ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޝްވަތުގެ ކުށުގައި ރައީސް ޔާމީނަށް އިއްވި ހަތަރު އަހަރުގެ ހުކުމް ބާތިލު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދަށު ކޯޓުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ކުރިޔަށް ގެންދިއުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހައްދަވާފައިވާ ގިނަ ގޯސްތައް ފާހަގަކޮށް އިންތިއުނާފު މަރުހަލާއިން އެމަނިކުފާނު މިނިވަން ވެއްޖެ އެވެ.

މައްސަލައިގެ ހުކުމުގައި ވަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭކަމަށެވެ. އަދި އެ ހައްގު ނުހައްގުން ނިގުޅައިގެނެގެން ނުވާނެކަމަށާއި، އައު ހެއްކަށް ފުރުސަތު ދިނުމަށް ދަށު ކޯޓުން ނިންމުމުގައި ބެލީ ކޮން ގާނޫނީ ހަމައަކަށްކަން އެނގެން ނެތްކަމަށް ހުކުމުގައި ވެއެވެ. އަދި ހުށަހަޅާފައި ހުރި ހެކިތަކަށް، ޑިސްކްރެޑިޓް ކުރުމަށް ފަހު އެހެން ހެކިތަކަށް ފުރުސަތު ދޭން ވީ ސަބަބެއް ނެތްކަމަށް ވެސް ހުކުމުގައި ވެއެވެ.

ހުކުމުގައި ގާނޫނީ ނިޒާމުގެ ނަޒާހަތްތެރިކަން ބިނާވެގެން ވަނީ އިޖުރާއަތްތަކަށް އަމަލުކޮށް، ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި މުޅި ގާނޫނީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް އަމަލު ކުރުމަކީ ކަން ވެގެން ވާނެ ގޮތެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ފަނޑިޔާރުން ގާނޫނު އެކި ގޮތްގޮތަށް މާނަ ކުރުމުގެ ސަބަބުން ރައީސް ޔާމީނަށް ދިފާއުވުމަށް ލިބިގެންވާ ހައްގު ގެއްލިގެން ގޮސްފައިވާކަމަށް ހުކުމުގައި ވެއެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ރިޝްވަތުގެ މައްސަލައިގައި ކުރި ހުކުމުގައި އެންމެ ބޮޑު ނުކުތާއެއްގެ ގޮތުގައި ނަގާފައި ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމާ ގުޅޭގޮތުންނެވެ. ދަށު ކޯޓުން އެކަމުގައި އަމަލު ކުރީ ގޯސްކޮށްކަމަށް ކަނޑައަޅައި ހުކުމުގައި ވަނީ އޭގެ ސަބަބުން ރައީސް ޔާމީނަށް ލިބިދޭން ޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާކަމަށެވެ.

ރައީސް ޔާމިންގެ ފަރާތުން ދައުލަތުގެ ހެކިތައް ނަފީ ކުރުމަށް ހެކި ހުށަހެޅުމުން އެ ބަލައިނުގަތުމަށް ނިންމާފައިވަނީ ގޯސްކޮށްކަމަށް ހުކުމުގައި ވެއެވެ. އަދި އެފަދަ ހެކިތައް ބަލައިގަނެވޭނީ، އިސްތިސްނާ ހާލަތްތަކެއްކަމަށްވީ ނަމަވެސް ދަށު ކޯޓުން އެއްވެސް ގާނޫނީ ސަބަބެއް ދައްކާފައި ނުވާކަމަށް ހުކުމުގައި ވެއެވެ. އަދި ބުނެފައި ވަނީ ދައުލަތަށް އައު ހެކި ހުށަހަޅަން ފުރުސަތު ދިނީ އެކަމަށް ވާހަކަ ދެއްކުމަށް ރައީސް ޔާމީނާއި ވަކީލުންނަށް ފުރުސަތު ނުދީކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.

ވަރަށް ގަދަ
19%ވަރަށް ގަދަ 48%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: