ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒުލު ގަވައިދު އިސްލާހު ކުރި ސަބަބަށް، އަޒްމިރަލްދާގެ ސުވާލު: ދައުލަތުން ބުނީ އޮތީ އަދަދު ހަމަނުވުމުގެ އިހުތިމާލްކަމަށް!

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާނެ ގޮތުގެ ގަވައިދަށް ބަދަލު ގެނެސްފައި ވަނީ ކުރިޔަށް އޮތްތަނުގައި އަޒުލު ކުރުމުގެ މައްސަލައެއް ހުށަހެޅޭ ހާލަތެއްގައި އަދަދު ހަމަނުވުމުގެ އިހުތުމާލު އޮތުމުންކަމަށް ބެލެވޭކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ (ހ) އާއި، ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގައި ހުންނަ ބޭފުޅަކަށް ބަޔާން ކުރާ ހާލަތްތައް މެދުވެރިވުމުން މަގާމުން ވަކި ކުރެވޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ހިމަނާފައިވާ މަޖިލިސް ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާކޮށްފައި ވަނީ ގޯސްކޮށް ކަމަށެވެ. އޭޖީ އޮފީހުން ހުށަހެޅީ މި މާއްދާތައް ބާތިލު ކުރުމަށެވެ.

ގަވައިދުގައި ވަނީ ”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ ކުރިޔަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ހުސްވި ގޮނޑިއެއް ނުހިމެނޭނެ“ ކަމަށެވެ.

މަޖިލިސް ތަމްސީލު ކުރަނީ ވެސް ބަންޑާރަ ނައިބުގެ އޮފީސްކަމަށްވުމާއި އެކު މައްސަލަ ކުރިޔަށް ގެންދާނީ ރައްދު ދޭނެ ފަރާތެއް ނެތިކަން ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ޝަރީއަތް ފައްޓަވަމުން އިއުލާނު ކުރައްވާފަ އެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ބަންޑާރަ ނައިބުގެ އޮފީސް ތަމްސީލު ކުރުމަށް ކޯޓަށް ވަޑައިގެންނެވި، ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ ”މަޖިލީހުގެ ޖުމްލަ މެންބަރުން“ މި އިބާރާތަށް އެ މަޖިލީހުން މިހާރު ދިފާއިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާއިރު މިއީ ގަނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާއާއި، 88 ވަނަ މާއްދާ އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެއްކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއްގެ މައްޗަށް ސުޕްރީމް ކޯޓަށް ބަސް ނުބުނެވޭނެކަމަށް، ނުވަތަ އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަންނަކަމަށް ދެކެވޭ ވާހަކައަށް އެންމެ ފުރަތަމަ ވެސް ފާތިމަތު ހަލީމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ ގަވައިދުގެ މާއްދާތަކަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިހާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

މިގޮތަށް މަޖިލީހުން ނިންމާފައި ވަނީ، ލިބިގެންވާ ބާރުގެ ބޭރުންކަމަށްވާތީ މައްސަލަ ހުށަހެޅި ބައެއް ގާނޫނީ ސަބަބުތައް ފާހަގަކޮށް ފާތުމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ބަލާއިރު މިހާރު ކުރިޔަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށެވެ. އަދި މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް މަޖިލީހުގެ ޖުމްލަ މެމްބަރުން ނުހިމެނޭ ގޮތަށް ނިންމާފައިވާ ނިންމުމަކީ އެ މާއްދާގައި މަޖިލީހުގެ ކަންކަން ފާސްކުރުމުގައި އޮންނަން ޖެހޭ ގާނޫނީ އަދަދު ބަޔާން ކުރާ މާއްދާތަކާއި ތައާރަޒުވާ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވި އެވެ.

ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި މިއީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ގަވައިދު ހެދުމުގައި، މަޖިލީހަށް ލިބިގެންވާ ބާރު ބަޔާންކުރާ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުގެ ބޭނުން ނިންމާފައިވާ ނިންމުމެކެވެ.

ވަކީލު އެ ފާހަގަކުރެއްވީ، ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ، ގާނޫނުއަސާސީއަށް އަމަލު ކުރުމާއި މާނަކުރުން ބަޔާން ކުރާ މާއްދާ އެވެ. އެ މައްދާގައި ވަނީ ދިވެހިރާއްޖޭގައި ހަދާ އެންމެހަި ގާނޫނުތައް ހަދަންވާނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމަށެވެ. އަދި ގާނޫނުއަސާސީން ލާޒިމު ކުރާ ގޮތަށް ހިލާފަށް، ގެންނަ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނުގެ ބައެއް ބާތިލުވާނެކަމަށް ބުނެ އެވެ. އެހެންކަމުން ގާނޫނުއަސާސީއާއި ހިލާފަށް ކުރާ ކޮންމެކަމެއް ބާތިލުވެގެން ދާނެކަމަށް އެ މާއްދާގައި ވެއެވެ.

އެއަށް ފަހު ފާތިމަތު ހަލީމް ވިދާޅުވީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކޯޓުތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 1 ނަމްބަރު 1، 2 އަދި 3 ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސް ލިބިގެންވާ މައްސަލައެއްކަމަށް ގަބޫލު ކުރެވޭތީކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އެ ފާހަގަކުރީ، ސުޕްރީމް ކޯޓުގެ އިހުތިސާސް ލިބިގެންވާ މައްސަލަތައް ބަޔާން ކުރާ މައްދާ އެވެ.

11 . ސުޕްރީމްކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް
(ހ) އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ސުޕްރީމްކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައިގެ ގޮތުގައި ބެލުމުގެ އިޚްތިޞާޞް ސުޕްރީމްކޯޓަށް ލިބިގެންވެއެވެ.
(1) އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ
(2) އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ
(3) އެ މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތައް ސުޕްރީމްކޯޓުން ބަލައި ނިންމަންވާނީ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން، އެ މަޖިލީހުގައި އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިބެގެންނެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިފަހުން އިންތިހާބު ކުރި 17،18، އަދި 19 ވަނަ މަޖިލީހުގައި ޖުމްލަ މެމްބަރުންގެ އަދަދު ގުނާފައި ވަނީ ހުސްވެފައިވާ ގޮނޑިތައް ހިމެނޭހެން ކަމަށެވެ. އެއީ މަޖިލީހުގެ ގޮނޑިއެއް ހުސްވި ނަމަވެސް، ކަން ހިނގަމުން އައި ގޮތްކަމަށް ވަކީލު ވިދާޅުވި އެވެ. 
”މާނައަކީ ހުސްވެފައިވާ ގޮނޑިތައް ވެސް ހިމެނޭ ގޮތުން އަދި ގޮނޑިއެއް ހުސްވިކަމުގައިވީ ނަމަވެސް އެއީ ޖުމްލަ މެމްބަރުންގެ ގޮތުގައި.. 87 މެމްބަރުންގެ ގޮތުގައި މި މަޖިލީހުން ބަލަމުން މިހާތަނަށް ވެސް ގޮސްފައި ވަނީ.. އެހެން ނަމަވެސް މަޖިލީހުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހެއްގެ ދަށުން މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ގުނުމުގައި ޖުމްލަ މެމްބަރުން ނުހިމެނޭ ގޮތަށް، ގަވައިދު 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަށް އިސްލާހު ގެނެސްފައި ވޭ..“ ފާތިމަތު ހަލީމް ވިދާޅުވި އެވެ

މިފަދަ ބަދަލެއް ގެންނާން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ، ރިޔާސަތުން ސުވާލު ކުރުމުން ވަކީލު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އަޒުލު ކުރުމުގެ މައްސަލައެއް ހުށަހެޅޭ ހާލަތެއްގައި އެ އަދަދު ހަމަނުވުމުގެ އިހުތުމާލު އޮތުމުން ކަމަށެވެ. އެކަމަކު އަނެއްކާވެސް އަޒުލުކުރުމާއި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ އެންމެ ހައްސާސީ މައްސަލަތައް ކަމަށް ފާހަގަކުރައްވައި ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވީ މަޖިލީހުގެ ގަވައިދަށް މި ގެނައި ބަދަލާއި އެކު، ތަޅުމުގައި ދުވަހުން، ދުވަހަށް ކުރާ އެއްވެސް މަސައްކަތަކަތަށް ހުރަހެއް އެބައޮތް ތޯ އެވެ.

”މިހާރު އަޒުލު ކުރުމާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުކީ، އެއީ އެންމެ ހަސްހާސީ މައްސަލަތައް… ރައްޔިތުންގެ މަޖިލީހުގެ ޑޭޓުޑޭ މިސާލަކަށް އެ ކުރައްވާ މަސައްކަތްތައް… މިސާލަކަށް ބިލް ފާސްކުރުމާ، އެ ނޫން ވެސް ނިންމުންތައް ނިންމުމުގައި ހުރުހެއް އެބައޮތް ތޯ އެއީ އަޅުގަނޑުގެ ސުވާލަކީ“ ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވި އެވެ

ގަވައިދުގައި އެކި މަސައްކަތްތަކަށް ބޭނުންވާ، ތަފާތު އެކި އަދަދުތަކެއް ހުރިއިރު ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ މަޖިލީހުގެ ތަޅުމުން ނިންމުމެއް ފާސްކުރުމަށް އަޣުލަބިއްޔަތު ބޭނުންވާ މިންވަރު ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާން ކުރާކަމަށެވެ. އަޒުލު ކުރުމުގެ އަދަދު ހަމަނުވުމުގެ ފުރުސަތު އެބައޮތްކަމަށް ދައުލަތުން ވިދާޅުވުމުން، އެކަމަށް ފަނޑިޔާރު ވިދާޅުވީ އެ ވާހަކަތައް އެއް ފަރާތް ކުރުމަށް ފަހު ގަވައިދަށް އިސްލާހު ގެންނަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯ ސާފުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

”އެހެންވީމާ މިތަނުން ކޮން މަސައްކަތަކަށް ހުރަސްއެޅޭތީވެތޯ އޭ، މި އިސްލާހު މިގެންނަން މި ޖެހުނީ.. އަޅުގަނޑު ތި ރިޕޯޓު ބަލާލިން، އެކަމަކު ތި ރިޕޯޓުގައި ނެތްކަންނޭނގެ، އެހާ ތަފްސީލުކޮށް ސަބަބުތަކެއް ދެއްވާފައެއް.. އަޅުގަނޑު ހިތުން ކޮންމެވެސް ސަބަބެއް އޮންނާނެ ކަންނޭނގެ، މި އިސްލާހު ގެންނަން.. އަޒުލު ކުރުމުގެ ވާހަކަ އެއްފަރާތުގައި ބާއްވާ.. އަޒުލު ކުރުމުގެ ވާހަކަ އެއްފަރާތުގައި ބާއްވާފައި… ގާނޫނުއަސާސީއަށް އިސްލާހު ގެނައުން އެއްފަރާތުގައި ބާއްވާފައި، އެ ނޫން ކޮން ސަބަބެއް ތޯ އޭ އޮތީ، މިކަހަލަ އިސްލާހެއް ގެންނަންވަން“ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ

އެކަމަކު ޖަވާބުގައި ފާތިމަތު ހަލީމް ވިދާޅުވީ، ފަހުން ލިއުމުން ޖަވާބު ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށެވެ. އަދި މިވަގުތު ކޯޓުގައި ފާހަގަކުރަމުން ގެންދާ ނުކުތާތަތަކީ، ލިބެން ހުރި މައުލޫމާތުތައްކަމަށާއި އެކަން މަޖިލިސް މެދުވެރިކޮށް ސާފު ކުރެވިދާނެ ކަމަށެވެ.

”އަޅުގަނޑަށް ތި ނުކުތާގައި ސީދާ ޖަވާބުދާރީވުމަށް ވުރެ… ފަހުން އެ ލިއުމުން ސާފު ކުރުމަށް ފަހު ހުށަހަޅަން ފުރުސަތު ދެއްވައިފި ނަމަ އަޅުގަނޑުމެން އެކަންކޮށްލާނަން.. ދެން އަޅުގަނޑުމެންނަށް މިހާރު ލިބެން ހުރި މައުލޫމާތުތަކަކީ މިއީ.. އެހެން ނަމަވެސް މައްސަލަ މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު އެ މާއްދާއަށް އިސްލާހު ގެނައުމުގެ، ދަ އެކްޓް އިޓް ސެލްފް ޝޯސް އޭ، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ، އޭރު އެ މާއްދާއަށް އިސްލާހު ގެނެވުނު، ނުވަތަ އެ ސަބަބުތައް މިހާރު ނެތްކަމުގަ“ ފާތިމަތު ހަލީމް ވިދާޅުވި އެވެ

ދައުލަތުން ބުނީ މައްސަލައި ބުނާ މާއްދާތައް އަނެއްކާވެސް އެހެން މާއްދާއެއްގައި ހިމަނާފައިވާއިރު އޭގެ ސަބަބަކީ ނުވަތަ ނިޔަތަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ދެއްވައިފި ނަމަ، މަޖިލީހުން އެކަން ސާފު ކުރުމަށް ފަހު ހުށަހަޅުއްވާނެކަމަށް ވަކީލު ވިދާޅުވި އެވެ. ޖަވާބާއި މެދު ހިތްހަމަނުޖެހި، ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، މުޅި މައްސަލައިގެ މައުޟޫއު ބިނާވެގެންވާ ކަމެއްގެ މައްޗަށް، ދައުލަތުން ތައްޔާރުވާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

”މުޅި މައްސަލައިގެ މައުޟޫއު ބިނާވަނީ ތިކަމަށް ދެއްތޯ؟.. އަޅުގަނޑަށް ހީކުރީ އެއަށް ތައްޔާރުވެވަޑައިގެންކަމަށް ވަޑައިގަންނަވާނީ“ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ

ޖަވާބުގައި ބަންޑާރަ ނައިބުގެ އޮފީހުން ދެން ވަޑައިގެން ހުންނެވި ސީނިއާ ސްޓޭޓް ކައުންސެލް ހައްވާ ސަނާ ވިދާޅުވީ، މައްސަލައިގެ ހުށަހެޅި ރިޕޯޓުގައި ސަބަބު ބަޔާން ކުރިކަމަށެވެ. އަދި އެ ނުކުތާ ހުށަހަޅުއްވައި ވިދާޅުވީ، ރިޕޯޓުގައި ވާނެ ގޮތުން “ކަން މިހެން އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނުމުގައި، އުސްތިއުފާ ދެއްވާފައިވާ ހަތް މެމްބަރުން ހިމެނުމަށް ގާނޫނުއަސާސީން، ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދު ހަމަކުރުމަށް، ދަތިވާކަން ފާހަގަކުރެވޭތީ އާއި ގާނޫނުއަސާސީގައި ފާހަގަކުރާ މުހިންމުކަންކަން ފާސްކުރުމަށް ލާޒިމް ކުރާ އަދަދުތައް ހަމަކުރުމަށް ދަތިވާ ހާލަތްތައް އައުން އެކަށީގެންވާކަމަށް… ފާހަގަކުރެވޭކަން އަދި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅޭ ފަދަ ހާލަތްތައް ކުރިމަތިވެދާނެ ހާލަތްތައް ފެންނަކަމަށް” މިއީ ކޮމިޓީގެ ނިންމުމުގައި ބުނެފައިވާ ސަބަބުޖަމަށް ވަކީލު ވިދާޅުވި އެވެ. އެހެން ނަމަވެސް މިއީ ލިއުމުން ފެންނާން ހުރި ސަބަބުތައް ސަނާ ވިދާޅުވި އެވެ.

ދެން އަނެއްކާވެސް ފަނޑިޔާރު ވިދާޅުވީ، ކޯޓުގައި މަޖިލީހުގެ ފަރާތުން ރައްދު ދީ ތަމްސީލު ކުރާނެ ފަރާތެއް ނެތްކަމަށާއި އެހެންކަމުން ހުރަސްއެޅެނީ މަޖިލީހުގެ ކޮން މަސައްކަތަކަށް ތޯ ސުވާލު ކުރެއްވި އެވެ.

”އަޅުގަނޑު މި ދަންނަވާ އެއްޗަކީ.. ޓެކްނިކަލީ.. މަޖިލިސް ވެސް ތަމްސީލު ކުރާނެ ފަރާތެއް މިތާކު ނެތް.. ދެންމެ ތި ފާހަގަކުރެއްވި ސަބަބުތައް ބިނާކޮށް އަމަލީ ގޮތުން އެޅޭނެ ހުރަހަކީ ކޮބައިތޯ؟ މިހާރު ގާނޫނުއަސާސީގައި އެބަހުރި ބަޔާންކޮށްފައި.. އަޣުލަބިއްޔަތުގެ ވާހަކަ، ކަންކަން ފާސްކުރުމަށް ބޭނުންވާ އަޣުލަބިއްޔަތުގެ ވާހަކަ އެގޮތުން މިހާރު އެއީ 80 ބޭފުޅުން ދެއްތޮ؟ ކޮން ކަމަކަށް ތޯ ހުރަސް އެޅެނީ… އިމްޕީޗްމެންޓު ވާހަކަ އެއްފަރާތުގައި ބާއްވާފައި އިނގޭތޯ ކޮންކަމަކަށް ތޯ ހުރަސްއެޅެނީ.. މަޖިލީހުގެ ކޮން މަސައްކަތެއް ތޯ ނުހިނގައިގެން މި އުޅެނީ“ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ

ޖަވާބުގައި ދައުލަތުން ބުނީ، މަޖިލީހުގެ މަސައްކަތްތައް ބަރާބަރަށް ކުރިޔަށް ދާކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލު ސަނާ ވެސް ފާހަގަކުރި ގޮތަށް، އަޒުލުކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ނުލިބިދާނެކަމުގެ އިހުތިމާލު އޮތް ގޮތަށް ކަން ހިނގާފައިވާކަމަށް ފާތިމަތު ހަލީމް ވިދާޅުވި އެވެ.

”މާނައަކީ ދެއާ އިޒް އަ، ޕޮސިބިލިޓީއޭ، މިކަންކަން ވެދާނެކަމަށް… މިސާލަކަށް ހަތް މެމްބަރުން ދިޔައިމަ.. އެހެންވީމަ މަޖިލީހުގެ މަސައްކަތްތަކަށް އޭގެ ސަބަބުން ހުރަސްއެޅިދާނެކަމަށް.. ހުރަސްއެޅިދާނެތީވެ އެބޭފުޅުން ގެންނަވާފައި އޮތް އިސްލާހެއްކަމަށް ބޮޑަށް ފާހަގަކުރެވެނީ، މި.. ލިޔެކިއުމަށް ބަލާއިރު“ ފާތިމަތު ހަލީމް ވިދާޅުވި އެވެ

ދައުލަތުން ތަކުރާރުކޮށް އަދަދު ހަމަނުވުމުގެ އިހުތިމާލެއް އޮތްކަމަށް ވިދާޅުވަމުން ގެންދަވާތީ، ފަނޑިޔާރު އަޒްމިރަލްދާ ވަނީ ކޮމިޓީގެ ޔައުމިއްޔާ ހުށަހެޅުއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ހަމައެކަނި ހުށަހަޅާފައި ވަނީ ރިޕޯޓުކަމަށާއި، ޔައުމިއްޔާ ލިބިފައި ނެތް ކަމަށެވެ. އެކަމަކު، އެ ވަގުތު ބަންޑާރަ ނައިބުގެ އޮފީހުގެ އަތުގައި ޔައުމިއްޔާ ނެތުމުން ވަކީލުން ވިދާޅުވީ ފަހުން އެ ލިޔެކިއުން ހުށަހަޅުއްވާނެ ކަމަށެވެ.

ހަތް މެމްބަރެއްގެ އިސްތިއުފާއަށް ފަހު، ދެން މިއޮތް މުއްދަތުގެ ތެރޭގައި މަޖިލީހުގެ އެ ދާއިރާތަކުގެ އިންތިހާބެއް ބޭއްވެން ނެތްއިރު އަޒްމިރަލްދާ ވަނީ އައު ދައުރާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަ ގާނޫނުގައި އެގޮތަށް ގާނޫނުގައި ބަޔާން ކުރާ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އަދި ގާނޫނު ޑްރާފްޓު ކުރިއިރު، ހާއްސަ މަޖިލީހުގެ ވިސްނުން މިކަމުގައި ހުރީ ކިހިނެއް ތޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ފާތިމަތު ހަލީމް ވިދާޅުވީ އެއީ ހަރަދުތައް ބޮޑުވާނެތީ އާއި ދުނިޔޭގެ އެހެނިގެން ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތަކީ އެއީކަމަށް ވާތީ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ވަގުތާ ދިމާވަނީ، ވަޒީރުންނަށް ރުހުން ހޯދުމަށް ތާވަލު ކުރުމުން އެމްޑީޕީގެ ވޯޓާއި އެކު ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްވި ވަގުތާ އެވެ. އޭގެ ތެރޭގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ހިމެނޭއިރު، އެ އޮފީހުން އާންމު ކުރި ބަޔާނުގައި ވާގޮތުގައި މައްސަލަ ހުށަހެޅީ ރުހުން ދޭން އެންމެ ފުރަތަމަ ތާވަލު ކުރި ދުވަަހު އެވެ. އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: