ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާވޭގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި، އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ – މީދޫ ގުޅުވާލަދޭ ބްރިޖުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރު ފަށައި ދައުރު ނިމުމުގެ ކުރިޔަށް ޕްރޮޖެކްޓު ނިންމާލެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ފަތުރުވެރިކަމާއި، އިގްތިސާދީ މައި މަޝްރޫއުއެއްގެ ގޮތުގައި ހުޅުދޫ، މީދޫ އައްޑޫގެ އެހެން ރަށްތަކާއި ބްރިޖަކުން ގުޅުވާލުން ރައީސް މުއިއްޒުގެ ”ދިވެހިންގެ ރާއްޖެ މެނިފެސްޓޯ“ ގައި ވަނީ ހިމަނާފަ އެވެ. މިއީ މީގެ ކުރިން ވެސް ވާހަކަ ދެކެވި، އެކަމުގެ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އަމަލީ ގޮތުން މާބޮޑު މަސައްކަތެއް ފެނުނު މަޝްރޫއުއެއް ނޫނެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫއަށް ތިން ފަަހަރެއްގެ މަތީން ކުރެއްވި ދަތުރުގައި ވެސް ރައީސް ދެއްވި ޔަގީންކަމަކީ ފަސް އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިންމާލުމެވެ.

މަޖިލިސް އިންތިހާބުގެ ކެމެޕެއިނަށް އަނެއްކާވެސް ރައީސް މުއިއްޒު މިއަދު އައްޑުއަށް ވަޑައިގެންނެވި އިރު، އެމަނިކުފާނު ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތައް ފާހަގަކުރައްވައި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. ފުރަތަމަ ދުވަހުން ވެސް މަސައްކަތައް ފެށީ އެ ސަބަބާއި ހުރެކަމާއި، އައްޑުއަށް ވި ވައުދާއި އެއްގޮތަށް ބްރިޖުގެ މަސައްކަތް ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ. ހަފްތާ ސާދައިގެ ދަށުން މަސައްކަތް ފެށީ އިހުލާސްތެރިކަން އެކަމުގައި އޮތުމުންކަމަށާއި، ޑިޒައިނިންގެ ތިންބައިކުޅަ ދެ ބައި މަސައްކަތް ނިމިފައިވާއިރު އެކަމުގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިމެނޭކެމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފަށާއި، ދައުރު ނިމުމުގެ ކުރިޔަށް ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށެވެ.

އަޅުގަނޑު މި މައުޟޫއުގައި ވާ ވައުދު މިރޭ ވެސް ހަމަ ތަކުރާރު ކުރާނީ.. މި އަހަރު 2024.. މި އަހަރު ނިމުމުގެ ކުރިޔަށް އެ ބްރިޖުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނަން.. އިރާދަކުރެއްވިއްޔާ.. އެއީ ކީއްވެގެން، އަޅުގަނޑު ބޭނުން މި ދައުރު ނިމުމުގެ ކުރިޔަށް ބްރިޖު ނިންމަން.. 2028 އައިމަ ކުރާކަށް ބޭނުމެއް ނޫން..

ކިތަންމެ ފުރިހަމަ ނިއަތެއްގައި މަސައްކަތް ފަށަން ގަސްތު ކުރިނަމަވެސް، އެކަން ހުއްޓުވާލުމަށް އުޅޭނެ ބަޔަކީ ރައީސް ވިދާޅުވި ގޮތުން އިދިކޮޅަށް މަޖިލިސް ލިބޭ ހާލަތެއްގައި އެބޭފުޅުންނެވެ. އެހެންކަމުން ރައްޔިތުންގެ އެތައް އުންމީދެއް ގުޅިފައިވާ އެ ޕްރޮޖެކްޓު ހުއްޓުވުމަށް ޖާގަ ނުދިނުމަށް އިލްތިމާސް ކުރައްވައި ރައީސް ވިދާޅުވީ ތަރައްގީގެ ފިކުރުގެ މެމްބަރުން މަޖިލީހަށް ބޭނުންވާކަމަށެވެ.

މިދިޔަ ހަތަރު މަސް ދުވަހުގެ ތަޖުރިބާއަށް ބަލާއިރު މަޖިލީހުގެ ކަންކަން ހިނގި ގޮތުން އިދިކޮޅުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅާނެކަން ފެންނަން އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ. ވި ހުރިހާ ވައުދެއް ފުއްދުމުގައި ރައްޔިތުންގެ އެއްބާރުލުން ދިނުމަކީ ތަކުރާރުކޮށް އެދޭކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވީމަ އެކަހަލަ ރިސްކު، ދިވެހި ލޮބުވެތި ރައްޔިތުން ނުނަންގަވާ.. އަޅުގަނޑު ވި ކޮންމެ ވައުދެއް ފުއްދަން މި ހުރީ…

ރައީސް ވިދާޅުވީ އެމަނިކުފާނު ހުރިހާ ވައުދެއް ވެސް ރަނުން ރަނަށް ފުއްދައިދޭނެކަމަށެވެ. ހިޔާލުތަފަތުވުންތައް ހުރި ސަރުކާރާއި އިދިކޮޅު ބަޔަކު ތިބެގެން ކާމިޔާބީއެއް ނެތްކަމަށާއި ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ބަޔަކު އަދިވެސް އެބަތިބިކަން ދަންނަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެކަމުގައެވެ. ހަމަ އެހެންމެ މިއަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބްރިޖާއެކު އައްޑޫ ސިޓީގެ އިޤުތިޞާދަށް ކުރިއެރުން ލިބިގެންދިއުން ކަމުގައިވެސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވަނީ މިއީ އެމަނިކުފާނު ވައުދު ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކުރައްވައި ބްރިޖުގެ ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތަކީ އެއީ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އައްޑޫ ހިތަދޫއާއި ހުޅުދޫ – މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިރޭ ރައީސް ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ނިމެނޭ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: