ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަކީ ތަރައްގީގެ އުންމީދުގައި ތާއަބަދު ތާށިވެފައި ތިބޭ ބަޔަކަށް ވާކަށް ބޭނުމެއް ނޫން: ރައީސް

މަޖިލިސް އިންތިހާބު ކެމްޕެއިނަށް ރައީސް ޑރ މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރު ނިމެން ގާތްވުމުން، އަނެއްކާވެސް އިންތިހާބަށް ވޯޓު ހޯދުމުގެ ބޭނުމުގައި މަޝްރޫއުތައް އިއުލާނު ކުރުން އެއީ ގެންގުޅުއްވާ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް މުއިއްޒު އެންމެ ބޮޑަށް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އަޣުލަބިއްޔަތު ސަރުކާރަށް ދޭން ޖެހޭ ސަބަބާއި ވައުދުތައް ފުއްދުމުގައި މެމްބަރުންގެ ދައުރު އޮތް މިންވަރެވެ.

އިންތިހާބުގެ ކެމްޕެއިނަށް ދެވަނަ ފަހަރަށް އައްޑުއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރެވެން އޮތީ ދެކުނު ވެސް ގުޅިލާމެހިވާ ގޮތަށް ތަރައްގީ ކުރެވިގެން ކަމަށެވެ. އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޒޯނެއްގެ ގޮތަށް، އެންމެ އުތުރުގެ ހަތަރު އަތޮޅާއި އެކު މެދުރާއްޖެ ވެސް ބަދަލުކޮށްގެން ނޫން ގޮތަކަށް ދިގުދެމިގެން ދާ ތަރައްގީއެއް ގެނެވެން ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

މެނިފެސްޓޯއެއްގައި ލިޔެގެން އެމަނިކުފާނު ވައުދުވީ، ސަދަންގެ މައި ހަބަކީ އައްޑުއަށް ހެދުމަށްކަމަށާއި އެއީ ޕްލޭންތަކެއްގެ ދަށުން ކުރެވޭނެ މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ވަރަށް ގިނަ ކަންކަން ހަގީގަތުގައި… ގުޅުލާމެހިގެން ދާ ކަންކަން.. އަޅުގަނޑު ބޭނުމެއް ނޫން ތިޔަ ލޮބުވެތި ރައްޔިތުންނަކީ ތަރައްގީގެ އުންމީދުގައި ތާއަބަދު ދެބަދޭތެރޭގައި ތިބޭ ބަޔަކަށް ވާކަށް.. ތަރައްގީގައި ކުލަ ޖެހި، ހަގީގީ ސިފައިގައި.. ނަތީޖާ ނެރެވި.. ތަރައްގީ ދައްކައިދޭން ބޭނުންވޭ އަޅުގަނޑު ރައްޔިތުންނަށް..

ރައީސް މުއިއްޒު ވިދާޅުވީ ވައުދުތަކުގައީ ހަގީގީ ކުލަ ޖެއްސުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އާންމުގޮތެއްގައި ސަރުކާރެއް އުފެދިގެން އަންނައިރު، ބޮޑެތި މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް އިއުލާނުކޮށް އަމަލީ މަސައްކަތް ނުކުރާކަމަށެވެ. އަދި އެކަން ނުކުރެވި އޮތީ ކޮން ސަބަބަކާއި ހުރެކަން ސާފުނުވާކަމަށާއި، އެމަނިކުފާނު ބޭނުންވީ ފަސް އަހަރުގެ ދައުރުގެ މެދުތެރެއިންނާއި ފަހުކޮޅު މަސައްކަތް ފަށައިގަތުމަށް ވުރެ ފުރަތަމަ ދުވަހު ވެސް ހިދުމަތް ދޭންކަމުގައި ރައީސް ވިދާޅުވި އެވެ.

ދައުރު ނިމެން ކައިރިވުމާއި އެކު އަނެއްކާ ވެސް ވޯޓުގެ ބޭނުމުގައި ޕްރޮޖެކްޓެއް އިއުލާނު ކުރުމަކީ އެމަނިކުފާނު ގަބޫލު ކުރާހަމައެއް ވެސް ނޫންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނިމެން ގާތްވީމަ ދެން މަސައްކަތް ފެށީމާ އެއީކީ އިހުލާސްތެރިކަމެއް ނޫން… އަޅުގަނޑު ދެންނެވިން ރައްޔިތުން ގާތުގައި، އަޅުގަނޑަށް ޔަގީނުން ވެސް ވެރިކަމަކީ އަމާނާތެކޭ.. ޒިންމާއެކޭ.. ވަރުގަދަ މަސްއޫލިއްޔަތެކޭ..

ޕޯޑިއަމެއްގައި ދައްކާ ކޮންމެ ވާހަކައެއް، އަދި އިންތިހާބުގެ ކެމްޕެއިނަށް ވެސް ދެއްކެވި ކޮންމެ ވާހަކައެއް އެއީ އެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މަތީގައި ހުންނަވައި ރައްޔިތުންނަށްވީ ވައުދުތައްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެއީ ޒިންދާރުކަމާއި އެކު އެކަން ހަގީގަތަކަށް ހެދުމުގެ ނިޔަތުގައި ވީ ވައުދުތައްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވިސްނާލުމުން، މިއީ ކޮންމެހެން ވެސް މުހިންމުކަމެއްކަން ގަބޫލު ކުރެވޭނެ ކަމަށެވެ. ގައުމަށް ހިދުމަތް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ބަޔަކު ހިޔާރު ކުރުމުގެ ނަތީޖާއަކަށް ވެގެން ދާނީ، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ތަރައްގީގެ މަގުން ފަހަތަށް އެޅޭ ފިޔަވަޅަކަށެވެ.

މަޖިލިސް މުހިންމުވާ ސަބަބުތަކަކީ އެއީކަމަށާއި، ދިވެހިންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: