ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި މަޖިލިސް ބޮޑު އަރައިރުމަކަށް!

ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްުޔާތުގައި ރައީސް ޑރ. މުއިއްޒާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި މަޖިލިސް ރައީސް އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމުގައި “ޕްރިންސިޕަލް އޮފް ސެޕަރޭޝަން އޮފް ޕަވާސް” ގެ ދަށުން ދައުލަތުގެ ބާރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި، ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަމާއި އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ލިބިގެން ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.

ދައުލަތުގެ ކޮންމެ ބާރަކަށް ވެސް އެ ބާރަކަށް ގާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަ އިހުތިސާސްގެ ހުދޫދުން ފަހަނަޅައި ނުދެވޭނެކަން ސާފުކޮށް އެނގެން އެބައޮތެވެ. ސެޕަރޭޝަން އޮފް ޕަވާސްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެރިންގެ އަތްމަތީގައި ދައުލަތުގެ ހުރިހާ ބާރެއް ވެސް ޖަވާމުވުމުގެ ސަބަބުން އުފެދިދާނެ ޚުދުމުހުތާރުކަމާއި އަނިޔާވެރިކަމުން ރައްޔިތުން ހިމާޔަތް ކުރުމެވެ. އެކަމަކު އޭގެ ބަދަލުގައި، މިހާރު ފެންނަނީ ގަދަބާރު ދައްކާ މަންޒަރެވެ.

ރިޔާސީ ނިޒާމުތަކުގައި ބާރުތައް ވަކިވެފައި އޮންނަ މިންވަރު ސިފަކުރަނީ އެއީ ބާރުގަދަ ވެރިކަން ހިންގާ ބާރެއް އޮތުމާއި އެކު ވީހާވެސް ފުޅާގޮތަކަށް ގާނޫނު ހަދާ ބާރާއި ވެރިކަން ހިންގާ ބާރާ ދެމެދު އިންފާރު ގާއިމި ކުރުމެވިފައިވާ ނިޒާމަކަށް ވުމެވެ. ވަޒީރުން އަލުން މަގާމުތަކަށް އައްޔަނު ކުރުމަށް ފޮނުވިއިރު، މިއީ ބޮޑު މައްސަލައަކަށް ހަދައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރިއިރު އެ މައްސަލަ ގޮސް ވަށާ ޖެހޭ އެއް ހިސާބަކީ މިހާރު ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާއި ގުޅޭ މާއްދާތަކުގެ މައްސަލައެވެ.

އެހެންވެ ކޯޓުން ވަގުތީ އަމުރެއް ނެރުނީ، މައްސަލައިގައި ގޮތެއް ނިންމަން ދެން އެ ގަވައިދުގެ ދަށުން އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ކަނޑައަޅާނީ މެމްބަރުންކަމަށާއި، އިތުރު އެހެން އިދާރާއަކަށް ނުވަތަ މުވައްސަަސާއަކަށް މަސައްކަތްތަކުގެ މައްޗަށް ބަސް ބުނުމުގެ ބާރެއް ނެތްކަމަށް ރިޔާސަތުގައި ހުންނެވި މުހައްމަދު އަސްލަމް މި މަހުގެ 11 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ވިދާޅުވެ އެ އަމުރަށް ދެކޮޅު ހެއްދެވި އެވެ. އަސްލަމް ދެކިވަޑައިގަންނަވާ ގޮތުން، ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ނިންމައި މަސައްކަތްތައް ގެންދަން ޖެހޭނެ ގޮތް އެނގޭނީ މަޖިލީހަށެވެ. އަދި މަޖިލިސް ހިންގަން ޖެހޭނެ ގޮތުގެ އެއްވެސް އިރުޝާދެއް، ނުވަތަ ލަފައެއް އިތުރު އެހެން އެއްވެސް ބަޔަކަށް ދެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް ވިދާޅުވި އެވެ. ސިޔާސީ ނިންމުންތަކަށް ބިނާވާ މިފަދަ މައްސަލަތަކުގެ މައްޗަށް ކޯޓުތަކުގެ އިހުތިސާސް ނުހިނގާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޯޓުގެ އަމުރަށް ފާޑުކިޔައި، އެއަށް އަމަލު ނުކުރަން މަޖިލީހުން ފާސްކުރީ އެދުވަހުގެ ޖަލްސާގަ އެވެ.

އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީން އިތުރު ބަދަލެއް ގެނެސް، ފާސްކުރީ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި އަޒުލުކުރުމުގެ ބައި ގަވައިދުން އުނިކޮށް، ހަމަ އެ ވާހަކަތައް އެހެން މާއްދާއެއްގައި ހިމެނުމަށެވެ. އަޑުއެހުންތައް ފެށުމަށް ހަފްތާއަކަށްވުމުން، މަޖިލީހުގެ އާންމު ކޮމިޓީންމިވަނީ، އެ އަކުރުތައް އެ މާއްދާއިން ނަގައި 1-242 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް ފާސްކޮށްފަ އެވެ.

މިދިޔަ މަހުގެ 28 ގައި ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އުނިކޮށް އިސްލާހު ގެނައިއިރު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ބިނާވަނީ ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތުގެ މައްޗަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ އެ މާއްދާތައް ބާތިލު ކުރުމަށެވެ. މީގެ ތިން ދުވަސް ކުރިން އާންމު ކޮމިޓީން ބައްދަލުވުމެއް ބާއްވައި، ގަވައިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ނިންމާފައިވާ ގޮތަކީ، ”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ކުރިޔަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ހުސްވި ގޮނޑިއެއް ނުހިމެނޭނެ“ ކަމަށެވެ.

އެ މާއްދާގެ ފަހަތަށް އިތުރު ކުރާ (ށ) ގައި ވަނީ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދަށް އަންނަ ބަދަލު އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި އެކަން ރިޔާސަތުން އިއުލާނު ކުރަންވާނެ ކަމަށެވެ.

މިހާރު މިއޮތީ، ގާނޫނީ ބަހުސަކަށް ވުރެ ބޮޑަށް ބާރުތަކުގެ މައްޗަށް ބަސް ބުނުމެވެ.

މީގެ އަހަރުތަކެއް ކުރިން، 2018 ފެބްރުއަރީ އެކެއްގައި ނެރުނު އަމުރާއި އެކު ވެސް މިފަދަ ހާލަތެއް އައެވެ. އެއީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކި މައްސަލަތަކުގައި ޖަލަށް ލާފައި ތިބި ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އެއްރޭ ކުއްލި ގޮތަކަށް ނެރުނު އަމުރެވެ.

އެ މައްސަލަ ވެސް ލައްވާލީ ހަމަ ސިޔާސީ ހައިޖާނު ގަނޑަކަށެވެ. އެއީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ސަރުކާރު މެމްބަރު އަބްދުﷲ މަސީހު ބޭރު ކުރުމަށް އިދިކޮޅުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައިރު ސަރުކާރުން އެކަން ވިޔަ ނުދޭން ގަދަފައި ވިއްދާލި ދުވަސްވަރެވެ.

ޖަލްސާތައް ކުރިޔަށް ގެންދިއުމަށް މަޖިލީހުގެ މައްޗަށް އެ ނިންމުމުގައި އަމުރުކޮށްފައި އޮތް ނަމަވެސް މަސީހު ޖަލްސާ އެޖެންޑާއެއް ނުކުރެއްވި އެވެ. އެހެންވެ ގާނޫނީ ދާއިރާގެ ކޮންމެ ބޭފުޅެއް ވެސް ގޮވާލަމުން ދިޔައީ، ސުޕްރީމް ކޯޓުގެ އަމުރަށް އަމަލުނުކޮށް މަޖިލީހަށް ދޫކޮށް ނުލެވޭނެ ކަމަށެވެ.

އޭގެ ފަހުން އަނެއްކާވެސް ކޯޓުގެ ނިންމުމެއް އޮއްވައި، މަޖިލީހުން އެއާއި ހިލާފަށް މަސައްކަތް ފެށުމުން ސުޕްރީމް ކޯޓުން ނެރުނު ބަޔާނެވެ. އޭގައި ވަނީ ސުޕްރީމް ކޯޓުގެ އެންމެހައި ހުކުމްތަކާއި އަމުރުތަކާއި އަދި ނިންމުންތަކަކީ އެއިން ދޭހަވާ ގާނޫނީ އެންމެހައި ނަތީޖާތަކާއި އެކު އިތުރު ބަހުސެއް ނެތި އަދި އިތުރު މަނާކުރުމެއް ވެސް ނެތި ބަދަލު ގެނައުމަކާއި ނުލައި އޭގެ މައްޗަށް އަމަލު ކުރުން ލާޒިމްވެގެންވާ ނިންމުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: