ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވަސީލަތްތައް ހޯދައިނުދީ، ޝަރީއަތްތައް އަވަސްވުމަށް އުންމީދު ކުރުމަކީ ބިންމަތީ ހުރެ ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް“

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން:
ޝެއާރކޮށްލާ ކަހަލަދޯ؟

ވަސީލަތްތައް ހޯދައި ނުދީ، ޝަރީއަތްތައް އަވަސް ކުރުމަށް އުންމީދު ކުރުން އެއީ ކަނޑުގައި އިނގިލިން ރޮނގެއް އެޅުން ފަދަކަމެއްކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ބުނެފި އެވެ.

ކޯޓުތަކުގައި ހުރި މައްސަލަތައް ތާށިވެ، ކުރިޔަށް ނުގެންދެވޭއިރު އެކަމަށް އެންމެ ގިނައިން ކަމާއި ބެހޭ ފަރާތްތަކުން ދޭ ޖަވާބަކީ ވަސީލަތްތައް ނެތްކަމުގެ ވާހަކައެވެ. އަދި ޖާގައިގެ ދަތިކަމުގެ ޝަކުވާ ކުރާއިރު އެތައް ޝަރީއަތެއް ފުނިޖެހި ވަނީ ކުރިޔަށް ގެންދެވޭ ގޮތް ނުވެފަ އެވެ.

މި ވާހަކަތައް ދައުލަތުން ވެސް ތަކުރާރުކޮށް ޝަރީއަތްތަކުގައި ފާހަގަކުރާއިރު މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމެއްގައި ކުރި ހުކުމުގައި ވަނީ ޝަރުއީ ދާއިރާއަށް ބޭނުންވާ މުވައްޒަފުންނާއި އިމާރާތްތައް ނުދީ ޝަރީއަތް އަވަސް ކުރުމަށް އުންމީދު ކުރުމަކީ ގޯސް ވިސްނުމެއް ކަމަށެވެ. ހުކުމުގައި ވަނީ އެފަދަ ގޮތަކަށް ހީކުރުން ވެގެން ދާނީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގެއް އަޅާލުން ފަދަ ކަމަކަށް ކަމަށެވެ.

މަސްތުވާތަކެތި އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި 2021، ޑިސެމްބަރު މަހު ހައްޔަރު ކުރި އައްޑޫ ހުޅުދޫ/ ދޭލިއާގެ، އިރުފާން ތަގިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ދޫކޮށްލި މައްސަލައިގައި މިއަދު ކުރިޔަށް ދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ރާއްޖޭގެ އަދުލުގެ ނިޒާމު އޮތް ގޮތުން ބަންދުގައި ގިނަ ދުވަސް ހުރުމުގެ މައްސަލަ ހައްލު ކުރެވޭނީ ޝަރީއަތް އަވަސްކޮށްގެން ކަމަށެވެ.

އިރުފާން ބަންދުގައި ހުއްޓައި ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ އިރުފާން ދޫކޮށްލަން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންވެ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

މި މައްސަލައިގައި އިރުފާންގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ، ހަތް ދުވަހުގެ ތެރޭގައި އިރުފާންއަކީ ޝަރީއަތް ނިމެން ދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އަމުރުކޮށްފަ އެވެ. އަދި އިރުފާން އަލުން ބަންދު ކުރުމަށް ވެސް ކޯޓުން ހުކުމް ކުރި އެވެ.

މައްސަލައިގެ ރިޔާސަތު ވެސް ބެލެހެއްޓެވި ފަނޑިޔާރު ސުއޫދު ވިދާޅުވީ ޝަރީއަތްތައް އަވަސް ކުރަން ޖެހޭއިރު، އެކަން ކުރެވެން އޮތީ ވެސް ދާއިރާއަށް އެކަށީގެންވާ މުވައްޒަފުންނާއި އިމާރާތްތައް ވެސް ފޯރުކޮށްދީގެން ކަމަށެވެ. އެކަމުގައި ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން ރަނގަޅު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ.

ވަސީލަތްތައް ހޯދައި ނުދީ، ޝަރީއަތްތައް އަވަސް ކުރުމަށް އުންމީދު ކުރުން އެއީ ކަނޑުގައި އިނގިލިން ރޮނގެއް އެޅުން ފަދަކަމެއްގެ ގޮތުގައި ސުއޫދު ވިދާޅުވި އެވެ. އަދި އެއީ ބިންމަތީ ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަކަމެއްކަމަށް ވިދާޅުވި އެވެ.

އެފަދަ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައިނުދީ ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުންމީދުކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީ ހުރެގެން ހަނދުވަރުދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް

މައްސަލައިގެ ހުކުމުގައި އިތުރަށް ބުނެފައި ޝަރީއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހާގެ ރިމާންޑު ބަންދު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާގޮތުގެ މަތީން މުރާޖައާ ކުރުމުގައި ވެސް ފަނޑިޔާރުން ތަތުބީގު ކުރަން ވާނީ މީގެ ކުރިން ސުޕްރީމް ކޯޓުން ބެލި މައްސަލައިގައި ވެސް ބަޔާންކޮށްފައިވާ ހަމަތަކަށް ކަމަށެވެ.

އެއީ ރިމާންޑަށް ބަންދު ކުރުމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ހުރެފައި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮތް ތޯ ނުވަތަ ނެތް ތޯ ބެލުމެވެ. އެ މާއްދާގައި ބަޔާން ކުރާ ހާލަތެއް އޮތްކަން ޕްރެކިއުޝަނުން ދައްކައިދޭން ވާނީ އެފަދަ ހާލަތެއް ވުޖޫދުގައި އޮތްކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވޭ މިންވަތަށް ކަމަށް ވެސް ހުކުމުގައި ވެއެވެ.

ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ކޯޓުގައި މަޑުޖެހިފައިވާއިރު، ޝަރީއަތްތައް މަޑުޖެހި ބަންދުގައި ތިބި ބައެއް މީހުންނަކީ ކުށް ސާބިތުވާ ހާލަތެއްގައި ބަންދުގައި މާ ގިނަ ދުވަސް ހޭދަކޮށްފައި ތިބޭނެ މީހުންނެވެ.

މި މައްސަލައިގައި އެކި ކަންބޮޑުވުންތައް އޮތް އިރު، މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދަށް ނިމުމެއް ގެންނަވާނެ ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެކަމަކު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ނުގެންދެވޭއިރު، ގާނޫނުގައި ބުނާ ގޮތަށް ބަންދު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް ގާނޫނުގައި ބުނެފައި ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: