުންގެ ޚިދުމަތް އަދި ވެމްކޯއާ ގުޅިގެން އެ މަސައްކަތް ކުރިޔަށް ގެންދޭވެނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިޕްރޮގްރާމްގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް އެކަމަށް ހާއްސަކުރެވިފައިވާ ފޯމް ފުރުމަށްފަހު http://transport.gov.mv@1511 އަށް އީމެއިލް ކުރެވޭނެއެވެ. އަދި ރިސެޕްޝަނުންވެސް މި ފޯމް ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީގެ ވެބްސައިޓުން https://www.transport.gov.mv/ ފޯމު ޑައުންލޯޑްކުރެވޭނެއެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީ 2024 އިން 3 މާރިޗް 2024 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި ލިބޭ އެޕްލިކޭޝަންތަކާ ގުޅިގެން މިނިސްޓްރީއިން ވެރިފަރާތަށް ގުޅައި އެފަރާތުން ފޯރުކޮށްދޭ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރާނެ ކަމަށާއި ވެރިފަރާތް ކަށަވަރު ކުރެވެމުން އެފަރާތުގެ ފޯމް ޕްރޮސެސްކޮށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވެމްކޯ ގުޅިގެން އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރ 1511 އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފު ކުރެވޭނެއެވެ.

