ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުވާ ޕާޓީ ބަދަލު ކުރާނަމަ ދެން ގޮނޑި ގެއްލޭނެ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ މަގާމަކަށް ހޮވޭ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސް ކުރުމަށް ފަހު ތަސްދީގު ކުރުމަށް ފޮނުވުމުން، ރައީސަށް ގާނޫނުގެ ދަށުން ލިބޭ މުއްދަތު ހަމަވާން ގާތްވެފައި ވަނިކޮށް ބިލު ތަސްދީގު ކުރެއްވީ މިއަދު އެވެ. ގާނޫނު ބުނާގޮތުގައި ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސް ކުރުމަށް ފަހު ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރަންވާނެ އެވެ. އަދި ތަސްދީގު ނުކުރައްވާނަމަ އެ މުއްދަތުގެ ތެރޭގައި ގެންނަން ބޭނުންވާ ބަދަލުތައް ހިމަނައި ބިލު އަލުން އަނބުރާ ފޮނުވާލަން ވާނެކަމަށް ގާނޫނުގައި ވެއެވެ.

މި މަހުގެ 01 ގައި ފާސްކުރި އެންޓި-ޑިފެކްޝަން ޤާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ އިންތިޚާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ.

ހަމަ އެއާއެކު، މި ޤާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ޙާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރައްވާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެންބަރުކަމުން އިސްތިޢުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުން ހިމެނެއެވެ.

ރައީސް މުއިއްޒު މި ބިލު ތަސްދީގު ކުރެއްވުމާއި އެކު މިއަދުން ފެށިގެން ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅުނު މައްސަލައާއި ގުޅުވަ އެވެ. އެއީ އެބޭފުޅުން ގަބޫލު ކުރާ ގޮތުގައި 20 ވަނަ މަޖިލީހަށް އެހެން ޕާޓީތަކުން އިންތިހާބުވާ މެމްބަރުން ސަރުކާރަށް ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

މި ބިލާއި އެކު ދެ ޕާޓީން މިވަގުތު ތައްޔާރު ވަމުން ދަނީ އެމްޕީ ރީކޯލް ބިލު މަޖިލީހަށް ހުށަހަޅައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ. އެއީ ދާއިރާގެ މެމްބަރުންގެ ވޯޓަކުން، އެ މެމްބަރަކު ގޮނޑިން ވަކި ކުރެވޭ އިސްލާހެކެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: