ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ މައްސަލައިގައި ވީބީ ހަސަންގެ މަޖިލިސް ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ވީބީ ހަސަންގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ކެންޑިޑޭޓެއްގެ ހުންނަން ޖެހޭ ޝަރުތުތައް ހަމަނުވާތީ ހެންވޭރު މެދު ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓު ހަސަން ޝިޔާންގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

އަންނަ މޭއި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހަސަން އެންމެ ފުރަތަމަ ހުށަހެޅީ ޕީޕިއެމް/ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށެވެ. އެކަމަކު ޕާޓީއަށް އެކަށީގެންވާ ހިދުމަތްކޮށްފައި ނުވާތީ ހަސަންގެ ފޯމު ބަލައިގަނެވެން ނެތްކަމަށް އޭރު ޕާޓީން ނިންމުމުން ފަހުން ދެން ހަސަން ނިންމީ އަމިއްލަ ގޮތުން އިންތިހާބަށް ނިކުތުމަށެވެ.

ހަސަންގެ ކެންޑިޑެސީގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ. އޭނާ އެ މައްސަލަ ކޯޓަށް ހުށަހެޅީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި އަދާކުރަމުން ނުގެންދާކަމަށް ބުނެ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން އަދާކުރަން ޖެހޭ ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހެއްކަމުގައި ނުވުމަކީ މަޖިލީހަށް ވާދަކުރުމުގެ ޝަރުތެކެވެ.

2006 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކްރިސްޓަލް ލެގޫން ރިސޯޓަށް ދޫކުރި 10 މިލިއަން ޑޮލަރާއި 2008 ގައި ދޫކުރި 64 މިލިއަން ރުފިޔާގެ ލޯނުގެ މުއްދަތު ހަމަވިއިރު އެ ލޯނަށް ފައިސާ ދައްކާފައި ނުވާއިރު ލޯނަށް ގެރެންޓީ ދިން މީހުންގެ ތެރޭގައި ހަސަން ހިމެނެ އެވެ.

ލޯނަށް ޔަގީންކަން ދިން މީހުން އެކަމަށް ޒިންމާވާން ޖެހޭނެކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކުރީ އަށް މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެކަމަކު އެއާއި އެއްގޮތަށް 11 މީހުން ވެސް ފައިސާ ނުދައްކާއިރު އެ މައްސަލަ އެސްބީއައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

2019 ވަނަ އަހަރު ވެސް ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ވެސް ހަސަން ފޯމު ހުށަހެޅުމުން ލޯނުގެ މައްސަލަ ބޮޑުވި އެވެ.

މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހަސަންގެ ކިބައިގައި ފުރިހަމަ ނުވާކަމަށެވެ. އަދި އެއީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެމެ އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހަކަށް ވާތީކަމަށް ވެސް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: