ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާއެއް ދީފި، އެމެރިކާއިން ބުނަނީ ބަދަލުހިފަން ބައިވެރިވާން ދެކޮޅުކަމަށް

އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިރާނަށް ހަމަލާ ދިނުމުގައި އެމެރިކާއިން އިސްރާއިލާއި ބައިވެރިނުވާނެކަމަށް އެ ގައުމުގެ ރައީސް ޖޯބައިޑެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަންގައިފިއެވެ.

2024 ވަނަ އަހަރުގެ އޭޕްރިލް 1 ވަނަ ދުވަހު ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ އިމާރާތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި އީރާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިޔާވުމާއިކު އެ ގައުމުގެ އިސްވެރިންވަނީ އެކަމުގެ ބަދަލު ހިފާނެކަން މީޑިއާތައް މެދުވެރިކޮށް އިސްރާއީލަށް އަންގާފައެވެ. އަދި އެ ކަމަށްފަހު އީރާނުގެ ފަރާތުން އިސްރާއީލަށް ހަމަލާ ނުދީ ދުވަސްތަކެއް ނެގުމާއިއެކު ހަމަލާން ނުދޭން ނިންމިކަމާއިމެދު ސުވާލު އުފެދިފައިވަނިކޮށް އެ ގައުމުންވަނީ އެތައް ސަތޭކަ ޑްރޯންއާއި މިސައިލް ބޭނުންކޮށް އެޕްރިލް މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުގައި ގިނަ އަދަދެއްގެ ހަމަލާތައް އެމެރިކާއިން އިސްރާއީލަށް ދީފައިވާ މިސައިލް ޑިފެންސް ސިސްޓަމް ފޫ އަޅުވައި އަމާޒަށް ވާސިލުވާ މަންޒަރު ފެނެއެވެ. މި ހަމަލާތަކުގައި ބޭނުންކޮށްފައިވާ ޑްރޯންތަކަކީވެސް ކަމިކާޒޭ ނުވަތަ ގޮސް ޖެހި ގޮވާ ގޮތަށް ތައްޔާރުކޮށްފައިވާ ޑްރޯންތަކެއް ކަމަށްވެސް ބައެއް ރިޕޯޓުތަކުގައިވެއެވެ.

ބައިނަލްއަގުވާމީ މައިދާނުގެ ޖަމިއްޔާ ޖަމާއަތްތަކާއި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން އަންނަނީ އީރާނުން ހިންގާފައިވާ އަމަލުގެ ސަބަބުން ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންދިއުމުގެ ބިރު އޮތްކަމުގެ ކަންބޮޑުވުން ފާޅުކޮށް އަމަލު ކުށްވެރި ކުރަމުންނެވެ. އދގެ ޖެނަރަލް ސެކްރެޓަރީ އެންޓޯނިއޯ ގުޓޭރޭޒް ވިދާޅުވީ، އިސްރާއީލާއި އީރާނުގެ ދެމެދު ފެށިފައިވާ މައްސަލަ އިތުރަށް ފުޅާވެ ސަަރަހައްދީ މައްސަލައަކަށް ވެގެންދިއުމުގެ ނުރައްކާ އޮތުމުން އިންތިހާ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ވީހާވެސް ކެތްތެރިކަމާއިއެކު އަމަލުކުރުމަށް އިލްތިމާސްކުރައްވާކަމަށާއި މެދުއިރުމަތީގެ އެކި ފަރާތްތަކުން ހަނގުރާމައެއް ކުރަން ފަށާ ފަަދަ އެއްވެސް އަމަލެއް ނުހިންގުމަށްވެސް އޭނާ އެދިވަޑައިގަތެވެ.

ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، އީރާނުންވަނީ އެ ގައުމުން އަންގާ އިއުލާނުކުރުމަށް ފަހު ދީފައިވާ ހަމަލާގެ ފުރިހަމަ ޒިންމާ ނަގާފައެވެ. އަދި އެ ގައުމުންވަނީ އެ އަމަލަކީ ގާނޫނީ އިމުގެ ތެރެއިން ލިބިދީފައިވާ ހައްގާއި ބާރުތަކުގެ މަތިން ހިންގާފައިވާ އަމަލެއްކަމަށް ބުނެ ދިފާއުކޮށްފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާގޮތުން ބަދަލު ހިފާފައިވަނީ އެ ގައުމަށް ލިބިފައިވާ ނަފްސު ރައްކައުތެރިކުރުމުގެ ހައްގުގެ ދަށުންކަމަށެވެ.

އެހެންކަމުން އެއްވެސް ބާވަތެއްގެ އަސްކަރީ ނުރައްކަލަކުން ނުވަތަ ގާނޫނާއި ހިލާފަށް ފޯރުވާ ބާރަކުން އެ ގައުމުގެ ހައްގު މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ދިފާއީ ފިޔަވަޅުތައް އެޅުމަށް ފަސްނުޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި އދގެ ޗާޓަރުގެ ފަންސާސް އެއްވަނަ މާއްދާގެ ދަށުން މެމްބަރު ގައުމަކާއި ދެކޮޅަށް ހަމަލާއެއް ދީފައިވާ ހާލަތުގައި އެ ޖަމާއަތަށް ބައިނަލްއަގުވާމީ ހަމަޖެހުން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅެންދެން ނަފްސުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މެމްބަރުންނަށް އެއްވެސް ހުރަހެއް ނެތްކަމަށް ބުނެފައިވާކަމަށްވެސް ބަޔާނުގައި ފާހަކޮށްފައިވެއެވެ.

އީރާނުން ބުނެފައިވާ ގޮތުން އެ ހަމަލާއަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އަމަލުތަކާއި އެ ގައުމުގެ އަސްކަރީ ގަނާކުރުންތަކުގެ ތެރޭގައި އެ ގައުމުން ޖަވާބެއް ދިނުމުގެ ގޮތުން ޒިންމާދާރުކަމާއިއެކު ދީފައިވާ ހަމަލާއެއްކަމަށެވެ. ރަޝިއާގެ ޑެޕިއުޓީ ޔޫއެން އެމްބެސެޑަރ ޑިމީޓްރީ ޕޮލިޔަންސްކީ ހިއްސާކޮށްފައިވާގޮތުން ހަމަލާއެއް ދީފައިވާކަމަށް ބުނެ އިސްރާއީލުން އދ އަށް ފޮނުވާފައިވާ ސިޓީއެއް ލިބިފައިވާކަމަށެވެ. އަދި އީރާނުން އެ ގައުމުގެ ހަމަލާއަކީ އދގެ ގާނޫނީ ފްރޭމްވޯކްގެ ތެރެއިން ހިންގާފައިވާ ހައްގު އަމަލެއްކަމަށް ބުނެ އީރާނުންވެސް އދ އަށް ސިޓީއެއް ފޮނުވާފައިވާކަން އޭނާ އާންމުކުރެއްވިއެވެ.

ފަސް ގަޑިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި އިސްރާއީލުގައި ހުންނަ ރަމޯން އައރބޭސްއަށް ހަމަލާތައް އަރާފައިވާއިރު 200 އަށްވުރެ ގިނަ ޑްރޯން އާއި ބެލިސްޓިމް މިސައިލުވެސް ބޭނުންކުރި އޮޕަރޭޝަނުގައި އީރާނަށް އެ ގައުމަށް މާ ބޮޑު ގެއްލުމެއް ދެވިފައިނުވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މީޑިއާތަކަށް މައުލޫމާތުދެއެވެ. އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޖާނަލިސްޓުން ސޯޝަލްމީޑިއާގައި ހިއްސާކުރާގޮތުން އިސްރާއީލުގެ ދިފާއުގައި އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ގިނަ ޑްރޯންތައް ވައިގެ ތެރެއިން ގޮއްވާލުމުގެ އިތުރުން އެ ގައުމުތަކުގެ ޖެޓުތަކުން މިސައިލްތައްވެސް މަތަކުރާ މަންޒަރުތައް ފެންނަކަމަށް މައުލޫމާތުދޭއިރު، އިސްރާއީލުން ދޭ މައުލޫމާތާއި ހިލާފަށް ބައެއް އެހެން މުހިންމުތަންތަނަށް ހަމަލާތައް ވާސިލުކުރުމުގައި އީރާނު ކާމިޔާބުވެފައިވާކަމަށް ބުނެވެސް ބައެއް ފަރާތްތަކުން ވީޑިއޯތައް ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އެމެރިކާގެ ރައީސް ބައިޑެން ހާމަކުރެއްވި ގޮތުން އެ ގައުމުން ކުރި މަސައްކަތްތަކުގެ ތެރެއިން ގާތްގަނޑަކަށް ފޮނުވާލި ހުރިހާ ޑްރޯންއާއި މިސައިލުތަކުންވެސް އިސްރާއީލު ދިފާއުކުރެވުނެވެ. އަދި އޭގެ ތެރޭގައި 100 ބެލިސްޓިކް މިސައިލުވެސް ހިމެނޭކަމަށް މައުލޫމާތުދެއްވިއެވެ. އޭނާ ވިދާޅުވީ، އެތަކެތި ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރެއިން ގޮއްވާ ވައްޓާލާފައިކަމަށެވެ. އަދި އިސްރާއީލުން އަނެއްކާވެސް އީރާނަށް ހަމާލާއެއް ދިނުމަށް ތައްޔާރުވަމުންދާކަމުގެ ވާހަކަތައްވެސް ބައެއް ފަރާތްތަކުން މީޑިއާތަކުގައި ހިއްސާކުރަމުންދާއިރު، ބައިޑެންވަނީ މިއީ އެ ގައުމަށް ލިބުނު މޮޅެއް ކަމަށް ބަލައި މައްސަލަ ނިންމާލުމަށް ނަސޭހަތްތެރިވެ އިޝާރާތްކުރައްވާފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން އިސްރާއީލުގެ ބޮޑުވަޒީރުވަނީ އެ ގައުމަށް އަނިޔާއެއް ދޭ ބަޔަކަށް ގެއްލުން ދޭނަކަމަށް ބުނެ ދާދި ފަހުންވެސް އިންޒާރު ދީފައެވެ. އަދި އެއީ އެ ގައުމުން ދިމިސްކުގައި ހުންނަ އީރާނުގެ އެމްބަސީއަށް އެއަރ ރެއިޑެއްކޮށް ބޮންއެޅުމަށްފަހު އީރާނުގެ ޖަވާބަށް ތައްޔާރަށް ހުރިކަމަށް ހިއްސާކުރުމުގެ ގޮތުން ދިން އިންޓަރވިއުއެއްކަމަށާއި، އިންޓަރިވުއުގައި އެ ގައުމުން ބޭނުންކުރާ އެމެރިކާގެ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް މެދުވެރިކޮށް ދިފާއުވުމަށް ތައްޔާރަށް ތިބިކަމަށް ވިދާޅުވިއިރު، ހަމަލާ ދިނުމުގެ ގޮތުންވެސް ތައްޔާރަށް ތިބިކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އޭނާ ވަނީ މި ފުރުސަތުގައި އެމެރިކާ ފަދަ ބައެއް ގައުމުތައް އެ ގައުމުގެ ދިފާއުގައި އަބަދުވެސް ތިބޭކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އެހެންނަމަވެސް ބައިޑެންވަނީ މި މައްސަލައާއި ގުޅިގެން ކުރެއްވި ފޯންކޯލްގައި އެ ގައުމުން އީރާނަށް ހަމަލާ ދިނުމުގެ ގޮތުން ހިންގާ އެއްވެސް އަމަލެއްގައި އިސްރާއީލާއި ބައިވެރިނުވާނެކަން ސާފުކޮށް ނަތަންޔާހޫއާއި ހިއްސާކުރައްވާފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި ބައިޑެންވަނީ އީރާން ކުށްވެރިކޮށްފައިކަމަށްވާއިރު، އިރާގާއި ޔަމަން އަދި ސީރިއާގައި ތިބި އެ ގައުމުގެ ބައިވެރިންތަކެއްވެސް މިކަމުގައި ޝާމިލުވާކަމަށް ތުހުމަތުކޮށްފައިކަން ފާހަގަކުރެވެއެވެ.

ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ނޭދޭކަމަށް އެމެރިކާއިން ބުނަމުންދާނަމަވެސް، އީރާނުގެ ހަމަލާތަކާއި ގުޅިގެން އިސްރާއީލުންވަނީ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ކެބިނެޓެއްވެސް އެކުލަވާލައި މަސައްކަތްތައް ފަށާފައިކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ. އަދި ބައިޑެން އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރިނުވާނެކަމަށް ވިދާޅުވިނަމަވެސް އެ ގައުމުން އިސްރާއިލުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ހުވާކޮށްފައިވުމުން ޖީ ސެވެން ގައުމުގެ ތަކުގެ ލީޑަރުން ގުޅިގެން މިކަމަށް ޑިޕްލޮމެޓިކް ޖަވާބެއް ދޭނެކަމަށް ހިއްސާކޮށްފައިވެއެވެ.

ބައިޑެން ވިދާޅުވީ، މެދުއިރުމަތީގެ ގައުމުތަކާއި އެކުވެސް މަޝްވަރާތައްކުރާނެކަމަށާއި މިހާތަނަށް އެ ގައުމުގެ އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ހަމަލާ ދީފަިއނުވާއިރު، އެފަދަ ހާލަތަކަށްވެސް ތައްޔާރުކަމަށް މައުލޫމާތު ދީފައިވެއެވެ. އޭނާ ވިދާޅުވީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެއްޔާ އެ ގައުމުގެ ރައްޔިތުން ރައްކައުތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އެޅުއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 58%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: