ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިން މިނިވަން ނުކުރީ އެމްޑީޕީން، އަސްލަމް ވެސް ކުރިން ދިން ޖަވާބަކީ އެއީ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތްތައް ލަސްވާތީ އެކަން ހުށަހެޅުމުން އެމަނިކުފާނު މިނިވަން ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެންނެވިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް ނިމި، އިސްތިއުނާފާއި ހަމައަށް ދެވުނު ނަމަވެސް އަދިވެސް ޝަރީއަތް ބާއްވާފައި ނުވެ އެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެކި ފަހަރު މަތީން ހައިކޯޓުގެ ރެޖިސްޓްރާއާއި ވެސް ބައްދަލު ކުރަން މަސައްކަތް ކުރި އެވެ.

އޭރު ކޯޓުގެ އިދާރާއިން ދިން މައުލޫމާތުތަކުގައި ބުނީ، އަޑުއެހުން ލަސްވަނީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންކަމަށާއި، މައްސަލަތައް ފުނިޖެހިފައި ހުރިއިރު ވަކި ބޭފުޅަކަށް ހާއްސަކޮށް ޝަރީއަތެއް ތާވަލު ނުކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެކަމަށް މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން އެކަމަށް ޕީޕީއެމް/ޕީއެންސީގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ރައީސް ޔާމީންގެ ޝަރީއަތް ލަސްވަނީ، އެކަމަށް ސަރުކާރުން ނުފޫޒު ފޯރުވާތީކަމަށް ތުހުމަތު ކުރައްވައި އަސްލަމް ވިދާޅުވެފައި ވަނީ އެކަން ޖޭއެސްސީއަށް ހުށަހަޅައި ބަލާނެ ކަމަށެވެ.

މި މައްސަލައިގައި ޝުޖާއު ވިދާޅުވީ އަސްލަމަކީ އެ ވާހަކަ ދެއްކެވުމަށް އެންމެ ރަނގަޅު ބޭފުޅާއެއް ނޫންކަމަށެވެ. ރައީސް ޔާމީނަށް އިއްވި ހުކުމުގެ މައްސަލައިގައި ޝަރީއަތް ލަސްވާތީ އެކަން ހުށަހެޅުމަށް އަސްލަމްއާއި ވާހަކަ ދެއްކެވުމުން އެމަނިކުފާނު އޮނަން ޖެހޭނީ ޖަލުގައިކަމަށް ބުނެ ޖަވާބުދިންކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އަސްލަމް ދިން ޖަވާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ލިބިގެން ރައީސް ޔާމީން މިނިވަން ކުރާނެކަމަށެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާތަކުގައި ރައީސް ޔާމިން ވަނީ، ސަރުކާރުން އެމަނިކުފާނަށް އިންސާފު ހޯދައިދޭން މަސައްކަތް ނުކުރާކަމަށް ވިދާޅުވެފަ އެވެ. ހައިކޯޓުގައި މައްސަލަ ތާށިވެފައި އޮތީ ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި، ރައީސް މުއިއްޒާއި ޕާޓީގެ ލީޑާޝިޕް އެގޮތަށް ބޭނުންވާތީ އެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ތަކުރާރުކޮށް، ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދާތީ އެކަމުގެ ރައްދުގައި ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދުލު އިންސާފާއި، ހިންގުމުގެ ދާއިރާއަށް އެއްވެސް ވަރަކަށް ބާރު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: